ބޮލީވުޑް

ވަޒީފާއެއް ނެތި ހަތަރު އަހަރު ހުރިން: ރޯނިތު

ރޯނިތު ރޯއީ ގިނަ ބަޔަކު ދަންނަނީ "ކަސޯޓީ ޒިންދަގީ ކޭ"ގެ ފުރަތަމަ ސީޒަންގައި އޭނާ ކުޅުނު މިސްޓަ ބަޖާޖްގެ ރޯލުންނެވެ. ނަމަވެސް އޭގެ ކުރިން އޭނާ ވަނީ ހިންދީ ފިލްމުތަކުގައި މަސައްކަތް ކޮށްފަ އެވެ.

ރޯނިތު ބޮލީވުޑަށް ތައާރަފްވީ 1992 ގައި ރިލީޒްކުރި "ޖާން ތެރެ ނާމް"ގެ ލީޑް ރޯލުންނެވެ. މި ފިލްމަކީ ބްލޮކްބަސްޓާއެއް ނަމަވެސް ރޯނިތުގެ ކެރިއަރަށް މިފިލްމުން މާބޮޑު ކުރިއެރުމެއް ނުލިބުނެވެ. އެ ފިލްމު ރިލީޒްކުރިތާ ހަ މަސް ދުވަސް ފާއިތުވީ އިރުވެސް އިތުރު ފިލްމެއްގެ އެންމެ ފުރުސަތެއް ވެސް އޭނާއަކަށް ނުލިބުނެވެ.

ދާދިފަހުން އީޓައިމްސް އަށް ދީފައިވާ އިންޓަވިއު އެއްގައި ރޯހިތު މި ވާހަކަ ދެއްކީ ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން ފިލްމު އިންޑަސްޓްރީތަކުގެ މަސައްކަތްތައް ހުއްޓި އެކްޓަރުން ހާލުގައި ޖެހި ބައެއް އެކްޓަރުން އަމިއްލައަށް މަރުވުން ފަދަ ކަންތައްތައް ހިނގަމުންދާތީ އެކަމާ ދެރަވެގެންނެވެ.

ރޯހިތު ބުނި ގޮތުގައި އެއްވެސް މީހަކު ޖަޖްކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް އަމިއްލައަށް މަރުވުމަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫނެވެ.

އޭނާ ބުނި ގޮތުގައި ފުރަތަމަ ފިލްމު ބްލޮކްބަސްޓާ ވުމަށްފަހު ހަ މަސް ވަންދެން އެންމެ ކޯލެއް ވެސް އޭނާއަށް ނުލިބެ އެވެ. އަދި ފަހުން ވެސް ލިބުނީ އެއްވެސް އޮއްޓަރެއް ނެތް ބޭކާރު ކުދިކުދި މަސައްކަތެވެ. އެފަދަ މަސައްކަތުގައި ވެސް އޭނާ ތިން އަހަރު ހޭދަކުރި އެވެ. އަދި 1996 ހިސާބުގައި އެވަރަށް ވެސް މަސައްކަތް ލިބުން ހުއްޓުނެވެ.

"ހަތަރު އަހަރު ވަންދެން އަހަރެން ގޭގައި މަސައްކަތެއް ނެތިފައި އިނިން. އަހަރެން އަތުގައި އޮތީ ކުޑަ ކާރެއް އެކަނި. ނަމަވެސް އެއަށް އަޅަން ޕެޓްރޯލް ގަންނާނެހާ ވެސް ފައިސާއެއް ނެތް. ކާނެ ފައިސާ ވެސް ނެތީމަ ހިނގާފައި މަންމަ ކައިރިއަށް ދަނީ ކާން. އަހަރެން ގަބޫލުކުރާ ގޮތުގައި ފައިސާގެ ދަތިކަން ކުރިމަތިވިޔަސް އަމިއްލައަށް މަރުވުމަކީ އެކަމަށް އޮތް ހައްލެއް ނޫން. އެގޮތަށް ކަންތައް ކުރަން ޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނޭ،" ރޯނިތު ބުންޏެވެ.

ފާއިތުވީ ހަފުތާ ތަކުގެ ތެރޭގައި ފިލްމާއި ޓީވީ ސިލްސިލާތަކުގައި ކުދި ކުދި ރޯލުތައް ކުޅޭ ބައެއް އެކްޓަރުން ހާލުގައި ޖެހި އަމިއްލައަށް މަރުވުމުގެ ބައެއް ހާދިސާތައް ހިނގާފައި ވެއެވެ. އެގޮތުން މޭ 17 ވަނަ ދުވަހު އެކްޓަރު މަންމީތު ގަރެވާލް ވަނީ މުމްބައިގައި އޭނާ ދިރިއުޅޭ ގޭގައި ދަންޖެހިގެން މަރުވެފަ އެވެ. އަދި މޭ 26 ވަނަ ދުވަހު ހަމަ އެފަދަ ގޮތަކަށް ސޮނީ ޓީވީގެ "ކްރައިމް ޕެޓްރޯލް" އެކްޓަރު ޕްރެކްޝާ މެހެތާ ވެސް ވަނީ މަރުވެފަ އެވެ.

އަމިއްލައަށް މަރު ނުވިޔަސް ވަރަށް ގިނަ އެކްޓަރުން ހާލުގައި ޖެހި، އެހީއަށް އެދި ވެސް ސޯޝަލް މީޑިއާގައި ދަނީ ވަރަށް ގިނަ ޕޯސްޓްތައް ޖަހަމުންނެވެ.