(2 ޖޫން 2020 އާ ގުޅޭ)
"ވަޓް އާ ޔޫ ޑުއިން" ދޮރޯށިން އެތެރެއަށް ވަދެ ފަހަތުން ދޮރު ލައްޕާލަން އުޅުނު ލައިތަށް ކެންޒާ ބުންޏެވެ.
"މަގުމަތީގަ ހުރެވޭތަ؟، ތިބުނީނު އެންމެން ނިދާފައޭ" ލައިތު ބުންޏެވެ.
"ކީއްވެ ތިއައީ" ދޮރޯށީގެ އެތެރެފަރާތުގައި މަޑުކޮށްލައިގެން ހުރި ލައިތަށް ބަލަން އިރުކޮޅަކު ހުރެފައި ކެންޒާ އަހާލިއެވެ.
"އައި ވޯންޓް ޓު ސީ ޔޫ" ލައިތު ބުންޏެވެ.
"ކީއްވެ؟" ކެންޒާ އަހާލިއެވެ. ލައިތު ކުރިއަށް ޖެހިލުމުން ބޭއިޚްތިޔާރުގައި ކެންޒާއަށް ފަހަތަށް ޖެހިލެވުނެވެ. ފަހަތުގައި ހުރި ކޮޓަރީގެ ފާރުގައި ކެންޒާ ޖެހުމުން ހުއްޓެވުނެވެ. ފިޔަވަޅެއްގެ ދުރުމިނުގައި ލައިތު މަޑުކޮށްލިއެވެ. އޭނާގެ ދެއަތް ހިމޭން ކުރުވުމުގެ ގަސްދުގައި ޖީންސުގެ އަރިމަތީ ޖީބަށް ކޮށްޕާލިއެވެ. މާނަވީ ބެލުމަކުން ކެންޒާއަށް އޭނާ ބަލަންފެށިއެވެ.
"މީ ޕެންޑާގެ ގެތަ؟" ލައިތު އަހާލިއެވެ.
"ކިހިނެއްވީ؟" ކެންޒާ ސުވާލު އުފެދުނެވެ.
"ޓެލް މީ... މީ ޕެންޑާ އުޅެބޮޑުވި ގެތަ؟" ލައިތު ދެވަނަ ފަހަރަށް އެއްސެވެ.
"ބައްޕަގެ ގެ" ބޯޖަހާލުމާއެކު ކެންޒާ ބުންޏެވެ. ލައިތު އޮޅުންފިލުވަން ބޭނުންވެގެން އެ އުޅެނީ ކޮންކަމެއްކަން ކެންޒާއަކަށް ނޭނގެއެވެ. ލައިތު އިތުރު ސުވާލެއް ނުކުރިއެވެ. ދެމެދަށް ވެރި ހިމޭންކަން ދިގުލިއެއްކަމަކު އެ ހިމޭންކަން ކެންޒާއަށް ކަމުދިޔައެވެ. ގާތުގައި ލައިތު ފެންނަން ހުރުމުންނެވެ.
"ކުޑަކޮށް ވެސް އަހަރެންގެ މަތިން ހަނދާންނެއްނެތީތަ؟" ލައިތުގެ ހިތުގައިވިއެވެ. އޭނާއަށް ކެންޒާ އެނގުނުއިރު ކެންޒާއަށް ލައިތަކީ ކާކުކަން ނޭނގުމުން އެކަމުގެ ޝަކުވާއެއް އޭނާގެ ހިތަކު ނެތެވެ. އޭގެ ބަދަލުގައި އެ އަންހެންކުއްޖާ އޭނާގެ ކުރިމައްޗަށް ދެވަނަ ފަހަރަށް އައުމަކީ ތަޤުދީރުގެ ނިޔާއެވެ. ލައިތުގެ ހަޔާތުގައި ފުރަތަމަ ވާހަކަދެއްކި އަންހެންކުއްޖަކީ އެއީއެވެ.
"ކޮންމެވެސް ދުވަހަކުން އެނގޭނެ... އަހަރެން ނުބުންޏަސް އެނގޭނެ" ލައިތު އަމިއްލަ ނަފްސަށް ބުނެލިއެވެ.
"ލަ...އި.." ކެންޒާގެ އަޑު ހިނދުނީއެވެ. ލައިތު ކުރިއަށް ޖެހިލުމާއެކު ކެންޒާގެ ކޮނޑުގައި ދެއަތުން ހިފާލައި ގާތަށް ދަމާލުމުންނެވެ. ދެއަތް ވަށާލުމާއެކު އޭނާގެ މޭގައި ކެންޒާ ފޮރުވާލިއެވެ. ނޯޝުން އަރައިގަތް ލައިތުގެ ސެންޓުގެ ވަހާއެކު ކެންޒާއަށް ބޮޑަށް އެ މޭގައި މޫނު ފޮރުވާލެވުނެވެ. އޭނާގެ އެ ހަރަކާތް ފާހަގަވީ ކަހަލައެވެ. ލައިތުގެ ލުއި ހީނލުމުގެ އަޑު އިވިލިއެވެ.
"ހެނދުނު އަންނާނަމެންނު" ލައިތު ބުންޏެވެ. އަދި ކެންޒާގެ މޫނުގައި ދެއަތުން ހިފާލައި ގަޔާ ދުރުކޮށްލަމުން ނަޒަރު ސީދާކޮށްލިއެވެ. ވައަތުގެ ބޮޑުވައި އިނގިލިން ކެންޒާގެ ތުންފަތުގެ މަތީގައި އިން ކަޅުތިލައިގަ ލައިތު ފިރުމާލިއެވެ. ކެންޒާގެ ދެތުންފަތް ދުރުވެލިއެވެ. އޭނާގެ އެ ބީހުންތަކުން ކެންޒާއަށް އަންނަމުންދިޔަ ބަދަލު ލައިތަށް ފާހަގަވެއެވެ. އެ މަޢުސޫމް ދެލޮލުން ފާޅުވާންފެށި ވިދުމަކީ ލައިތުއަށް އެނގޭ ބަހުރުވައެކެވެ. އޭނާ ދުރަށް ޖެހިލީ އެހެންވެއެވެ. އަވަސްއަވަހަށް ދެއަތްތިލަ ޖީބަށް ކޮށްޕާލައިފިއެވެ. ހިންދިރުވާލުމާއެކު ކެންޒާ އެއްއަތުން އަނެއްއަތުގައި ހިފަހައްޓާލިއެވެ. ލައިތުއަށް ފަރުދާކުރަން މަސައްކަތްކުރާ އަސަރުތައް އޭނާ އައީ ދެނަގަންނަމުންކަމެއް ނުދެނަހުއްޓެވެ.
"އެކަނިތަ ހެނދުނު އަންނަނީ؟" ދޮރޯށްޓާ ކައިރިއަށް ޖެހިލައި ލައިތު އަހާލިއެވެ.
"ވީކަންޑްގަ ނޫނީ ނަސީމް އަންނާނެ" ކެންޒާ ބުންޏެވެ.
"ދަނީ..." އިރުކޮޅަކު ހުރެފައި ލައިތު ބުންޏެވެ. ކެންޒާ ކުއްލިއަކަށް ބަލާލި ގޮތް ލައިތަށް ފާހަގަވިއެވެ. އޭނާ ދާން ކެންޒާ ނޭދޭކަހަލައެވެ. އެހެންވިޔަސް މަޑުކުރުމަކީ ރަނގަޅު ޚިޔާލަކަށް ނުވާނޭ ލައިތަށް ވިސްނުނީއެވެ. ލައިތު ދޮރޯށި ހުޅުވާލީ ވެސް ކެންޒާއަށް ބަލަން ހުރެއެވެ. ފަސްފަހަތަށް އޭނާ ފިޔަވަޅު އެޅިއެވެ. ދޮރޯށިން ނުކުމެވުނުއިރު ކެންޒާ ދޮރޯށި ކައިރިއަށް އަތުވެއްޖެއެވެ. ލައިތަށް ވެސް ގޮތެއް ނިންމަން އުނދަގޫވެފައިވާ ކަހަލައެވެ. ފިޔަވަޅު މަޑުކޮށްލާފައި ވެސް އޭނާ ކާރު ކައިރިއަށް އައެވެ. ތަޅުހުޅުވާލުމާއެކު ކާރުގެ ދޮރުފަތް ހުޅުވާލައި އޭނާ މަޑުކޮށްލިއެވެ. ދެން ފަސްއެނބުރި ކެންޒާއަށް ބަލާލިއެވެ. ދޮރޯށި ދޮށުގައި ކެންޒާ ހުރި ގޮތް ފެނުމުން އޭނާއަށް ހީވީ މާޒީގެ ތެރެއިން މަންޒަރެއް ކުލަވީ ހެންނެވެ. ހިތަށް ބަޔާންކުރަން ދަތި ގޮތެއް ވެގެން ދިޔައީ ކެންޒާ ބަދަލުކޮށްލި މަޢުނަވީ ހިނިތުންވުމެވެ. އެ ހިނިތުންވުމަށް ރައްދުދޭން ލައިތުގެ ހިތް އަވަސްވެލިކަން ގައިމެވެ. އަތްހިއްލާލައި ވަދާޢުގެ ސަލާމެއް ލައިތުކޮށްލިއެވެ.
"ސީ ޔޫ..." ލައިތު ބުންޏެވެ.
ލައިތުގެ ކާރު ލޯ ކުރިމައްޗަށް ގެއްލެންދެން ކެންޒާ ދޮރޯށި ކައިރީ ހުއްޓެވެ. އެއަށްފަހު ގޭތެރެއަށް ވަދެގެން އައީ މިރޭ ހިނގައިދިޔަ ކަންކަމާމެދު ވިސްނަމުންނެވެ. ލައިތު އުޅުނު ގޮތާމެދު ކެންޒާ އަދިވެސް ހުރީ ސުވާލު އުފެދިފައެވެ. ދެއްކި ހުރިހާ ވާހަކައެއް ކެންޒާއަށް ފަހުމް ނުވިޔަސް ލައިތުގެ ގާތްކަން ނުހަނު ކަމުދިޔައެވެ. ހިތަށް އަނިޔާއެއް ލިބެން އުޅެނީކަމާމެދު ޟަމީރު ފާޅުކުރި ޚިޔާލު ގަސްދުގައި ކެންޒާ އެއްފަރާތްކޮށްލިއެވެ. ހިތުގެ އަވައިގަ ޖެހުނީއެވެ.
* * * * *
"ކޮންތާކަށް ގޮސްލާފަ ތިއައީ" އެލެވޭޓާއިން ނުކުތް ލައިތަށް ސެހްރާނުގެ އަޑު އިވުނެވެ. އޭނާގެ ތުންފަތުގައިވި ހިނިތުންވުން ވަގުތުން ގެއްލުނެވެ. އިހު ހުރި ހުރިހާ އަސަރެއް ފިލައިފިއެވެ.
"ބޭރަށް ނުކުމެލީ" ލައިތު ބުނެލިއެވެ.
"ކަމަކުތަ؟" ސެހްރާނު އަހާލިއެވެ.
"ދުއްވާލީ..." މާގިނަ ވާހަކަތަކެއް ދައްކަން ލައިތު ބޭނުންނުވާ ކަހަލައެވެ.
"އަހަންނާއެކު ގެއަށް އައިސްފައި ކޮޓަރިއަށް ވަނީމަ ހީކުރީ ނިދަންކަމަށް، ކަމެއްވީތަ؟ ކެން ގެއަށް ލާން ދިޔައީސުރެން ލައިތުއަށް ކަމެއްވެއްޖެހެން އަހަންނަށް ހީވަނީ... އަނެއްކާ އަހަރެމެންނާއެކު ކާރަށް ކެން އެރުވީމަތަ؟ ދޮން ބުނީމަ އަހަރެން ވެސް ހިތަށް އެރީ ކެންއަށް ލިފްޓެއް ދޭނީއޭ" ސެހްރާނު ވާހަކަދެއްކިއެވެ.
ލައިތު ގެއިން ނުކުމެގެން ދިޔައިރު ސެހްރާނު ހުރީ ބެލްކަނީގައެވެ. އޭރުއްސުރެ އޭނާ އެ ހުރީ ލައިތު ގެއަށް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ލައިތު ކަމަކާ ހިތްހަމަނުޖެހިއްޖޭ ހީވާތީއެވެ. އަހާ ސުވާލު ކޮށްގެން ނޫނީ ލައިތުގެ ގާތުން ކަމެއް އޮޅުންނުފިލާނޭކަން ސެހްރާނަށް ރަނގަޅަށް އެނގޭތީއެވެ.
"އަހަރެން އޯކޭ... ޕެން... އައި މީން ކެންއަށް ލިފްޓެއް ދިނުން ވެސް އޯކޭ، އޭރު ނިދިނެތީމަ ނުކުތީ ދުއްވާލަން، ޖައްސާލަން މިދަނީ" ލައިތު ބުންޏެވެ. ސެހްރާނު އެއްޗެކޭ ނުބުނީ ލައިތު ހިނގައިގަތީމައެވެ.
ކޮޓަރިއަށް ވަދެވުމާއެކު ލައިތު އައިސް އެނދުގައި އިށީނެވެ. އޭނާއަށް އަދިވެސް ވިސްނެނީ ކެންޒާއާ މެދުއެވެ. ނޭނގި ހުއްޓާ އެ އަންހެންކުއްޖާ ލައިތުއަށް މަޑުމަޑުން ޚާއްޞަވާން ފަށައިފިކަން ހިތް އެއްބަސްވިއެވެ.
"އަހަރެން އަބަދުވެސް ބޭނުންވީ ތިކުއްޖާ ރައްކާތެރިކުރަން، ނައު ލުކް އެޓް ޔޫ، ޔޫ އާ އޯލް ގްރޯންއަޕް... ހެ ހެ ހެ..." ލައިތަށް ބުނެލެވުނެވެ. ހަމައެއާއެކު އޭނާގެ މޫނު މިލައިގެން ހިނގައްޖެއެވެ.
"އެންޑް ޔޫ އާ ސީއިން ސަމްވަން" ލައިތަށް މަޑުމަޑުން ބުނެލެވުނެވެ. އެހިނދު އޭނާގެ ހިތް އެކަން ޤަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. ލައިތު ބޭނުންވެއްޖެނަމަ ކެންޒާގެ ހިތް މިލްކުކުރެވިދާނެކަމުގެ އުންމީދު އެ ހިތް ދިނެވެ. ސިކުނޑި ވެސް ހިތާ އެއްބަސްކިޔެވެ. ދުރުގައި ހުރި މީހަކަށްވުރެ ގާތުގައި ހުންނަ މީހާއަށް އޮންނަ ފުރުޞަތު ބޮޑުވާނޭ ސިކުނޑި ވިސްނައިދިނެވެ.
އެނދުމައްޗަށް އުއްޑުން ވެއްޓިގަތް ލައިތުގެ ތުންފަތަށް މާނަވީ ހިނިތުންވުމެއް ވެރިކޮށްލިއެވެ. ދެ ލޯ މަރާލުމާއެކު ދެއަތް ފުޅާކޮށްލިއެވެ.
* * * * *
ކެންޒާ އައިސް ބަދިގެއަށް ވަންއިރު އައިލެންޑް ދޮށުގައި ކޮފީއެއް ބޯން ލައިތު އިނެވެ. ހީވީ ކެންޒާގެ އިންތިޒާރުގައި އޭނާ އިނީ ހެންނެވެ. ކެންޒާއަށް ހިނިތުންވެވުމާއެކު ކަންފަތުން ހެޑްސެޓް ނައްޓާލިއެވެ.
"މޯނިންގް" ކެންޒާ ފެނުމުގެ ކުރިން ލައިތު ބުނެފިއެވެ.
ރޭ ހަތަރުދަމު ކެންޒާއަށް ނިންޖަކަށްވާ ކަހަލަ ނިންޖެއް ނައެވެ. ލޯމެރިލާފައިވާ ވެސް ހޭލެވެނީއެވެ. ހުވަފެނުން ލައިތު ފެންނާތީއެވެ. އެސަކަރާތުގައި އުޅެނިކޮށް އިރުއަރައިފިއެވެ. އެހެން ދުވަސްދުވަހަށްވުރެ ކުރިން ކެންޒާއަށް އާދެވުނީ ވެސް ލައިތުގެ ޚިޔާލުގައި ހުރެއެވެ. އޭނާ ދުށުމަށް ބޭނުންވެފައި ހުރި ވަރުންނެވެ. ލައިތުގެ ސަލާމަށް ޖަވާބު ދެމުން ކެންޒާ އައިސް އައިލެންޑްގެ އަނެއްފަރާތުގައި ލައިތަށް ކުރިމަތިވާނޭހެން ހުއްޓުނެވެ.
"ލައިފް ކިހިނެއް؟... މިހުރިހާ ދުވަހު ކިހިނެއް އުޅުނީ؟" ލައިތު އަހާލިއެވެ. ކެންޒާއަށް ލިބުނީ ހައިރާންކަމެވެ. ޒަމާންތަކަކަށްފަހު ބައްދަލުވި އެކުވެރިޔަކާ ވާހަކަދައްކާހެން ލައިތު ވާހަކަދައްކަންވީ ސަބަބެއް ކެންޒާއަކަށް ނުވިސްނުނެވެ. އެކަން ކެންޒާއަށްވީ ލައިތު ކުރާ ސަމާސާއަކަށެވެ.
"ޔޫ އާ އެކްޓިން ވިއާޑް" ކެންޒާ ބުނެލިއެވެ.
"އިޓްސް ޓޯޓަލީ ވިއާޑް ފޯ މީ ޓޫ" ބޯއަރިކޮށްލައި ލައިތު ހިނިތުންވެލިއެވެ.
"ލައިތު..." ކެންޒާ ގޮވާލިއެވެ. އެ އަޑުގައިވީ ސީރިއަސްކަމެވެ.
"ޔެސް" ލައިތުގެ ފުށުން ވެސް ފެނުނީ ކެންޒާ ބުނާ އެއްޗެއް އަޑުއެހުމަށް ސަމާލުވެ އިންކަމުގެ އަސަރެވެ.
"ރޭގަ...މީ... އައި... އައި އޭމް ކޮންފިއުޒްޑް" ކެންޒާއަށް ސީދާ ލަފުޒުތައް އަތުރާލައި އެނގެން ބޭނުންވި ކަންކަން ހާމަކުރުން އުނދަގޫވިއެވެ. ލައިތުއާ ނަޒަރު ވަކިކޮށްލައި އައިލެންޑް މަތީ ބޭއްވި ފޯނާއެކު އޮތް ހެޑްސެޓުގެ ވާގަނޑާ އޭނާ ކުޅެންފެށިއެވެ. ލައިތުގެ ގަސްދަކީ ކޮބާކަން އެނގެން ކެންޒާ ބޭނުމެވެ. އަމިއްލަ ހިތުގެ އެދުންތަކަށް ދެކޮޅުހަދަން އުނދަގޫވަމުން އަންނައިރު ލައިތުގެ މަޤުޞަދު އެނގުން ފަހަރެއްގައި އެ ހިތް ކެންޒާއަށް ކިޔަމަންވެދާނޭ ހީކުރެވެނީއެވެ. ކޮންމެ އުފާވެރިކަމަކީ އެއާ ގުޅިފައިވާ ހިތާމައެއްވާ އުފާވެރިކަމެއްކަމުގައި ކެންޒާއަށް ޤަބޫލުކުރެވެއެވެ. ޚާއްޞަކޮށް އޭނާ ކަހަލަ އަންހެންކުއްޖަކަށް ލައިތު ފަދަ ޒުވާނެއްގެ އަޅާލުމާއި ސަމާލުކަން ލިބުމަކީ ނާދިރުކަމެއްކަމުގައި ވާތީއެވެ. އާޚިރުގައި ދެމެދުގައި އޮތް ގާތްކަމަކީ ލައިތު ކޮށްލި ސަމާސާއަކަށްވެދާނޭ ކެންޒާގެ ޟަމީރު ތަކުރާރުކޮށް ބުނަމުންދާތީ ވެސް މެއެވެ.
"ކޮންކަމެއް... ބައްދަލުކުރަން އައީމަތަ؟... ދެމެދުގައިވި ގާތްކަންތަ؟ އަހަރެން އަތްލީމަތަ؟... އަހަންނަށް ހުޅުވާލި ދަޢުވަތުތަ؟ އެއްވެސް ކަމެއް ނޭނގުނުތަ؟" ލައިތު އިންތަނުން ތެދުވިއެވެ. ވާހަކައިގެ ހުރެ ކެންޒާގެ ގާތުގައި އައިސް މަޑުކޮށްލިއެވެ.
"ތިހެން ނުހަދަބަލަ" ކެންޒާއަށް ބުނެލެވުނެވެ.
"އަހަރެން ކީއްކުރީ؟ ގައިމު އަދި އަތެއް ވެސް ނުލަން" ލައިތު ގުދުވެލައި ކެންޒާގެ މޫނަށް ބަލާލިއެވެ. ކެންޒާ ލަދުން އުޅޭހެން ހީވުމުން ލައިތުއަށް ހީނލެވުނެވެ.
"އަދިވެސް ޗޮކުލެޓު ކަމުދޭތަ؟" ލައިތު އަހާލިއެވެ.
"ކީއްވެ އަދިވެސް ހޭ ތިއެހީ..." ކެންޒާ ސުވާލުކުރިއެވެ.
"ކަމުދޭތަ؟" ލައިތު އަހާލިއެވެ.
"ޗޮކުލެޓް ކަމުނުދާނީ ކާކަށް" ކެންޒާ ބުންޏެވެ.
"އެހެންމީހުން މުހިންމެއްނޫން... ޕެންޑާއަށް ކަމުދޭތޯ މިއެހީ" ލައިތު ބުނެލި ގޮތް ކެންޒާއަށް ކަމުދިޔައެވެ. ޚާއްޞަހެން ކެންޒާއަށް އިޙްސާސް ކުރެވުނެވެ. ލުއި ހިނިތުންވުމަކާއެކު ލައިތުއަށް ބަލާލި ކެންޒާ ބޯޖަހާލިއެވެ.
"ދެން ވެއިޓް ފޯ މީ... ޓުނައިޓް" ކެންޒާގެ ކަންފަތް ދޮށުގައި ލައިތު ބުންޏެވެ. އެ ނޭވާގެ އިޙްސާސާއެކު ކެންޒާގެ ގައިން ހީބިހިނެގިއެވެ. އެއްއަތުން އަނެއްއަތުގައި ކެންޒާއަށް ބާރަށް ހިފާލެވުނެވެ. ލައިތު ގޮސް އިހު އިން ގޮނޑީގައި އިށީނެވެ.
"ޓެލް މީ" ލައިތު ބުނެލިއެވެ. ކެންޒާ ބަލާލީ އެބުނި އެއްޗެއް ދޭހަނުވެގެނެވެ. އެއާއެކު ލައިތު ނިތްއަރުވާލިއެވެ. ބުނާށޭ ބުނެލި ކަހަލައެވެ.
"ވަޓް؟" ސުވާލުގެ ނަޒަރުން ބަލަން ހުރެ ކެންޒާ ބުންޏެވެ.
"ޓެލް މީ އެވްރިތިންގް... އެވްރިތިން އަބައުޓް ޔޫ" ލައިތު ބުންޏެވެ. ކެންޒާގެ ހަޔާތާ ބެހޭ ގޮތުން އޮޅުންފިލުވާ ހިތް ލައިތުވިއެވެ. އޭނާއަށް ކެންޒާ ފެނުނީ ދިހަ އަހަރު ފަހުންނެވެ. ބައްދަލުވި އިރު ދެމީހުން ވެސް މިވަނީ ފުރިހަމަ ޒުވާނުންނަށް ވެފައެވެ. އިއްތިފާގެއް ނަމަވެސް އަޅާނުލާ ދޫކޮށްނުލެވޭވަރުގެ ހަޤީޤަތެކެވެ. ދިރިއުޅުމުގެ ހާލަތު ބަދަލުވުމާއެކު ލައިތުގެ ހަޔާތުން އެ މާޒީ ފުހެލުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އޭނާ ދުށްޓެވެ. އެހެންވެ ދުވަހަކަށްވުރެ ދުވަހެއް އެ ހަނދާންތައް އައީ ފަނޑުވަމުންނެވެ. އެކަމަކު އެކަން އެގޮތުގައި ދެމިއޮތީ ކެންޒާއާ ބައްދަލުވެ، ކާކުކަން އެނގެންދެނެވެ.
(ނުނިމޭ)