ފިނިޕޭޖް

ފުރަތަމަ އޮޑިޝަންގެ ހަނދާން މާދުރީ އާ ކޮށްފި

މާދުރީ ޑިކްޝިޓް ބޮލީވުޑަށް ތައާރަފްވީ 1984ގައި ރިލީޒްކުރި "އަބޯދު" ކިޔާ ފިލްމަކުންނެވެ. އެ ފިލްމަށް ރަނގަޅު ކާމިޔާބެއް ނުލިބުނު ނަމަވެސް ހިތްވަރާއި މިންނަތުން އަދި މަޑުމަޑުން ކުރިއަރަމުން އައިސް 90ގެ އަހަރުތަކުގައި ސްކްރީނުތަކުގެ ރަނިކަން އޭނާއަށް ލިބުނެވެ. އޭނާގެ އެކްޓިން އާއި ނެށުމުގެ ހުނަރު އަދި މޫނަށް ގެންނަ ހަރަކާތްތަކުގެ މޮޅުކަމުން މިހާތަނަށް ވެސް މި ހުރިހާ ހުނަރެއް ހުރި ބަތަލާއެއް އޭނާ ނޫނީ ނެތްކަމަށް އެއްބަސްވާ މީހުން ގިނަ އެވެ.

ދާދިފަހުން މާދުރީ ދީފައިވާ އިންޓަވިއު އެއްގައި ވަނީ "އަބޯދު"ގެ އޮޑިޝަންގައި ފުރަތަމަ ފަހަރަށް ކެމެރާ އަކާ ކުރިމަތިލީ ދުވަހުގެ ވާހަކަތައް ކިޔައިދީފަ އެވެ.

މާދުރީ ބުނި ގޮތުގައި އޭރު އޭނާއަށް އެންމެ 16 އަހަރެވެ. އަދި އޭނާގެ އިސްތަށިގަނޑު ހުންނަނީ ވަރަށް ކުރުކޮށް ކޮށާފަ އެވެ. އޭނާ އޮޑިޝަން ދޭން ޖެހެނީ އަވަށްގަނޑުގައި އުޅޭ ވަރަށް ރީތި އަންހެންކުއްޖެއްގެ ރޯލަށެވެ. އެ ޒަމާނުގައި އަވަށްތަކުގައި ދިރިއުޅޭ ކުދިންގެ ވަރަށް ދިގު އިސްތަށިގަނޑު އޮންނާތީ އޭނާއަށް ވެސް ދިގު އިސްތަށިގަނޑެއް ލީ ވިގެއް ވެސް އަޅަން ޖެހުނެވެ.

"އެމީހުން އަހަރެންގެ އެޅުވީ ވަރަށް ދެ ފަށަށް ގަތާފައި އޮތް ވަރަށް ބަރު ވިގެއް. ދެން މޭކްއަޕް ކޮށް ނިމުނުއިރު އަހަރެން ހީވަނީ ހަމަ ހަގީގަތުގައި ވެސް އަވަށެއްގައި އުޅޭ ކުއްޖެއް ހެން. ދެން އެމީހުން އަހަރެން ގޮވައިގެން ދިޔައީ ރާޖްޝްރީ ސްޓޫޑިއޯ އަށް. އެ ތަނަށް ދިއުމާއެކު އަހަރެން ކެމެރާ ކުރިމައްޗަށް ނެރެ އެކްސްޕްރެޝަންސް އާއެކު ނަށަން ބުނި. ފިލްމު އުފައްދާ މީހުން ބޭނުންވީ އަހަރެން ސްކްރީނުން ފެންނަ ގޮތާއި ކެމެރާއާ ކުރިމަތިލާން ކެރޭތޯ ޓެސްޓް ކުރަން،" މާދުރީގެ އިންޓަވިއުގައި ކިޔައިދީފައި ވެއެވެ.

މާދުރީ ބުނީ އޭނާ ހީކުރީ ނަށަންވީ ސްޓެޕްތައް ކިޔައިދީ ކޮންމެވެސް ޑައިލޯގެއް ވެސް ކިޔަން ދޭނެ ކަމަށެވެ. ނަމަވެސް ކުއްލިއަކަށް މިއުޒިކެއް ޖަހާފައި އެންގީ ނަށާށެވެ. ނަސިބު ދިމާކުރި ގޮތުން އޭނާ ސްކޫލްގައި އުޅުނުއިރު ވަރަށް ގިނައިން ސްޓޭޖަށް އަރާ ނަށާފައިވާތީ ލަވައިގެ ހަމަޔަށް ނަށާލާކަށް އޭނާއަކަށް މާ ބޮޑު ކަމަކަށް ނުވި އެވެ. އެ ފިލްމުގެ އޮޑިޝަނުން އޭނާ ފާސްވީ އެހެންވެ އެވެ.