ހިނަވާ އަށިމަތީގައި އޮތް މައްޔިތާ ދިމާއަށް ބަލައިލެވުނެވެ. ހިކިފައިވާ އެ ތުންފަތަށް ކަޅި ޖަހައި ނުލައި އަހަންނަށް ބެލުނެވެ. އަޑި ވަދެ ކަޅުވެފައި ލޯ ކައިރިއަށް ނަޒަރު ހިންގައިލެވުނެވެ. އެއް އިރެއްގައި އޮމާންކޮށް، ދިހުންކުލަ އަރައަރައި ހުރި މޫނުމަތި މިއަދު އެވަނީ ހިކިފައެވެ. ފެން ހިކި އަނަރޫފަވެއެވެ. ދިރުން ނެތި މަރުވެފައެވެ. މައްޔިތެއްގެ ގޮތުގައި އޭނާ އަހަންނާ އެ ބައްދަލުކުރީއެވެ. މިއީ އެ ދުވަހަކަށް ޓަކައި އަހަރެން އިންތިޒާރު ކުރި ދުވަހެވެ. އެކަމަށް ޓަކައި ވަގުތު ގުނި ދުވަހެވެ.
އެ ހަށިގަނޑުގައި އަތް ބީއްސާލެވުމުގެ ޝަރަފު ލިބޭތޯ އަހަރެން ހާދަ ދުއާއެއް ކުރީމެވެ. އެ ދެ ތުންފަތުން އަހަރެންގެ ކޮލުގައި ބޮހެއް ދިނުމަށް އެދެވުނެވެ. ރުހުމުގެ ލޮލުން އަހަންނަށް ބަލައިލުމަށް ހާދަ އުއްމީދެއް ކުރެވުނެވެ. ނަމަވެސް، އެކަން ވީ ބޭކާރެވެ. އެ އުއްމީދުތައް ވީ ބިލާހަކަށެވެ.
އެ ދުވަހަށް ފަހު އަހަރެން އުއްމީދު ކުރީމެވެ. އަޒުމު ކަނޑައެޅީމެވެ. އެ ހަށިގަނޑަށް ދުނިޔެމަތީގައި އަދާކުރަން ޖެހޭ އެންމެ ފަހުގެ އިހުތިރާމު ކޮށްދޭނެ ދެ އަތަކީ އަހަރެންގެ މި ދެއަތަށް ހެދުމަށެވެ. ލޯބިން ފިރުމައިދެމުން އެންމެ ފަހު ވަދާއު ކުރުމަށެވެ. އަހަންނަށް ދިން އަނިޔާގެ ބަދަލު ނުހިފުމަށެވެ. ކުށެއް ކުރެވުނީތީ އެކަން ބޮޑު ނުކުރާށެވެ. އަހަންނަށް ވަށައިގެން ބަލައިލެވުނެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވި އެވެ. ބޭރުން އިވެމުން ދިޔަ ދެ މީހެއްގެ ވާހަކައިގެ އަޑު ނޫން އަޑެއް ނީވެ އެވެ.
މަޑުމަޑުން ކުރިއަށް ޖެހިލީމެވެ. ރޫޖެހިފައިވާ އެ މައުސޫމު މޫނަށް ބަލައިލެވުނެވެ. ނޭނގޭ ގޮތަކަށް އަހަރެންގެ ހިތް ތެޅެމުން ދިޔަ އެވެ. ހިތުގެ ވިންދު އަވަސްވަމުން ދިޔަ އެވެ. މޭތެރެ ހީވަނީ ފުފެމުން ދިޔަހެންނެވެ. ބޮލަށާއި މެޔަށް ފާޑެއްގެ ބާރެއް އަރަމުން ދިޔައެވެ. ދޫދަށަށް ކުޅު ގިނަވެ ހިންދިރުވުން އަވަސްވަމުން ދިޔައެވެ. އެސްފިޔަ ޖެހޭ މިންވަރު އިތުރުވި އެވެ. ލޮލަށް ޖަމާވި ހުރިހާ ކަރުނައެއް އެއްފަހަރާ އޮހިގަތެވެ. ދަތްދޮޅިން ތިރިއަށް އޮހެމުން ދިޔަ ކަރުނަތައް ފެންދެމި ހިކިފައިވާ އެ މޫނަށް ވެސް އެޅެމުން ދިޔަ އެވެ.
އަނެއްކާ ވެސް އަހަންނަށް ބަލައިލެވުނީ އެ މޫނަށެވެ. ހުދުކުލައަށް ބަދަލުވަމުން ދިޔަ އެ ހިކި މޫނަށެވެ. އަޑި ވަދެ ކަޅުވެ މެރިފައިވާ އެ ދެ ލޮލަށެވެ. އާރެއް ބާރެއް ނެތި ހަރުވަމުން ދިޔަ އެ ހަށިގަނޑަށެވެ. އެއީ ކޮންމެ މީހަކަށް ވެސް އަންނާނެ ދުވަހެކެވެ. ކޮންމެ މީހަކު ވެސް މިހާލަތަށް ވެއްޓޭނެ އެވެ. ދުނިޔެއަކީ އަބަދު އެއްގޮތަކަށް އޮންނާނެ ތަނެއް ނޫނެވެ. ކޮންމެ މީހަކީ ވެސް މަރުގެ ރަހަ ދެކޭނެ މީހެކެވެ. އެކި މީހުންނަށް އެކަން މެދުވެރި ވާނީ އެކި ގޮތަށެވެ. މަރުގެ ސަކަރާތުން މިންޖުވާނެ ހަމަ އެކަކު ވެސް މި ދުނިޔެއަކު ނުވާނެ އެވެ. ކޮންމެވެސް ދުވަހަކުން، ކޮންމެ ވެސް އިރަކުން އެ ހަގީގަތާ ކުރިމަތިލާން ޖެހޭނެ އެވެ.
އެކަން ގަބޫލު ނުކޮށް އުޅުނު އެކަކަށް ވާނީ އަށިމަތީ މިއޮތް މީހާ އެވެ. އޭނާ ހިތުން އޭނާއަކަށް އެކަމާ ކުރިމަތި ލާކަށް ނުޖެހޭނެ އެވެ. އޭނާ ގަބޫލުކުރި ގޮތުގައި އޭނާއަކީ ދާއިމީ މެންބަރެކެވެ. ދުނިޔެއަށް އަންނަ ބަދަލާ އެއްވަރަށް އޭނާގެ ޒުވާންކަން ބަދަލެއް ނުވާނެ އެވެ. ސިއްރުން ކުރާ ކަންކަމުގެ ހިސާބު ބެލުމެއް ނޯންނާނެ އެވެ. އެހެން ނޫންނަމަ އޭނާ އެހެން ނޫޅުނީހެވެ. އޭނާ އެގޮތަށް ނުވިސްނީހެވެ. ދުނިޔޭގެ މީރު ކަމުން އުފާ ނުހޯދީހެވެ.
އެކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އަހަންނެވެ. އަހަންނަށް މިހާލު ޖެހުނީ އޭނާގެ ސަބަބުންނެވެ. ޔަތީމު ހާލުގައި ނުކުޅެދުންތެރިއަކަށް ބަދަލުވީ އޭނާގެ އިހުމާލުންނެވެ. އެހެން ނޫން ނަމަ މިއީ އަހަރެން އަމިއްލައަށް ލިބިގަތް ކަމެއް ކަމަށް އޭނާ ދައުވާއެއް ނުކުރީހެވެ. މި ހާލުގައި ޖެހުމުން ގެއިން ނެރެ މަގު މައްޗަށް އެއްލައި ނުލީހެވެ. ދުނިޔެއަށް ގިނަ ނުކުރީހެވެ.
އެދުވަހު އެގޮތަށް ކަންތައް ކުރުމުން އަހަންނަށް ލިބުނީ ކިހައިބޮޑު ވޭނެއްކަން އޭނާއަށް އެނގޭނެ އެވެ. ވަންނާނެ ތަނެއް ނެތި އެއް އަސްކަނި ދަށުން އަނެއް އަސްކަނި ދަށުން އެގޮތް މިގޮތަށް އުޅޭކަށް އުޅުނު މަންޒަރު އޭނާއަށް ފެންނާނެއެވެ. އޭނާގެ އިހުމާލުން، އޭނާގެ ރޭވުމުން އަހަރެންގެ ކަރުބުޑުގައި ލީ ހިތި ރަހަ އަދިވެސް ހަނދާން އެބަހުއްޓެވެ. އުމުރަން ހަނދާން ހުންނާނެއެވެ. އެ މޫނު ފެނުނަސް އަހަންނަށް ސިފަވަނީ އެ މަންޒަރެވެ. އަސްކަނި ތަކުން ފެން އޮހޭ މަންޒަރެވެ. ކަޅު އަނދިރި ކަމުގެ ތެރެއިން ހޫރައިލެވޭ އިލޮށި ފަތިތަކެވެ. ކުރެވެނީ ގައިގެ އެތަން މިތަނުގައި އިލޮށި ފަތިން ޖެހޭ ކަމުގެ އިހުސާސެވެ.
ކުއްލިއަކަށް އެ ހަނދާންތައް ހިތުގެ ތެރެއިން ބޮލަށް ފުންމާލި އެވެ. ސިކުނޑިތެރެއިން ލޮލާ ހަމައަށް ތަސްވީރުވާން ފެށިއެވެ. ތާޒާ މަންޒަރު ތަކެއް ގޮތުގައި ފެންނާން ފެށީ އެވެ.
އެއީ މީގެ ދިހަވަރަކަށް އަހަރު ކުރިއެވެ. އޭރު އަހަރެންގެ އުމުރުން ވާނީ އެއްމެ ސާދަ އަހަރެވެ. އަހަރުމެން އުޅެނީ ކުލީ ގެއެއް ގައެވެ. ބަދިގެއަކީ ވެސް، ކައިގެއަކީ ވެސް، ސިޓިން ރޫމަކީ ވެސް އެއްތަނެކެވެ. އަލިފާން ފޮއްޓެއް ކަހަލަ ކޮޓަރި ގަނޑެކެވެ. ބައްޕައަކީ މަޖޫރީއެކެވެ. އަބަދާއި އަބަދު އުޅެނީ މަސައްކަތުގަ އެވެ. ނިދަން ގެއަށް އަންނާނީ މެންދަމުން އަލިވެ އެކެއް ދޭއް ޖެހުމުންނެވެ. އަންނަ ގޮތަށް އެނދަށް ވެއްޓޭނީ އެވެ. ބަލި ހަށިގަނޑުގައި އެހައި ހިތްވަރު ވެސް ނުހުންނަނީ އެވެ.
އަހަރެން އޮންނަނީ ދެ ބުރި އެނދުގެ އެންމެ މަތީގަ އެވެ. މަންމައާއި ބައްޕަ އޮންނާނީ ތިރީގަ އެވެ. އެނދުގެ ކުރިމަތީގައި ހުންނަނީ ކާ މޭޒެވެ. މޭޒުގެ އެއްފަރާތުގައި ފާހާނާ އެވެ. ކައްކަނީ ވައިގޮޅިއާ އިންވެގެން ހުންނަ ހަނި ތަންކޮޅެއްގަ އެވެ. ހޮހޮޅައެއް ކަހަލަ އެ ތަނަށް އިރުގެ އަލިކަން ލިބޭނެ އެއްވެސް ގޮތެއް ނޯވެ އެވެ. ކޮޓަރިއަށް އަބަދުވެސް އޮންނަނީ ރޭގަނޑުވެފަ އެވެ. އެހެންވެ މުޅިތަނުގައި ހުންނަނީ ތަންމުޑުވަސް ވަކިހިއްޕައިލާފަ އެވެ. ދާ ވަހާއެކުވެފައި ހުންނަނީ ކައްކާއިރު ބޭރުވާ އާވި ގަނޑުގެ ވަހެވެ. އެވަހަށް އަހަރުމެން ތިބެނީ ހޭނިފަ އެވެ.
އަހަންނަށް ލޯ ހުޅުވާލެވުނެވެ. ދެމީހެއްގެ ހުނުމުގެ އަޑު އިވެމުންދާތީ އެވެ. ދެ އަތުން ލޯ އުނގުޅައިލީމެވެ. މަޑުމަޑުން އެނދުގެ ފަޑީގައި ހިފައި ތިރިއަށް ބަލައިލީމެވެ. ދެ ލޯ ބޮޑުވިއެވެ. އަނގަމަތީ އަތްއެޅުނެވެ. އެތަން ނުބެލުނު ނަމައޭ ހިތަށް އެރި އެވެ. މަޑުމަޑުން އެނދުގައި އޮށޯވެލީމެވެ. ދެ ލޯ މަރައިލީމެވެ. ފެންނަމުން ދިޔައީ އެ މަންޒަރެވެ. އިވެމުން ދިޔަ ހުނުމުގެ އަޑާއެކުވަމުން އިވޭ މާނޭވާލުމުގެ އަޑެވެ. އެ އަޑުތައް ކަންފަތް ތެރޭގައި ބާރުވަމުން ދިޔައެވެ. ހީވަނީ ދެ ކަންފަތް ފަޅައިގެން ދާހެންނެވެ. ބޮލަށް ބަރު ޖެހި ބާރު އަރަމުން ދިޔައ ެވެ. އެންމެފަހުން ބޮލާއި ކަންފަތުގައި ބާލީސް އެޅީމެވެ. ލޯ މަރައިލަމުން ވެސް އެ މަންޒަރު ފެންނާތީ ދެ ލޯ ހުޅުވާ ބޮޑުކޮށްލީމެވެ.
އިރުކޮޅެއް ފަހެވެ. ހިތުގައި ޖަހަމުން ދިޔަ ވިންދުތައް ހަމައަކަށް އެޅުނެވެ. ކޮޓަރި ތެރޭގެ އަޑުތައް ހިމޭންވި އެވެ. މުސްކުޅި ފަންކާއިން ވައި ކެފޭ ރާން އަޑު ނޫން އަޑެއް ނީވެއެވެ. އަނެއްކާ ވެސް އެނދުގެ ފަޑީގައި ހިފައި ތިރިއަށް ބަލައިލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކުއްލިއަކަށް އަހަރެންގެ އިސްތަށިގަނޑުގައި މީހަކު ހިފިއެވެ. އަހަންނަށް ބަލައިލެވުނެވެ. އެއީ ފިރިހެނެކެވެ. އަހަރެންގެ ކޮނޑުގައި ހިފައި އޭނާ ތިރިއަށް ދަމައިގަތެވެ. އަހަންނަށް ބަލައިލެވުނީ ނިވާކަމެއް ނެތް އެ ބިޔަ ހަށިގަނޑަށެވެ. ބިރުން ހަޅޭއްލަވާ ގަނެވުނެވެ. އެކަމަކު އެ އަޑެއް ބޭރެއް ނުވިއެވެ. އެމީހާ އަހަރެން އަނގަމަތީގައި އަތް އެޅީއެވެ.
އެހައި ހިސާބުން ފެށުނީ އެވެ. އަހަންނަށް ކުރެވޭނެ މާގިނަ ކަމެއް ނެތެވެ. ދެއްކޭނެ ބާރެއް ނެތެވެ. ވަލު ކުއްތާއެއް ފަދައިން އޭނާ އަހަރެން ނޮޅައި ކަމުން ދިޔަ ކަހަލައެވެ. ހީވީ ދުވަހަކު ކާ އެއްޗެއް ނުފެނި އޮތް ކުއްތާއަކަށް ކާ އެއްޗެއް ފެނިގެން ވައްވައް ޖަހައި ގަތް ހެންނެވެ. އަހަންނަށް ކުރެވުނީ ވެސް އެކަހަލަ އިހުސާސެކެވެ. މުޅި ގައިގައި އެތަން މިތަނުގައި ކުއްތާއެއް ދޫ ހޭކިކަމުގެ އިހުސާސެވެ.
އަހަރެން ފަހަތަށް ޖެހިލީމެވެ. ރޮމުން ގިސްލަމުންނެވެ. ދެފައި ގަޔާ ކައިރިކޮށްލަމުން ބެޑު ޝީޓު ނަގައި އޮޅައިލީމެވެ. އެމީހާ ދެތުވެ ބެލްޓަށް ބާރުކޮށްލި އެވެ. ޓީޝާޓު ކޮނޑު މައްޗަށް އެއްލި އެވެ. ކޮޓަރީގެ ދޮރު ހުޅުނީ އެވަގުތެވެ. އެތެރެއަށް ވަދެގެން އައީ މަންމައެވެ. އެ މީހާ ލާނެތް ފާޑަކަށް އަހަރެންނާ ދިމާ ބަލައިލި އެވެ. އަމިއްލަ ތުންފަތުގައި ބޮޑުވައި އިނގިލި ޖައްސާލަމުން ނުލަފާ ގޮތަކަށް ހީލިއެވެ. އޭނާގެ ވޮލެޓު ނަގައި މަންމައަށް ފައިސާތަކެއް ދިއްކޮށްލި އެވެ. މަންމަ ހިނިތުން ވެލަމުން އޭގައި ހިފި އެވެ. އަހަންނަށް ދަތި ގޮތަކަށް ހިންދިރުވާލެވުނެވެ.
"ވަރަށް ފައްކާ،" އެމީހާގެ ބަރު އަޑުން ކޮޓަރި ގުގުމައިލިއެވެ. "އަދިވެސް ވާނެ."
އެމީހާ ބޭރަށް ނުކުތެވެ. މަންމަ އެނދުގައި އިށީނެވެ. އަހަރެން ރޮއިގަތީމެވެ. އެކަމަކު އަޑެއް ބޭރެއް ނުވިއެވެ. މަންމާއޭ ކިޔައީ ގޮވައިލީމެވެ. އެވަރުން ވެސް އަޑެއް ބޭރު ވާގޮތެއް ނުވިއެވެ.
"މިގޮތަށް ރުހިގެން ނޫނީ ދެން ކަލޭއަކަށް ނޫޅޭވޭނެ. ދަރިން ބޮޑެތި ކުރަނީ ފަސޭހައަކަށް. އެހެން ނޫނަސް ކަލޭ ބައްޕައަކީ ކަމެއްވާ މީހެއް ނޫން. ބާރެއް ހުރި މީހެއް ނޫން. އެއީ މުސްކުޅިއެއް." އަހަންނަށް ބަލައި ވެސް ނުލައި އިނދެ މަންމަ ވާހަކަ ދެއްކި އެވެ.
އަހަރެންގެ ދެ ލޯ ބޮޑުވިއެވެ. އެހައި ހިސާބުން ޔަގީންވި އެވެ. މިއީ މަންމަގެ ރޭވުމެއް ކަމެވެ. އޭނާ އަހަރެން ވިއްކާލި ކަމެވެ. ދުނިޔޭގެ ދަޅަތަކަށް ހެއްލިގަތް ކަމެވެ. އަހަންނަކީ އެއްވެސް އަގެއް ނެތް މީހަކަށް ހަދައިލިކަމެވެ. އަހަންނަށް ދެ ފަރާތަށް ބޯ ހޫރައިލެވުނެވެ. މަޑުމަޑުން ފަހަތަށް ޖެހިލެވުނެވެ. މޫނުގައި ތަތްވެފައިވާ އިސްތަށިތައް ނައްޓާލެވޭތޯ ބެލީމެވެ. ލޮލަށް ޖަމާވި ކަރުނަތައް ހޯސްލައިފައި ކޯތާފަތް މައްޗަށް އޮހެމުން ދިޔައެވެ.
"މިކަން އޮންނަން ވާނީ ސިއްރެއް ގޮތުގައި." ހަރުކަށި ރާގެއްގައި މަންމަ ބުނެލި އެވެ.
"ސިއްރުކުރަންވީ ކާކަށް؟ ކޮން ފަރާތަކަށް؟" އަހަރެން ވާހަކަ ދެއްކީމެވެ.
އަހަރެން ދެއްކި ވާހަކަ އިވުނީ އަހަންނަށް އެކަންޏެވެ. އަޑެއް ބޭރެއް ނުވިއެވެ. އަހަންނަށް ލިބުނީ ހައިރާން ކަމެވެ. އަނެއްކާ ވެސް އަނގަ ހުޅުވާ ބާރުބާރަށް ވާހަކަ ދެއްކޭތޯ ބެލީމެވެ. އަހަންނަކީ ކުރިން ވާހަކަ ދެއްކޭ މީހެކެވެ.
"ކަލޭ ތީ މަންމައެއްތަ؟ އަންހެން ދަރިއެއްގެ ހިމާޔަތުގައި ކަލޭއަށް ކުރެވުނީ ކޮންކަމެއް؟ އަންހެނެއްގެ އިހުސާސްތައް ކަލޭއަށް ނުވިސްނެނީތަ؟ ކަލޭތީ އަންހެނަކަށް ވެސް ނުވާ މީހެއްކަން މިއަދު އަހަންނަށް އެނގިއްޖެ. ކަލޭ މިއަދު އަހަރެން ނަފުސާއި އަހަރެންގެ އިއްޒަތް ދެ ނޫޓަށް ވިއްކާލައިފި." އަޑު ބޭރު ނުވިޔަސް ހިތަށް ގިނަވަމުން ދިޔަ ހުރިހާ ވާހަކަތަކެއް އެއްފަހަރާ އަމުނައިލީމެވެ.
އަހަންނަށް ރޮއިގަނެވުނެވެ. ބާރުބާރަށް ހަޅޭއްލަވާ ގަންނަން މަސައްކަތް ކުރީމެވެ. އެއްވެސް އަޑެއް ބޭރެއް ނުވިއެވެ. އެންމެ ފަހުން މަންމަގެ ބުރަކަށީގައި އަހަރެންގެ އަތުން ކޮށްޓައިލީމެވެ. މަންމަ ބަލައިލި އެވެ. އަހަރެން އަނގަހުޅުވާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރީމެވެ. އަނގައިން ބަހެއް ބޭރަށް ނުނިކުންނަކަން ހަރަކާތުން ދެއްކީމެވެ.
މަންމަ ގާތަށް އައީ ފާޑެއްގެ ހިންޏެކެވެ. މަންމައަށް ލިބުނީ އުފަލެއް ހެން ހީވަމުން ދިޔަ އެވެ. އަހަންނަށް ފަހަތަށް ޖެހިލެވުނެވެ.
"ތިވީ ހަމަ އެންމެ ރަނގަޅަށް. ކަލޭއަށް ދެން އެއްވެސް އެއްޗެއް ނުބުނެވޭނެ،" މަންމަ އަހަންނާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލި އެވެ. "ދެން މާ ގޮތް ދައްކަން އުޅޭނެ ކަމެއް ނެތް. މިރެއަށް ފަހު މި ކަންތައް ތަކުރާރުވާނެ. ދުވާލު ވެސް ރޭގަނޑު ވެސް. މި ދިރިއުޅުމަށް ހޭނެން ޖެހޭނެ. މިއީ ކަލޭގެ އާ ދިރިއުޅުން. މި ނޫން ގޮތެއް ބޭނުން ނަމަ ޖެހޭނީ މަގޭ ކުރިމަތިން ދާން. މިގެއިން ނުކުންނަން. ބަދަލުގައި ކަލޭގެ ބައްޕައަށް ބުނެވޭނެ އެއްޗެއް ނޯންނާނެ. އަހަރެން ކޮށްލާނީ އެއްމެ ހަރަކާތެއް. ޖަހައިލާނީ އެންމެ ޓަތްކެއް. ހުރިހާކަމެއް ތަރުތީބުވާނެ."
އިވެމުން ދިޔަ އަޑުތަކުގެ ސަބަބުން އަހަންނަށް ސިހުން ލިބެމުން ދިޔައެވެ. މަންމައެއްގެ ގޮތުގައި އަހަރެން ދެކެމުން އައީ މަންމަބާއޭ ހިތަށް އެރިއެވެ. މަޔަކު ދަރިއަކަށް އަދި އަމުދުން އަންހެން ދަރިއަކަށް އެހެން ހަދާފާނެ ބާއޭ ހިތްބުނެލިއެވެ.
"ކަލޭއަށް ހީވެދާނެ މަ މީ ކަލޭ މަންމައޭ،" ރަކި ގޮތަކަށް ހެވިފައި އިނދެ މަންމަ ބުނެލި އެވެ. "ބުނަންތަ މަ މި ކަލޭގެ ދޮންމަންމަ. ކަލޭ ތީ ކަލޭ ބައްޕައަށް ލެއްވި ކުއްޖެއް. ކަލޭގެ އަސްލެއް، ހަގީގަތެއް ނޭނގެ. ކަލޭ ބައްޕައަކަށް ވެސް ކަލޭގެ އަސްލެއް ނޭނގެ. ކަލޭ ބަފާ ކަލޭއަށް އަޅައި ނުލަނީ، ކަލޭއާ އަނގައިން ނުބުނަނީ އެހެންވީމަ. ކަލެއަކީ ރަންޑިއެއްގެ ދަރިއަކަށް ވީމަ. އަލަ ގަހަކުން ފަޅަނީ އަލަގަހެއްނު. ކަލޭއަށް ވެސް އޮތީ އެ ހުކުމް. އެއީ ދުނިޔޭގެ ގާނޫނަކީ."
އިވެމުން ދިޔަ ހުރިހާ އަޑުތަކުގެ ސަބަބުން އަހަރެން ކަންފަތް ފަޅައިގެންދާ ވަރުވިއެވެ. ސިކުނޑި ސުމަކަށް ގޮސް މޮޔަވާ ވަރުވިއެވެ. އެއީ އަހަރެންގެ ކުޑަކުޑަ ހިތަށް ބަރުދާސްތު ކުރެވޭވެވަރުގެ ވާހަކަތަކެއް ނޫނެވެ. އެއްފަހަރާ އެހައި ބޮޑެތި ވާހަކަތައް އަހާނެހާ ހިތްވަރެއް އަހަރެންގެ ނެތެވެ. ހަނދާން ހުންނަން ފެށީއްސުރެ އަހަރެން މިއުޅެނީ އެކަނިވެރި ދިރިއުޅުމެކެވެ. ދުވާލުގެ އަލިކަން ފެންނަނީ ހާހަކުން ފަހަރަކުއެވެ. ސުކޫލަށް ދިޔުމަކީ އަހަންނަށް އޮތްކަމެއް ނޫނެވެ. ރީތިވެ ނަލަވުމަކީ އަހަރެން ދަންނަ ކަމެއް ނޫނެވެ. އަހަރެންގެ ދުނިޔެއަކީ މިއެވެ. މި ހަތަރުފާރެވެ. އަހަރެންގެ މިތުރަކީ ރޭޑިޔޯއެވެ. އެނގޭހާ އެއްޗެއް އެނގެނީ އެއިންނެވެ. ދަސްވާހާ ކަމެއް ދަސްވަނީ ވެސް އެއިންނެވެ. އެއިން އިވޭ އެއްޗަކުންނެވެ.
އެރެއަށްފަހު އަހަންނަށް ވާހަކައެއް ނުދެއްކުނެވެ. ވާހަކަ ދައްކަން ބޭނުން ވިޔަސް އަޑެއް ބޭރެއް ނުވެއެވެ. އެކަން ބޮޑު ކަމަކަށްވީ މީހަކު ނެތެވެ. އަހަންނަކަށް ވެސް އެކަން ބޮޑު ކަމަކަށް ނުވި އެވެ. ވާހަކަ ދައްކާނެ ބަޔަކު ނެތީމައެވެ.
އެގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ކޮންމެ ދުވަހަކީ ކޮންމެ ރެޔަކީ އަހަންނަށް އެތައް އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހޭ ރެޔެކެވެ. ދުވަހެކެވެ. މިނިކާ ޖަނަވާރުންގެ ވަކިތަކު ދަށުވާ ވަގުތެކެވެ. ހަމަނޭވާއެއް ލެވޭނެ އެއްމެ ދުވަހެއް ވެސް ނުލިބެއެވެ. މަޑުމަޑުން އެކަން އާދައަކަށްވާން ފެށިއެވެ. ކުރިއަށްވުރެ މަންމަ ހެޔޮކޮށް ކަންކަން ކުރާހެން ހީވާން ފެށި އެވެ. ރީތި ހެދުންތަކާއި ޒާތްޒާތުގެ ސެންޓު އަހަންނަށް ހޯދައިދޭން ފެށި އެވެ.
އަހަންނަށް ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް ވާންފެށި އެވެ. ހެނދުނު ހޭލިއިރު ބޯއެނބުރި މޭބޮޑުވާ ގޮތްވާން ފެށިއެވެ. އަބަދު އޯކަށް ދެމެވޭގޮތް ވާންފެށިއެވެ. މަންމަ އުޅުނީ ކައްކާށެވެ. ނޭފަތުގައި ތަތްވާން ފެށީ ކައްކާ ވަހެވެ. ކާތަކެތީގެ ވަހެވެ. އިސާހިތަކު އޯކަށް ދެމެވޭ ގޮތްވާން ފެށިއެވެ. އަހަރެން ދުއްވާގަތީމެވެ. ފާހާނާއާ ދިމާއަށެވެ. ދެ ލޮލުން ފެން އަންނަމުން ދިޔަ އެވެ. އުނދަގުލުން ހޮޑުލެވުނެވެ. ދެތިން ފަހަރަކު ހޮޑުލެވުނެވެ. އަހަންނަށް ހިންދެމި ލެވުނެވެ. އަނގަ ދޮވެލުމަށްފަހު ފާހާނާއިން ނިކުންނަށް ހިނގައިގަތީމެވެ. ސިއްސައިގެން ނުވެއްޓުނީ ކިރިޔާ އެވެ. ފެނުނީ މަންމަގެ ރުޅިވެރި މޫނެވެ. (ނުނިމޭ)