ހަބަރު

ޅެންވެރިކަމުގެ މަތީ ފެންވަރުގެ ކޯހުގެ ދަސްވެނިވުން ބާއްވައިފި

Jun 6, 2020

ޅެންވެރިކަމުގެ މަތީފެންވަރުގެ ހުނަރުތައް އުގަންނައި ދިނުމަށް ރާއްޖޭގައި ހިންގުނު ފުރަތަމަ ކޯހުގެ ފުރަތަމަ ބުރުގެ ބައިވެރީން ދަސްވެނިވެއްޖެ އެވެ.

މިއީ އަދަބިއްޔާތު ރީތި ކުރުމުގެ އިލްމުތައް ކަމަށްވާ ބަޔާނީ އިލްމާއި، ބަދީއީ އިލްމާއި، މައާނީ އިލްމާއި އަދި ޅެންވެރިކަމުގެ ހާއްސަ އިލްމެއްކަމުގައިވާ ކާފިޔާގެ އިލްމުގެ ބަހާތައް ހިމަނައިގެން ދިވެހި ތާރީހުގައި ވެސް ހިންގުނު ޅެންވެރިކަމަށް ހާއްސަ ފުރަތަމަ ކޯހެކެވެ.

މެއި 26 ފެށިގެން ޖޫން ހަތަރަކަށް އޮންލައިންކޮށް ހިންގުނު މި ކޯހަކީ ޒާދު އެކެޑެމީއާ ގުޅިގެން ކުޅަދާނަ ޝާއިރު އާދަމް ނަސީރު އިބްރާހީމް ފަރުމާކޮށް އޭނާ ކިޔަވައިދެއްވި ކޯހެކެވެ. 55 ބައިވެރީން ހިމެނުނު މި ކޯހުގައި ރާއްޖޭގެ މަޝްހޫރު އެތައް ޝާއިރުންނެއް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. 45 ބައިވެރިޔަކު މި ކޯސް ފުރިހަމަ ކުރިއެވެ.

ކޯސް ނިންމުމުގެ ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވީ ބޭރުގެ އަދަބިއްޔާތު ތަހުލީލުކުރެއްވައި އުނގަންނާ ދެއްވާ ބޭފުޅެއްކަމުގައިވާ ޑރ އަޝްރަފު އަބްދުއްރަހީމެވެ. އޭނާގެ ވާހަކަފުޅުގައި މޮޅު ޅެންވެރީންގެ ހިޔާލުތައް ބައްޓަން ކުރެވިފައި ހުންނަ ގޮތާއި އޭގެ ބޭނުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އެ ގޮތުން އައްލާމާ އިގުބާލު ފަދަ މި ސަރަހައްދުގެ މަޝްހޫރު އެތައް ޅެންވެރީންނެއްގެ ޅެންތަކުން މިސާލު ހުށަހަޅުއްވިއެވެ. އަދި އިހުގެ ރީތި ދިވެހި ބައެއް ޅެންތަކުން ވެސް މިސާލު ދައްކަވައިދެއްވިއެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނު ވަނީ އާދަމް ނަޞީރު އިބްރާހީމްގެ ޅެންފޮތެއްކަމުގައިވާ [ކާއިނާތުގެ ހިލަން] މި ފޮތުގެ އީ ވާޝަން ނެރެދެއްވައިފައެވެ.

ކޯސް ފަރުމާކުރައްވައި ކިޔަވައިދެއްވި މުދައްރިސެއްގެ ހައިސިއްޔަތުން އާދަމް ނަސީރު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި މިއީ ވަރަށް އުންމީދީ ފެށުމެއްކަން ފާހަގަ ކުރެއްވިއެވެ. ހާއްސަކޮށް ރާއްޖޭގެ މަޝްހޫރު އެތައް ޝާއިރުންނެއް މި ކޯސް ފުރިހަމަކުރައްވައި އެ ބޭފުޅުންގެ އުފެއްދުންތަކަށް ބޮޑެތި ބަދަލުތަކެއް އައިތަން ފެނުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނުކަމެއްކަން ނަސީރު ވިދާޅުވިއެވެ.

މި ކޯހުގައި ބައިވެރިވެ ވަޑައިގަތް އެއް ބޭފުޅެއް ކަމުގައިވާ މަޝްހޫރު ޝާއިރު އީސާ ޝަރީފު މި ކޯހުގެ ޓިއުޓޯރިއަލް ގަޑިތަކުގައި ބައިވެރީންނަށް ކިޔަވައިވެސް ދެއްވިއެވެ.

"ބައިވެރީންގެ ޝައުގާއި ކޯހުގެ މުގައްރަރުގައި ހުރި އުފެއްދުންތެރި އާ މައުލޫމާތާ ވަޒަން ކުރެވުމުން އަޅުގަނޑު ހަމަ ހިތަށް އެރީ ލެކްޗާގަޑީގައި ދެއްވާ ފުން މައުލޫމާތަކަށް އަމަލީ ސިފަގެނައުމުގައި އަޅުގަނޑު ބައިވެރީންނާ އެކު ގިނަ ވަގުތުތަކެއް ހޭދަ ކުރާ ނަމޭ. އެ ގޮތުން ކޯހުގެ ކޮންމެ ފިލާވަޅެއް ދަސްކުރުމަށް ލެކްޗާ ގަޑިޔާއެކު ބޭއްވޭ ޓިއުޓޯޓިއަލް ހިމަނާލުމުން ޖުމުލަ ފަސްގަޑި އިރު ކޮންމެ ފިލާވަޅަކަށް ބައިވެރީން ހޭދަކޮށްފައިވާނެ. ވަރަށް ޝައުޤުވެރި." އީސާ ވިދާޅުވިއެވެ.

ކޯހުގެ ހުރިހާ ބައިވެރިންވެސް ވަނީ ކޯހާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

"ދިވެހި ޅެންވެރިކަމާ ބެހޭ ގޮތުން ވާހަކަދެއްކޭ ވަރަށް ގިނަ ޖަލްސާތަކުގައި އަޅުގަނޑު ވެސް ބައިވެރިވިން. އެކަމަކު މި ކޯހުގައި މި ދަސްވި ކަންތައްތަކުގެ ވާހަކަ ދައްކާތީއެއް ހަމަ ގައިމު ވެސް އަޅުގަނޑު މީގެ ކުރިޔަކުން އަޑު އަހާފައެއް ނެތް. ވަރަށް މުހިންމު ކޯހެއް." ސިފައިންގެ ވަރަށް ގިނަ ލަވަތައް ހައްދަވައިފައިވާ ސިފައިންގެއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ މަޝްހޫރު ޝާއިރަކު ވިދާޅުވިއެވެ.

ޒާދު އެކެޑެމީން ވަނީ އެ މުއައްސަސާގެ އުންމީދަކީ މި ފަދަ ތަފާތު ގިނަ ޕްރޮގްރާމުތަކެއް ހިންގުން ކަމަށް ބުނެފައެވެ. އެ ގޮތުން ވާހަކަދެއްކުންތެރިކަމުގެ ޒަމާނީ އުކުޅުތައް ދަސްކޮށްދޭ ކޯސްތަކެއް ވެސް އެ އެކަޑަމީން ދަނީ އާދަމް ނަސީރު އިބްރާހީމްގެ މޭސްތިރިކަމުގެ ދަށުން ފަރުމާކޮށް ކާމިޔާބުކަމާއެކު ހިންގަމުންނެވެ.