ބޮލީވުޑް

އިންޑިއާގެ ސިނަމާތައް ޖޫން 30 ގައި ހުޅުވިދާނެބާ؟

ކޮރޯނާވައިރަހުގެ ވަބާ ފެތުރުމުގެ ބިރު ބޮޑުވެގެން އިންޑިޔާ ލޮކްޑައުންކޮށް ފިލްމު އިންޑަސްޓްރީތައް ވެސް ހުއްޓުމަކަށް އައިސްފައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް ލޮކްޑައުން ނެގުމުގެ މަސައްކަތް މަޑުމަޑުން ނަމަވެސް ކުރަން އެ ގައުމުން ވަނީ ފަށާފަ އެވެ. ނަމަވެސް މޭ 30 ގައި އިންޑިޔާގެ ކަމާ ބެހޭ އިދާރާތަކުން ނެރުނު ލޮކްޑައުން އަށް ލުއިދިނުމުގެ ގައިޑްލައިންގައިވާ ގޮތުން ސިނަމާ ހޯލްތައް ހުޅުވޭނެ ވަކި ދުވަހެއް އަދިވެސް ނޭނގެ އެވެ.

ސިނަމާތަކުގެ ވެރިން މައި ސަރުކާރުގައި އެދިފައިވަނީ ބަލި ނުފެތުރޭ ސަރަހައްދުތަކުގައި ހުރި ސިނަމާތައް ހުޅުވުމުގެ ހުއްދަ ޖޫން 30 އިން ފެށީގެން ދިނުމަށެވެ. އަދި ސިނަމާތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ޕްލޭނެއް ވެސް މިދިޔަ މަހު އެ ފަރާތުން ވަނީ ސަރުކާރަށް ހުށަހަޅާފަ އެވެ.

ޓްރޭޑް އެކްސްޕާޓުން ބުނާ ގޮތުގައި ފާއިތުވީ ދެ މަސް ދުވަހުގެ ތެރޭގައި އިންޑިޔާގެ ސިނަމާތަކަށް އެންމެ ފައިސާ ފޮއްޗެއް ވެސް ނުވަދެ އެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް ދިމާވެފައިވާ ކަމެއް ނޫނެވެ. މިކަމުގެ ސަބަބުން ސިނަމާތައް ހިންގާ މީހުންނަށް ލިބިފައިވާ ގެއްލުން ހީވެސް ނުކުރާހާ ބޮޑުކަމަށް ވެސް އެފަރާތުން ބުންޏެވެ.

ނަމަވެސް ތިއޭޓަރުތަކުން ވިޔަފާރިކޮށްގެން ލިބޭ ފައިސާއަށް ވުރެ އިންސާނުންގެ ރައްކާތެރިކަމާއި ސަލާމަތްކަން މާ ބޮޑުކަން ހުރިހާ އެންމެންނަށް ވެސް ގަބޫލު ކުރެވެ އެވެ.

ޕްރޮޑިއުސަރު ރަމޭޝް ތުރާނީ ބުނި ގޮތުގައި އިންޑިޔާ ސަރުކާރުން އެ ގައުމުގެ ސިނަމާތައް ހުޅުވުމުގެ ހުއްދަ ދޭނީ ސްޕާ ތަކާއި ސެލޫންތައް ހުޅުވުމުގެ ހުއްދަ ދޭއިރު އެވެ. ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ހަމަ ކޮންމެ މީހަކަށް އިންތިހާއަށް ގެއްލުންވަމުން ދިޔަ ނަމަވެސް މިނޫން ގޮތެއް ހަގީގަތުގައި ނެތްކަން ގަބޫލު ކުރެވޭ ކަމަށް ވެސް ޕްރޮޑިއުސަރު ބުންޏެވެ.

ޓްރޭޑް އެކްސްޕާޓުން މިހާރު އަންދާޒާ ކުރާ ގޮތުގައި ސިނަމާތައް ބަންދުކޮށްފައި ބަހައްޓާ ކޮންމެ ހަފުތާއަކަށް ފިލްމު އުފެއްދުމުގެ ވިޔަފާރިއަށް 100 ކްރޯޑުގެ ގެއްލުމެއް ލިބެމުންދާނެ ކަމަށެވެ. އެހެންކަމުން ލޮކްޑައުން ކުރީއްސުރެ މިހާތަނަށް ލިބުނު ގެއްލުން 1000 ކްރޯޑަށް އަރާނެ ކަމަށް ވެސް ލަފާ ކޮށްފައި ވެއެވެ.

އެގްޒިބިޓާ-ޑިސްޓްރިބިއުޓާ އަކްޝޭ ރާތީ ބުނި ގޮތުގައި ސިނަމާތައް ހިންގައިގެން ލިބެނީ ވަރަށް ކުޑަ ކުޑަ ފައިދާ އެކެވެ. އެހެންކަމުން ސިނަމާތައް ބަންދުކުރުމުގެ ސީދާ އަސަރު އެތަންތަނުގައި ވަޒީފާ އަދާކުރާ މީހުންނަށް ކުރާނެ އެވެ. ގިނަ ބައެއްގެ ވަޒީފާ ގެއްލި އަދި ވަޒީފާގައި ބައިތިއްބާ މީހުންނަށް ވެސް ލިބޭ މުސާރަ ކުޑަވެގެން ދާނެ އެވެ. އެހެންކަމުން މި ދާއިރާއަށް ފައިސާ ލިބޭނެ ގޮތްތަކެއް ސަރުކާރުން އިސް ނަގައިގެން ހަމަޖެއްސުން ބުއްދިވެރިކަމަށް އޭނާ ބުންޏެވެ.

ގެއްލުން ކުޑަކުރުމުގެ ގޮތުން ބައެއް ޕްރޮޑިއުސަރުން މިހާރު ގެންދަނީ އެމީހުންގެ ފިލްމުތައް އޯޓީޓީ ޕްލެޓްފޯމް ތަކަށް ވިއްކާލަމުންނެވެ. ތިއޭޓަރުގައި ރިލީޒްނުކޮށް ސީދާ އޮންލައިންކޮށް ސްޓްރީމް ކުރުމަށެވެ.

އެގޮތުން މިހާތަނަށް ވިއްކާލާފައިވާ ފިލްމުތަކުގެ ތެރޭގައި "ގޫމްކެޓޫ"، "ގުލާބޯ ސިޓާބޯ" އަދި "ޝަކުންތަލާދޭވީ" ހިމެނެ އެވެ. ނަމަވެސް މިކަމުގެ ސަބަބުން އޭނާގެ އެހާ ކަންބޮޑު ނުވާ ކަމަށް އަކްޝޭ ރާތީ ބުންޏެވެ. އެއީ ސިނަމާތައް ހުޅުވުމާއެކު އަލުން އެ ވިޔަފާރި ރަނގަޅުވާނެކަމުގެ އުންމީދު އޭނާގެ ބޮޑުކަމުންނެވެ. މީހުންގެ ރައްކާތެރިކަމަށް ފުރިހަމައަށް ސަމާލުވެ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ސިނަމާތައް މީހުން ހީނުކުރާހާ އަވަހަށް ހުޅުވިގެން ދާނެކަމަށް ޑިސްޓްރިބިއުޓަރު ޔަގީން ކުރެ އެވެ.

އަނެއްކޮޅުން ދުނިޔޭގެ ގިނަ ގައުމުތަކުގެ ސިނަމާތައް ހުޅުވަނީ އިންޑިޔާއަށް ވުރެ މާ ކުރިންނަށް ވެފައި އިންޑިޔާ ފިލްމުތައް ވެސް މިހާރު ދައްކަނީ ހަމައެކަނި އިންޑިޔާގައި ކަމަށް ނުވުމަކީ ވެސް ރަނގަޅު ފާލެއް ކަމަށް އަކްޝޭ ރާތީ ބުންޏެވެ.

ސިނަމާތައް ހުޅުވެންވާއިރަށް ރިލީޒްކުރަން ތައްޔާރުވެފައިވާ ވަރަށް މުނިފޫހިފިލާ ކަހަލަ ވަރުގަދަ ފިލްމުތަކެއް ކިއުގައި އެބައޮތެވެ. އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އާއި ރަންވީރު ސިންގްގެ "83"، އަދި ވަރުން ދަވަންގެ "ކޫލީ ނަންބަރު 1" އަކީ ސިނަމާތަކަށް ދާން މީހުން ޝައުގުވެރިވާނެ ފިލްމުތައް ކަމަށް ވާތީ ވެސް ސިނަމާތަކުގެ ވެރިންގެ އުންމީދު ވަނީ އާލާވެފަ އެވެ.