ބޮލީވުޑް

ޅައުމުރުގައި ތަލަވުމުން ދެރަވެ ހިތްހަލާކުވި: އަކްޝޭ

ބޮލީވުޑް އެކްޓަރު އެކްޝޭ ކަންނާ އަކީ ކުރީގެ މަޝްހޫރު ބަތަލު ވިނޯދު ކަންނާގެ ދޮށީ ދަރިފުޅެވެ. އަކްޝޭ ބޮލީވުޑަށް ތައާރަފްވީ "ހިމާލޭ ޕުތުރާ" ކިޔާ ފިލްމަކުންނެވެ.

އޭގެ ދެ އަހަރު ފަހުން 2001 ގައި "ދިލް ޗާހްތާ ހޭ"ގައި އޭނާ ކުޅެފައިވާ މޮޅު ރޯލުން ވަރަށް ވިދާލި އެވެ.

ނަމަވެސް އަކްޝޭގެ ފިލްމުތައް ގަވާއިދަކުން ނުނިކުމެ އެވެ. އޭނާގެ އެއްވެސް ފިލްމެއް ރިލީޒްނުވެ ހަތަރު ފަސް އަހަރު ވެސް ފާއިތުވެފައި އެބަހުއްޓެވެ. އަދި އޭނާއަކީ މީޑިއާއާ ބީރައްޓެހި މީހަކަށް ވާތީ އޭނާގެ މާގިނަ ޚަބަރުތަކެއް މީޑީއާއަކުން ވެސް ނުފެނެ އެވެ.

އެކަމަކު އަކްޝޭ މާގިނަ ފިލްމުތައް ނުކުޅުމާއި މީޑިއާ އަށް ފިލައިގެން އުޅުމުގައި ސަބަބުތަކެއް އެބަހުއްޓެވެ. މާ ޅައުމުރުގައި ތަލަވުމުގެ ސަބަބުން އޭނާ ގަންނަ ލަދާއި ހިތަށް ކުރާ އަސަރެވެ.

އަކްޝޭގެ ވަރަށް ގިނަ އިންޓަވިއު ތަކުގައި އޭނާ މިވާހަކަ ދައްކާފައި ވެއެވެ. ތަލަވުމަކީ ވެސް ބައެއް މީހުންނަށް ހަޔާތުގައި ކުރިމަތިވާ ކަމެއް ކަމަށް ގަބޫލުކޮށްލައިގެން ހުންނަން އޭނާ ވެސް ބޭނުންވާ ކަމަށް އަކްޝާ ބުންޏެވެ. ނަމަވެސް އޭނާއަކީ އެކްޓަރަކަށް ވާތީ ވީހާވެސް ރީތި އިސްތަށިގަނޑަކާއި ރީތި ސިފައެއްގައި އަބަދުވެސް ހުރުން އޭނާއަށް ވަރަށް މުހިއްމެވެ.

އަކްޝޭ ގަބޫލުކުރާ ގޮތުގައި ފިލްމީ ކެރިއަރުގައި ވެސް އޭނާއަށް މާބޮޑަށް ކުރިއަރައި ނުދެވުނީ ތަލަވެފައި ހުރުމުގެ ސަބަބުންނެވެ. ބައެއް އެކްޓަރުން ތަލަވުމުން ވިގް ޖަހައިގެން އުޅުނަސް އެއީ ވެސް އަކްޝޭ އެހާ ބޭނުންވާ ގޮތެއް ނޫނެވެ.

"ވަރަށް ޅައިރު ބޮލުން އިސްތަށިކޮޅު ފައިބައިގެން ދާން ފެށުމުން ވަރަށް ދެރަވެ އަސަރުކުރި. އަދި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލުނު. އެއީ މޮޅަށް ކުޅޭ ކުޅުންތެރިއަކަށް ބޮޑު އަނިޔާއެއް ލިބި ކުޅުން ހުއްޓާލަން ޖެހުމުން ކުރެވޭ ކަހަލަ އިހްސާސެއް،" އަކްޝޭ ބުންޏެވެ.

އަކްޝޭ އިތުރަށް ކިޔައިދިން ގޮތުގައި އޭނާގެ ބޮލުން އިސްތަށި ފައިބަން ފެށީ 19-20 ވަރަކަށް އަހަރުގަ އެވެ. އޭނާއަކީ ކިޔެވުމަށް މޮޅު މީހަކަށް ނުވާތީ ބައްޕަ ހިނގި މަގުން ހިނގައި ފިލްމު ކުޅުމުގެ ޝައުގުވެރިކަން އޭރުވެސް އޮތް ކަމަށާއި ނަމަވެސް ތަލަވާން ފެށުމުން ވަރަށް ހިތްވަރު އެލުނުކަމަށް އަކްޝޭ ބުންޏެވެ.