ލައިފްސްޓައިލް

ހަރްނާޒްގެ ހުވަފެންތައް މިސް ޔުނިވާސް އަށް ވުރެ މަތި

މިސް ޔުނިވާސްގެ ތާޖު މިއަހަރު ހާސިލުކުރި ހަރްނާޒް ސަންދޫ އަކީ ޕަންޖާބުގެ ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ބަތަލާ އެކެވެ. މިހާރު އޭނާގެ އުންމީދަކީ ބޮލީވުޑުގައި މަސައްކަތް ކުރުމެވެ.

"އަހަރެން އަބަދުވެސް ވަރަށް ޝައުގުވެރިވޭ ހިންދީ ފިލްމު ކުޅެން. ނަމަވެސް އާދައިގެ ބަތަލާއަކަށް ވާކަށް ބޭނުމެއް ނޫން. ބޭނުމީ ވަރަށް ނުފޫޒުގަދަ ބަތަލާއަކަށް ވާން. މިހާތަނަށް ގިނަ ބަތަލާއިން ނުކުޅޭ ކަހަލަ ވަރުގަދަ މޮޅު ރޯލުތައް ކުޅެލަން،" ހަރްނާޒް ބުންޏެވެ.

ހަރްނާޒް ބުނާ ގޮތުގައި އޭނާ އަކީ ޝާހްރުކް ޚާނަށް މަރުދޭ އޭނާގެ ފޭނެކެވެ. މޮޑެލިން އާއި އެކްޓްކުރުމުގެ އިތުރުން ގަސް އިންދުމަށް ވަރަށް ލޯބިކުރާ ކަމަށް ވެސް ހަރްނާޒް ބުންޏެވެ. ކެއްކުމަކީ ވެސް އޭނާ ވަރަށް ކުރާހިތްވާ ކަމެކެވެ. އަދި ގިނަ މީހުންނާއެކު ވަގުތު ހޭދަކޮށް އެމީހުންގެ ފަރާތުން ކަންކަން ދަސްކުރުމަކީ ވެސް ހަރްނާޒް ވަރަށް ޝައުގުވެރިވާ ކަމެކެވެ.

މިސް ޔުނިވާސްގެ ތާޖް އިންޑިއާ އަށް ގެނައުމުގެ ފުރުސަތު ހަރްނާޒް، 21، އަށް ލިބުނީ އެ ތާޖު އެންމެ ފަހުން އިންޑިއާ އަށް ގެނައިތާ 21 އަހަރު ފަހުންނެވެ.

ހަރްނާޒްގެ ކުރިން ދެ ފަހަރަކު މިސް ޔުނިވާސްގެ ތާޖު އިންޑިއާ މޮޑެލުންނަށް ލިބިފައި ވެއެވެ. އެއީ 1994 ގައި ސުޝްމިތާ ސެން އަށާއި 2000 ވަނަ އަހަރު ލާރާ ދައްތާ އަށެވެ.