ބޮލީވުޑް

ފިލްމުތަކުގައި އެކްޓަރުން އަޅާ ހެދުންތަކަށް ހަދަނީ ކިހިނެއް؟

"ކަބީ ޚުޝީ ކަބީ ޣަމް"ގައި ކަރީނާ ކަޕޫރު ކުޅުނު ޕޫ ކެރެކްޓާ އެޅި ހެދުންތަކަށް ފިލްމުގެ ޝޫޓިން ނިމުމަށްފަހު ހެދީ ކިހިނެއް ހެއްޔެވެ؟ "ދޭވްދާސް"ގައި އައިޝްވަރިޔާ ރާއީ އާއި މާދުރީ ޑިކްޝިޓް އެޅި ހެދުންތައް ކޮބައި ހެއްޔެވެ؟

ކަރީނާގެ "ހިރޮއިން"ގެ ކޮސްޓިއުމް ބަޖެޓަކީ 1.2 ކްރޯޑެވެ. އެ ފިލްމުގައި ޖުމްލަ 130 ހެދުން ކަރީނާ އަޅާފައި ވެއެވެ.

މި ހުރިހާ ހެދުންތައް މިހާރު ކޮބާ ހެއްޔެވެ؟ ޑައިރެކްޓަރު "ކަޓް"އޭ ގޮވާލުމަށްފަހު އެކްޓަރު އެ ހެދުމެއް ބަދަލުކުރުމާއެކު ދެން އެ ހެދުމަކަށް ވަނީ ކިހިނެއް ހެއްޔެވެ؟

ފިލްމުތަކުގައި ބައިވެރިވާ އެކްޓަރުން ރީތިކޮށް ނަލަކޮށް ބޭތިއްބުމަށް ޕްރޮޑަކްޝަން ހައުސްތަކުން އެތައް ކްރޯޑެއް ޚަރަދު ކުރެ އެވެ. އެ ފިލްމެއްގެ ޝޫޓިން ނިމުމާއެކު އެ ފިލްމެއްގައި އެޅި ހުރިހާ ހެދުމެއް ފޮއްޓެއްގައި ރަނގަޅަށް ބަންދުކޮށް ރައްކާ ކުރަނީ އެވެ. އަދި އެ ޕްރޮޑަކްޝަން ހައުސް އިން ތައްޔާރުކުރާ އެހެން ފިލްމުތަކުގައި މި ހެދުންތައް ބޭނުންކުރެ އެވެ.

ނަމަވެސް ފިލްމު ބަލާ މީހުންނަކަށް މިކަމެއް އެހާ ބޮޑަކަށް ފާހަގައެއް ނުކުރެވެ އެވެ. ސަބަބަކީ ގިނަ ކޮސްޓިއުމް ދެވަނަ ފަހަރަށް ބޭނުންކުރާއިރު ކޮންމެވެސް ކަހަލަ ބަދަލުތަކެއް އެއަށް ގެނެސްފައި ހުންނާތީ އެވެ. އެއްފަހަރު ބޭނުންކޮށްފައި ހުންނަ ކޮސްޓިއުމް ދެވަނަ ފަހަރަށް ނުވަތަ އެއަށް ވުރެ ގިނަ ފަހަރަށް ބޭނުންކުރާއިރު އާއްމުކޮށް ދޭނީ ޖޫނިއާ އާޓިސްޓުންނަށެވެ.

ބައެއް ސްޓައިލިސްޓުން އެމީހުން ތައްޔާރުކޮށްފައި ހުރި ހެދުމަށް ބަދަލުގެނެސް އަލުން ޑިޒައިން ކޮށްލުމުން އެއީ ކުރިން އެހެން މީހަކު ލީ ހެދުމެއް ކަމެއް އެއްގޮތަކަށް ވެސް ފާހަގައެއް ނުކުރެވޭނެ އެވެ.

މިޑް-ޑޭ އަށް މައުލޫމާތު ދެމުން ސްޓައިލިސްޓް އައިޝާ ކަންނާ ބުނި ގޮތުގައި ޔާޝް ރާޖް ފިލްމްސް އިން އުފައްދާ ފިލްމުތަކުގެ ކޮސްޓިއުމްސް ރައްކާކޮށްފައި ހުންނަނީ ވަކި ވަކިން ލޭބަލް ކޮށްފަ އެވެ. އޭގެން ކޮންމެ ކޮސްޓިއުމެއްގައި ވެސް އެއީ ކޮން ފިލްމެއްގައި ކާކު ލީ އެއްޗެއްކަން އެނގެން ހުންނާނެ އެވެ.

"ބޭންޑް ބާޖާ ބާރާތު" އާއި "ލޭޑީޒް ވާސަސް ރިކީ ބާލް"ގެ ސްޓައިލިސްޓް އައިޝާ އިތުރަށް ބުނި ގޮތުގައި މި ކޮސްޓިއުމްތައް ދެވަނަ ފަހަރަށް ބޭނުންކުރާއިރު އެހެން އެއްޗިއްސާ މެޗުކޮށް ތަފާތުކޮށްލަ އެވެ.

މިސާލަކަށް 2005ގައި ރިލީޒްކުރި "ބަންޓީ އައުރް ބަބްލީ"ގެ 'ގަޖްރާ ރޭ" ލަވައިގައި އައިޝްވަރިޔާ ރާއީ އަޅައިގެން ހުރި ހެދުން 2010ގައި ރިލިޒްކުރި "ބޭންޑް ބާޖާ ބާރާތު"ގެ ބެކްގްރައުންޑް ޑާންސަރަކު އަޅައިގެން ހުރިކަން އޭނާ ފާހަގަ ކުރި އެވެ. އެ ސްކާޓާއެކު އެހެން ބްލައުޒެއް ލާފައި ހުރުމުން އެއްވެސް މީހަކަށް މިކަން ފާހަގަ ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ.

އައިޝާ ބުނި ގޮތުގައި ބައެއް އެކްޓަރުން އެމީހުން އެޅި ހެދުމަކާ މާ ގަޔާވެއްޖެނަމަ އެ ހެދުމެއް ގެއަށް ގެންދާ ކަމަށެވެ.

"އެމީހުން އާންމުގެ ތެރެއަށް ނުކުންނައިރު އެ ހެދުމެއް ނުލާނެ. އެކަމަކު ހަނދާނަކަށް ރައްކާކޮށްފައި ބަހައްޓަން ގެންދަނީ،" އައިޝާ ބުންޏެވެ.

"ޔޭ ޖަވާނީ ހޭ ދިވާނީ"ގައި ދީޕިކާ ޕަދުކޯން އަޅައިގެން އުޅުނު އައިނުތައް ރީތިވެގެން ދީޕިކާ އެ ތަކެތި ގެއަށް ގެންދިޔަ ކަމަށާއި ރިޝީ ކަޕޫރު ފިލްމުތަކުގައި ލީ އެއްވެސް ސްވިޓަރެއް އޭނާ ނުބާއްވާ ގެއަށް ގެންދިޔަ ކަމަށްވެސް ސްޓައިލިސްޓް ބުންޏެވެ.

އެ ހެދުންތައް ޑިޒައިންކޮށްދިން ޑިޒައިނަރުން ވެސް ވަރަށް ގިނައިން އެމީހުން ތައްޔާރުކުރި ހެދުންތައް އަނބުރާ ގެންދެ އެވެ. އެގޮތުން "ބޮމްބޭ ވެލްވެޓް"ގައި އަނުޝްކާ ޝަރުމާ ލައިގެން ހުރި ފެހިކުލައިގެ ގައުން އެ ގައުން ޑިޒައިންކުރި ޑިޒައިނަރު މަނީޝް މަލްހޯތުރާ ގެންދިޔަ ކަމަށް އައިޝާ ބުންޏެވެ.

ކޮންމެ ފިލްމެއްވެސް ނިމުމުން ހުރިހާ ކޮސްޓިއުމެއް އެއްކޮށް ލޭބަލްކޮށް ފޮއްޓެއްގައި ބަންދުކޮށް އެ ފިލްމެއް އުފެއްދި ޕްރޮޑަކްޝަން ހައުސް އަކަށް ފޮނުވާލަ އެވެ.

ކޮސްޓިއުމް ޑިޒައިން އަދި ސްޓައިލިސްޓް ނަވީން ޝެޓީ ބުނި ގޮތުގައި އޭނާ އަކީ ހެދުން ރި-ސައިކްލް ކުރަން ތަރުހީބުދޭ މީހެއް ނޫނެވެ.

"ހިއްމަތުވާލާ" އާއި "އަގްނީޕަތު" ފަދަ ފިލްމުތަކުގެ ހެދުން ޑީޒައިންކޮށްދިން ނަވީން ބުނީ އޭނާ އަބަދުވެސް ބަލަނީ އާ ހެދުންތަކެއް ތައްޔާރުކުރާށެވެ. ކުރީގެ ބާ ހެދުންތައް މޮޑިފައިކޮށްގެން އޭނާ ބޭނުމެއް ނުކުރެ އެވެ.

ބައެއް ފަހަރަށް ޗެރިޓީތަކަށް ފައިސާ ހަދިޔާ ކުރުމަށް މަޝްހޫރު ބައެއް އެކްޓަރުން ބޭނުންކުރި ބައެއް އެއްޗެތި ނީލަން ކިޔައިގެން ވިއްކާވެސް ލައެވެ. އެގޮތުން "ޖީނޭ ކޭ ހޭ ޗާރް ދިން" ލަވައިގައި ސަލްމާން ޚާން ބޭނުންކުރި ތުވާލި ޗެރިޓީ އިވެންޓެއްގައި 142،000 ރުޕީސް އަށް ވިއްކާލާފައި ވެއެވެ. އަދި ރަޖްނީކާންތާއި އައިޝްވަރިޔާގެ "ރޮބަޓް"ގައި ބޭނުންކުރި ކޮސްޓިއުމްތައް ވެސް ވަނީ ނީލަން ކިޔާފަ އެވެ.
،