އޮފްބީޓް

ކޮރޯނާވައިރަސް: ހާއްސަ ދޮންނަމެޝިނެއް އުފެއްދި ކުއްޖަކަށް އެވޯޑެއް

ކެންޔާގެ ހުޅަނގުގައި ދިރިއުޅޭ ސްޓެފަން ވަމުކޯޓާ ނަމަކަށް ކިޔާ ނުވަ އަހަރުގެ ކުޑަ ފިރިހެންކުއްޖަކު އަމިއްލައަށް އީޖާދު ކުރި އަތުން-ދޮންނަ މެޝިނަކަށް އެ ގައުމުގެ ޕްރެޒިޑެންޓް އެވޯޑު ލިބިއްޖެ އެވެ. ލަކުޑިން ތައްޔާރުކޮށްފައިވާ މި ދޮންނަ މެޝިނަށް ފެން އަޅައި ފެން އުކާލަން ފައިން ފިއްތާލާ ބައެއް ވެސް މިކުއްޖާ ވަނީ ހަރުކޮށްފަ އެވެ. އެއީ ކޮރޯނާވައިރަހުގެ ބިރު އޮތީމަ ރައްކާތެރިކަމުގެ ގޮތުން އަތް ނުލާ މެޝިން ބޭނުން ކުރެވޭ ގޮތް ހެދުމަށް ހަރުކޮށްފައިވާ ފުޓް ޕެޑަލް އަކުންނެވެ.

މި މެޝިން އުފެއްދުމުގެ ހިޔާލު މި ކުއްޖާ އަށް ލިބުނީ ކޮރޯނާވައިރަހާ ގުޅޭ ޓީވީ ޝޯ އެއް ބަލާފަ އެވެ. އެގޮތުން މިހާތަނަށް އޭނާ ވަނީ މިފަދަ ދޮންނަ މެޝިނުގެ ދެ މެޝިނެއް ތައްޔާރުކޮށްފަ އެވެ.

ވަމުކޯޓާގެ ބައްޕަ ޖޭމްސް ވަމުކޯޓާ ބީބީސީ އަށް ކިޔައިދިން ގޮތުގައި އޭނާގެ ދަރިފުޅު ލަކުޑިކޮޅުތަކެއް ގަނެގެން އެންމެ ކުރިން ތައްޔާރުކުރަނީ ފްރޭމް ގަނޑެވެ.

"އަހަރެން އެއް ދުވަހު މަސައްކަތުގައި އުޅެފައި ގެޔަށް އައިއިރު ސްޓެފަން ހުރީ ދޮންނަ މެޝިނެއް ތައްޔާރު ކޮށްލާފައި. މިއީ ހަމައެކަނި އޭނާގެ ވިސްނުމަށް ކޮށްފައިވާކަމެއް. އަހަރެން ހަމައެކަނި އޭތި ވަރުގަދަ ކޮށްލަދޭން އެހީތެރިވެދިނީ. ދަރިފުޅަށްޓަކައި ވަރަށް ފަހުރުވެރިވޭ،" ޖޭމްސް ބުންޏެވެ.

ހޯމަ ދުވަހު އޮތް ޕްރެޒިޑެންޝަލް އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ސްޓެފަންގެ އިތުރުން 67 ފަރާތަކަށް ތަފާތު ރޮނގުތަކުން އެވޯޑު ލިބުނެވެ. ނަމަވެސް އެވޯޑު ލިބުނު އެންމެ ހަގު ފަރާތަކީ ސްޓެފަން އެވެ.

އޭނާ ބީބީސީއަށް ދީފައިވާ އިންޓަވިއު އެއްގައި ބުނީ މި އެވޯޑު ލިބުމުން ވަރަށް އުފާވެއްޖެ ކަމަށާއި އޭނާގެ ހުވަފެނަކީ އިންޖިނޭރަކަށް ވުން ކަމަށެވެ. އަދި އޭނާއަށް އިންޖިނިއަރިން ކިޔަވަން ސްކޮލަޝިޕް ދޭނެކަމަށް ގަވަރުނަރު މިހާރުވެސް ވަނީ ވައުދުވެފައި ކަމަށް ސްޓެފަން ބުންޏެވެ.