އިންޑިއާ

އިންޑިޔާގެ ދަނޑުވެރިއަކު ހެއްދި ކޮރިއަންޑާ ގަހެއް ރެކޯޑް ފޮތަށް

އިންޑިޔާގެ އުތަރަކަންދުގެ ދަނޑުވެރިއަކު ހެއްދި ކޮރިއަންދާ ގަހެއް ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް އިން ޖާގަ ހޯދައިފި އެވެ. މި ގަހަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބުނީ މިހާތަނަށް މިހާ ދިގު ގަހެއް އެއްވެސް މީހަކަށް ހެއްދިފައިވާ ކަމަށް ރެކޯޑްތަކުން ނުދައްކާތީ އެވެ. މި ގަހުގެ ދިގުމިނުގައި ހަތް ފޫޓު އެއް އިންޗި އެބަހުއްޓެވެ.

ރާނީކޭތު ކިޔާ ސަރަހައްދުގައި އޯގަނިކް ފާމެއް ގެންގުޅޭ ގޯޕާލް އުޕްރޭތީ ދުނިޔޭގެ ރެކޯޑް ފޮތަށް ރަސްމީކޮށް މިހާރުވަނީ އަރާފަ އެވެ. ގިނިސް ރެކޯޑްސްގެ ވެބްސައިޓްގައިވާ ގޮތުން 21 އޭޕްރީލް 2020 ގައި ގަހުގެ މިން އެޅިއިރު ދިގުމިނުގައި ހަތް ފޫޓު އެއް އިންޗި ހުއްޓެވެ. މި ގަސް ހެއްދީ އިންޑިޔާގެ ގޯޕާލް ކަމަށް ވެސް ރެކޯޑު ފޮތުގައި ބަޔާންކޮށްފައި ވެއެވެ.

ގޯޕާލް ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ބައި އޭކަރު ބިމުގައި އޭނާ ކޮރިއަންޑާ ހައްދަމުންދާ ކަމަށާއި ނަތީޖާ އަޖައިބެއްހާ ރަނގަޅު ކަމަށެވެ. އޭނާގެ ދަނޑުގައިވާ ކޮރިއަންޑާ ގަސްތަކުގެ އެވްރެޖް ދިގުމިން ފަސް ފޫޓަށް ވުރެ އިތުރު ނަމަވެސް ހަތް ފޫޓަށް އެރީ ހަމައެކަނި މި ގަސް ކަމަށް އޭނާ ބުންޏެވެ.

"ތެދު ތެދަށް ބުނާނަމަ ބުނެވޭނީ އަހަރެން ކޮރިއަންޑާ ގަސް ހެއްދީ ރެކޯޑް ފޮތުން ޖާގަ ހޯދުމުގެ މަގްސަދަކު ނޫނޭ. އަހަރެން ފޭސްބުކް ޕޭޖްގައި މި ގަހުގެ ފޮޓޯތަކެއް ޖެހީމަ ކޮންމެ މީހަކު ކުރި ކޮމެންޓެއްގައި ލަފާ ދިނީ ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް އަށް މި ގަސް ހުށަހަޅަން. އެހެންވެ އަހަރެންނަށް އެ ޚިޔާލު ލިބުނީ،" އިންޑިޔާގެ ނިއުސް18 އަށް ދިން އިންޓަވިއު އެއްގައި ގޯޕާލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ ގަސް ރެކޯޑް ފޮތަށް އެރުވޭތޯ މަސައްކަތް ފެށުމުގެ ކުރިން މިހާ ދިގު ގަހެއް އެއްވެސް މީހަކު ހައްދާފައިވޭތޯ ބަލަން ވަރަށް ބޯޑަށް އޮންލައިންކޮށް ޗެކްކުރި ކަމަށެވެ. އަދި މިވަރުގެ ދިގު ގަހެއް އެއްގޮތަކަށް ވެސް ނުފެނުނީމަ ރެކޯޑެއް ހެދޭތޯ އެ ފަރާތާ ގުޅީ އެވެ.

ދަނޑުވެރިޔާ ބުނީ އިންޑިޔާގެ ދަނޑުވެރިކަމާ ބެހޭ ޑިޕާޓްމަންޓުން ވެސް އޭނާގެ ދަނޑަށް އައިސް ގަހުގެ ފޮޓޯ ނަގާ އަދި މިހާތަނަށް އިންޑިޔާގައި ހެއްދުނު އެންމެ ދިގު ކޮރިއަންޑާ ގަހުގެ ރެކޯޑް މި ގަހަށް ލިބިފައިވާ ކަމުގެ ސެޓްފިކެޓެއް ވެސް ހަވާލު ކޮށްފައިވާ ކަމަށެވެ.

ކޮރިއަންޑާގެ އިތުރުން ގޯޕާލް ހައްދާ ތަކެތީގެ ތެރޭގައި ރީނދޫ، އާފަލު އަދި މި ނޫން ވެސް ތަރުކާރީގެ ވަރަށް ގިނަ ބާވަތްތައް ހިމެނެ އެވެ. އޭނާ ބުނި ގޮތުގައި ފަރުބަދަ މަތީގެ ހިސާބުތަކުގައި އޯގަނިކް ދަނޑުވެރިކަން ވަރަށް ރަނގަޅަށް ކުރެވޭ ކަމަށާއި އަދި ޑިމާންޑް ވެސް އެބައޮތް ކަމަށެވެ.