ލައިފްސްޓައިލް

މި ގޮތް މާ ފައްކާ: ކުޅޭއެއްޗެހި ހަދާނީ ގޭގައި!

މަންމައަކަށް ވުމުން އުމުރުން ދޮށީ މީހަކު ބުނި ވާހަކައެއް އަބަދުވެސް ހަނދާން ހުރެ އެވެ. އޭނާ ބުނި ގޮތުގައި ކުޑައިރު ނުލިބުނު އެއްޗެހި ދަރިންނަށް ހޯދައި ދޭން މަސައްކަތް ކުރުމުގެ ބަދަލުގައި ކުޑައިރު ދަސް ނުވެ ހުރިހެން ހީވާ ކަންކަން ކުދިންނަށް ދަސް ކޮށްދޭށެެވެ، މިއީ ވަރަށް ބޮޑަށް ހަންދާނުގައި ހުންނަ ވާހަކަ އެކެވެ.

ކުދިން ލިބުމުން ކޮންމެ މީހަކު ވެސް އެކުދިންނަށް ރީތިހާ އެއްޗެއް ހޯދައި ދޭން ބޭނުން ވެއެވެ. އެ ކުދިންގެ ހުރިހާ ކަމެއް އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވަނީ އަހަރުމެން ކުޑައިރު ނުލިބުނު އުފާތަކުން އެ ކުދިން މަހްރޫމް ވިޔަ ނުދިނުމަށެވެ. އެކުދިން ބޭނުން ވެގެން އުޅޭ ކުޅޭއެއްޗެއް ކަމުގައި ވިއަސް އެ އެއްޗެއް ހޯދައި ދިނުމަށް މަސައްކަތް ކުރެ ވެއެވެ.

އަހަރުމެންގެ ކުޑައިރުގެ ހަނދާންތައް އާ ކުރާ އިރު، އެ ހަނދާންތަކުގައި ވަކި ހާއްސަ ކުޅޭ އެއްޗެއް ގެންގުޅޭ ހަނދާނެއް ނުވެއެވެ. އެއްފުރައެއްގެ ކުދިންނާއެކު ކޮންމެ އެއްޗެއް ކުޅެން ވެސް ހަމަ މަޖަލެވެ. އެވަރެއް ނޯވެ އެވެ. ބުމަރެއް އަނބުރާލަން އެތައް ވަގުތެއް ހޭދަވެދާނެ އެވެ. ވަރަށް މަދު ކުޅޭ އެއްޗެއް އޮތުމުން އަހަރުމެން ސަމާލުކަން އެއް ކަމަކަށް ދޭން ދަސްވި އެވެ.

މިހާރުގެ ކުދިންނަށް ބަލާއިރު ފާހަގަވާ އެއްކަމަކީ ކަންކަން ކުރާއިރު ސަމާލުކަން ދިނުން ކުޑަ ވުމެވެ. ކުޅުމަކީ ކުދިން ކަންކަން ކުރަބް ދަސްކުރާ ކަމަކަށް ވާއިރު، ކުޅޭ ސާމާނު މާ ގިނައިން ހޯދާނަމަ އެއް ކަމެއް ކުރުމަށް ވަގުތު ނުދެވެ އެވެ. ވަށިގަނޑު އެއްކޮށް އޮއްސާލާ ވަކި އެއްޗަކާއި ކުޅެން ވަގުތު ނުދެވެ އެެވެ. އޭގެ ބަދަލުގައި މަދު އެއްޗެއް އޮންނަ ނަމަ އެެއްޗަކަށް ހިތްޖެހި މާ ލޯބިން ބަލަހައްޓަ އެވެ.

ކުޑަކުދިން ކުޅުމަށް ވަކިން ހާއްސަ އެއްޗެހި ވިއްކާ ފިހާރަތަކާއެކު ކުޅޭ ސާމާނު ހަދާ ބޮޑެތި އިންޑަސްޓްރީތައް ވެއެވެ. މިއީ ދުނިޔޭގައި އެތައް މިލިއަން ޑޮލަރު ފައިދާގެ ގޮތުގައި ހޯދާ ތަންތަނެވެ. އެކި މަރުކާގެ ކުޅޭ ސާމާނު އުފައްދަ އެވެ. ކޮންމެ އުމުރުފުރައަކަށް ހާއްސަކޮށް އެތައް ބާވާތެއް އޮވެ އެވެ. އަހަރުމެންނަށް ވެސް މި ނުގަނެ ނުވާނެއޭ ހިތަށް އަރާ ފަހަރުވެސް އާދެ އެވެ.

ކުޅޭ ސާމާނު ވިއްކާ ފަރާތްތަކުން ކުދިންނަށް އަމާޒުކޮށްގެން ކުރާ މާކެޓިން ގެ ސަބަބުން ކުދިން ކުޅެން ގަނެ ދޭންވީ ކޮން އެއްޗެއްތޯ އާއި ލިބެންހުރި ފިހާރަ ވެސް އެކުދިންނަށް އެނގެ އެވެ. އެހެން ކަމުން ކުޑަކުދިން ކުޅުމަށް ހާއްސަކޮށް ވަކި އެއްޗެއް ހޯދުމަކީ އެކަމަށް ބޮޑު ހަރަދެއް ހިނގާ ކަމެކެވެ.

ކޮވިޑް ރޯގާގެ ލޮކްޑައުންގައި ކުދިން ގޭގައި ތިބޭއިރު ކުދިންނާއެކު ވަގުތު ހޭދަ ކުރުމަށް ކާޑްބޯޑް ބޭނުން ކޮށްގެން ކުޅޭ އެއްޗެހި ހެދުމަކީ ވެސް ކުރެވިދާނެ ކަމަކެވެ. އަހަރެން ވެސް މި ތަޖުރިބާ ކޮށްފީމެވެ. ކާޑްބޯޑުން އަހަރެން ހެދީ ކުޅޭ ކުޅޭ އައިސްއަލަމާރި އެކެވެ. އެ އަލަމާރި ވެގެން ދިޔައީ ދަރިފުޅު ވަރަށް ގަޔާވި އެއްޗަކަށެވެ. ގޭގައި ހުރި ހުރިހާ ސާމަނަކަށް ވުރެ ބޮޑަށް އެ އައިސްއަލަމާރި އާއި ކުޅެން މާ ވަގުތު ހޭދަކުރި އެވެ.

އަހަންނާއި ގިނަ ކަންކަމުގައި އެއްގޮތް ހިޔާލުތަކެއް ހުންނަ އެކުވެރިއެއް ކަމުގައިވާ ހަސްމާ ރަޝީދަކީ ފަސް އަހަރުން ދަށުގެ ދެ ކުދިންގެ މަންމައެކެވެ. ކުދިން ކުޅުމަށް ހަސްމާ ކާޑްބޯޑް ބޭނުން ކޮށްގެން ހަދާފައި ވަނީ އެނާގެ ކުދިންނަށް ކުޅޭގެއަކާއި ފަޔާ ސްޓޭޝަނެއް އަދި ދަރިފުޅުގެ އެދުމުގެ މަތިން ކުޅޭ ކުޅޭ ބުދަށް ފާހަނާ އެކެވެ.

ގޫގުލްކޮށްގެން ފުރަތަމަ މޮޑެލް ކުރަހަނީ ކަރުދާހުގަ އެވެ. އަދި ކުދިންގެ ބައިވެރި ކޮށްގެން މި ރާވަނީ ކިހިނެއްތޯ ބަލާ އެ ކުދިންނާއެކު މި މަސައްކަތް ކުރަނީ އެވެ.

ކާޑްބޯޑުން ހަދާފައިވާ ފަޔާސްޓޭޝަން ފިހާރަތަކުގައި ވިއްކަން ހުންނަ ގޮތަށް ޑިޒައިން ކޮށްފައި އެއާއެކު ކާޑްބޯޑުން ހަސްމާ ވަނީ ކުދިން ބައިވެރިކޮށްގެން ފަޔާ އިންޖީނަކާއި ހެލިކޮޕްޓަރެއް ހަދާ ރަތް ކުލަަޖައްސާފަ އެވެ. ބަލާލަން ވެސް ވަރަށް ޗާލެވެ. ފިހާރައަކުން ގަންނަ މި ފަދަ ކުޅޭ އެއްޗަކާއި އެއްވަރަށް ފޫހިކަމެއް ނެތި އެއާއެކު ކުޅުމުގައި ވަގުތު ހޭދަ ކޮށްލެވޭނެ އެވެ.

ޑޯލް ހައުސް ނުވަތަ ކުޅޭ ކުޅޭ ގެއަކީ ވެސް މިގޮތަށް ހަސްމާ ކާޑްބޯޑް އިން ހެދި އެއްޗެކެވެ. އަދި ވިއްކަން ހުންނަ ކުޅޭ ގެެއެއް ގޮތަށް ކާޑްބޯޑް ބޭނުން ކޮޮށްގެން ވަކި ވަކި ޕާޓިޝަން ޖަހާފައިވާ ކޮޓަރި، ކާގެ، ސިޓިން ރޫމް މިގޭގައި ވެސް އޭނާ ހިމެނި އެވެ.

މިއީ ކުދިންގެ ތަރައްގީއަށް ބޭނުންވާ ޕްރިޓެންޑް ޕްލޭ، ނުވަތަ އަސްލު ކަންކަން ހިޔާލަށް ގެނެސް އެގޮތް ނަކަލުކޮށް ކުޅުުމަށް މުހިއްމު އެއްޗެކެވެ. ޑޯލްހައުސް އާއެކު ކުޅޭއިރު، ކުޅުމުގެ ތެރެއިން ރޯލުތަކެއް ކުއްޖާ ނަކަލު ކުރެ އެވެ. އަހަރުމެން ކުޑައިރު ކުޅޭ އުޅޭ ބަތްކައްކާއަކީ ވެސް ޕްރިޓެންޑް ޕްލޭއެކެވެ. މިކަމުން ގިނަ ކަންކަން ކުދިން ދަސްކުރެ އެވެ.

ތިން އަަހަރުގެ ދަރިފުޅު އެދުމުން އޭނާ ގެންގުޅޭ ބޭބީއަށް ފަހާނާ އެއް ވެސް ހެދީ އެވެ. ނެޕީން ކިރިޔާ އަރައިގަތް ކުއްޖައްކަށް ފާހަނާ ތަށި މުހިއްމު ވާއިރު އޭނާގެ ބޭބީ އަށް ވެސް މި ކޮންމެހެން ހުންނަން ވާނެ އެއްޗެއް ނޫންހެއްޔެވެ؟

ގަތުމަށް ވުރެ ކާޑުބޯޑުން ހެދުން އަދި މާ ސަޅިއެވެ. ގޫގުލް އިން އެކި އެކި ޓިއުޓޯރިއަލް ބަލައި ކާޑުބޯޑު ކަފައިގެން ހެދި ޑޯލް ހައުސް އަކީ ހަސްމާގެ އަންހެން ދަރިފުޅުގެ އީދު ހަދިޔާ އެވެ. ހަސްމާ ބުނިގޮތުގައި އޭނާގެ ދަރިފުޅަށް އެންމެ މޮޅު އެއްޗަކަށް ވީ ވެސް އެންމެ ކަމުދިޔައީ ވެސް މިއެވެ.

ހަސްމާ ބުނިގޮތުގައި މި ގޮތަށް ކުޅޭ އެއްޗެހި ކާޑްބޯޑުން ހެދުމުގެ ބޭނުމަކީ ކުދިންނަށް ވީހާވެސް މަދު ކުޅޭ ސަމާނު ހޯދުމެވެ. އަދި ކުޅޭ އެއްޗެހި މަދުކުރުމުގެ ބޭނުމަކީ ކުދިން ޒިންމާދާރު ކުރުމެވެ.

"ވީހާވެސް މަދު ކުޅޭ އެއްޗެހި ހޯދުން އެއީ ޕްލޭނަކީ. އީދު ދުވަހާއި އުފަން ދުވަހު އެކަނި ކުޅޭ އެއްޗެއް ގަންނަނީ. އީދު ދުވަހާއި އުފަން ދުވަހު ކޭކައި ޑެކެރޭޝަން ހަދަނީ ކުދިން ބައިވެރި ކޮށްގެން. އެކުދިންގެ އާޓް މަސައްކަތް ރީތި ކުރުމަށް ބޭނުން ކުރުމުން އުފާވޭ ވަރަށް. އެކުއްޖެއްގެ މަސައްކަތެއް ޑިސްޕްލޭ ވުމުން ފަހުރުވެރިވޭ." އޭނާ ބުންޏެވެ.

"އަމިއްލަ އެއްޗެއްސަށް ބަލައިގެން އުޅެން ދަސްވޭ. މާގިނަ ސާމާނު އޮންނަ ނަމަ ސާފުކޮށް ބަލަހައްޓަން މި އުމުރު ފުރައިގެ ކުދިންނަށް އުނދަގޫވާނެ. އުމުރުގެ ގޮތުން ވަރަށް ކައިރި ކައިރީ ދެކުދިން ތިބޭއިރު މިގޮތަށް މަދުއެއްޗެއް ހޯދުމުން އެކުދިން އެކަކު އަނެކަކާއި ވާހަކަދައްކާ އެކީގައި ކުޅެ ހަދާ. ފޮތް ކިޔާދީ ކަންކަން ކުރޭ. މިހެން ބުންޏަސް މާމަ ކާފަ ފަރާތުން ހަދިޔާ އާއި ރައްޓެހިން ފަރާތުން ހަދިޔާ ލިބޭ."

އޭނާ ބުނިގޮތުގައި މި ގޮތަށް ކަންކަން ކުރުމުން ކުދިން ބޭނުންވާ އެއްޗެއްކާމެދު ވިސްނާ ލިސްޓްކޮށް ހަދަ އެވެ. އަދި ބައެއް ފަހަރު ލިސްޓް ބަދަލުވާ ފަހަރުވެސް އާދެއެވެ. ގަންނަ ކޮންމެ އެއްޗަކީ ވަރަށް ބޮޑަށް ބޭނުންވެގެން ގަންނަ އެއްޗަކަށް ވެއެވެ.

"ކުދިންނަށް ދަސްވޭ ކުޅޭ އެއްޗެއްސަކީ ވެސް ބުނެލާއިރަށް ލިބޭ އެއްޗެއް ނޫންކަން. ކާޑްބޯޑް ބޭނުން ކޮށްގެން ހެދުމުން ތިމާވެއްޓާރި ރައްޓެހި. ބޮޑު އަގު ދީފައި ގަންނަ ކުޅޭ އެއްޗެހި ފޫހިކޮށްލާ އެއްލާލުމުން އެއީ ވަރަށް ބޮޑު އިސްރާފެއް" އޭނާ ބުންޏެވެ.