އޮފްބީޓް

ސިކުނޑިން ޓިއުމަރެއް ނެގިއިރު މީހަކު ހޭލާ ސެލްފީ ނަގައިފި

ސިކުނޑިން ޓިއުމަރެއް ނަގަން ސާޖަރީ ހަދަމުން ދިޔައިރު ސެލްފީ ނެގި މީހަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
ގްލައިބްލާސްޓޯމާ މަލްޓިފޯމީ އަށް ޖިމް މާފީ ފަރުވާ ހޯދަން ފެށީ އޭގެ 18 އަހަރު ކުރިން ހަމަ މި ބައްޔަށް އޭނާގެ އަންހެނުން ވެސް ފަރުވާ ހޯދާފައި ވަނިކޮށެވެ. މިއީ އެއް މިލިއަނުން އެއް ފަހަރު ދިމާވާ އިއްތިފާގެކެވެ.

މި ބަލީގެ ސަބަބުން ސިކުނޑީގައި އުފެދިފައިވާ ޓިއުމަރު ނަގަން ސާޖަރީ ހެދިއިރު އޭނާ އޮތީ ހޭލަ އެވެ. އަދި ސާޖަރީ ހަދަނިކޮށް ސެލްފީ ނަގާފައި އޭނާގެ އާއިލާގެ މީހުންގެ ވަޓްސްއަޕް ގްރޫޕްގައި ޝެއާ ކުރި އެވެ. މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެގެން އުޅެނީ އެ ފޮޓޯ އެވެ.

ކްރޭނިއޯޓަމީ ނަމަކަށް ކިޔާ މި ސާޖަރީ ހަދާއިރު ބަލިމީހާ އަށް ހޭލާ އޮންނަން ބޭނުން ނަމަ އެ ފުރުސަތު ދެއެވެ. ޔޫކޭގެ ހަލް ރޯޔަލް އިންފާމަރީގައި ފަސް ގަޑިއިރަށް ދެމިގެން ދިޔަ މި ސާޖަރީ ހެދިއިރު ޖިމް ބޭނުންވީ ހޭލާ އޮންނާށެވެ. ސާޖަރީ ހެދި ޓީމުގައި ތިބި ހުރިހާ ޑޮކްޓަރުންނާއި ނަރުހުން ސާޖަރީ ނިމުމުން ޖިމްގެ ހިތްވަރަށް އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔެވެ. އަދި މިކަމާ އޭނާ ވަރަށް ހައިރާންވި އެވެ.

އިނގިރޭސި ވިލާތުގެ ނޫހަކަށް ޖިމް ދިން އިންޓަވިއު އެއްގައި ބުނީ ސާޖަރީ ހެދިއިރު އޭނާއަށް އިހްސާސް ކުރެވުނީ އޮފީހުގައި މީޓިންގް އެއްގައި އިނދެވުނު ހެންނެވެ. އަދި އެތަނުގައި ތިބި މީހުންނަށް އެހީތެރިވާ އަދި އެންމެ ފަހު ބަސް ބުނާ މީހާ އަކީ އޭނާ ހެންނެވެ.

"ސާޖަރީ ހަދާއިރު އިންސްޓްރުމަންޓްތަކުން ކިޔާ އަޑުތައް ނޭހުމަށް އަހަރެން އޮތީ މިއުޒިކް ޖަހައިގެން އަޑުއަހަން. ތިއޭޓަރުގައި އޮވެގެން އާއިލާގެ މީހުންނަށް ސެލްފީ ވެސް ފޮނުވިން. އެންމެ ކުރިން އެމީހުންނަށް ގަބޫލެއް ވެސް ނުކުރެވުނު އަހަރެން ފޮޓޯ ފޮނުވީ ސާޖަރީ ހަދަމުން ދަނިކޮށް ކަމެއް. ދެން ޔަގީންވުމުން އެންމެން ހިތްވަރު ދިނުމުގެ ގޮތުން ތަފާތު މެސެޖުތައް ކުރަން ފެށި،" ޖިމް ބުންޏެވެ.

ޖިމް ބުނި ގޮތުގައި ސިކުނޑީގައި ޓިއުމަރު އުފެދިފައި އިން ތަނުގެ ގޮތުން ސާޖަރީގެ ކުރިން ޑޮކްޓަރުން ބުނި އެންމެ ގިނަވެގެން ވެސް ނެގޭނީ ޓިއުމަރުގެ 85-90 ޕަސެންޓް ވަރު ހެނޭ ހީވަނީ. އަހަރެން ހޭލާ އޮވެ މި ސާޖަރީ އަށް ޑޮކްޓަރުންގެ ޓީމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވުނު ކަމަށް އަހަރެންނަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ. އެހެންވެ ޓިއުމަރުގެ އެހާ ބޮޑު ބައެއް ޑޮކްޓަރުންނަށް ނެގުނީ،" ޖިމް ބުންޏެވެ.

އަށާރަ އަހަރު ކުރިން ޖިމްގެ އަންހެނުންގެ ސިކުނޑީގައި އިން ޓިއުމަރު ނަގަން ތިން ފަހަރެއްގެ މަތިން ސާޖަރީ ހަދަން ޖެހުނެވެ. ނަމަވެސް އެންމެ ފަހަރަކުން ވަރަށް ކާމިޔާބު ކަމާއެކު ޖިމްގެ ސާޖަރީ ވަނީ ނިންމާލެވިފަ އެވެ.