ލައިފްސްޓައިލް

އޭލިއަނަކަށް ވާން ނޭފަތާއި ކަންފަތާއި ތުންފަތް ކަނޑައިފި

"ކަޅު އޭލިއަން" އަކަށް ވާން 32 އަހަރުގެ ފިރިހެނަކު ކުރި މަސައްކަތް ގިނަ ބައެއްގެ ސަމާލު ކަމަށް އައީ އެމީހާގެ ޓްރާންސްފޯމޭޝަން ސޯޝަލް މީޑިއާގައި ހާމަ ކުރުމުންނެވެ. މި މަންޒަރު ބަލާފައި އެއްބަޔަކު ބުމަ އަރުވާލިއިރު އަނެއްބަޔަކު ހައިރާން ވެގެން ގޮސް ތިބީ ބަސް ހުއްޓިފަ އެވެ.

މި މީހާ އޭލިއަން އަކަށް ވާހިތުން އޭނާގެ މަތީ ތުންފަތް ކަނޑާލުމުގެ އިތުރުން ނޭފަތާއި ކަންފަތް ވެސް ކަނޑާލައި ދޫވެސް ވަނީ ދެފަޅި ކޮށްލާފަ އެވެ.

އެންތަނީ ލޮފްރެޑޯ ނަމަކަށް ކިޔާ މި މީހާގެ ހަށިގަނޑު ޓެޓޫ ޖަހައި އަމިއްލަ ގައިގެ ހަންގަނޑު އެއްގޮތަކަށް ވެސް ނުފެންނަ ވަރު ކޮށްފައިވާއިރު ގައިގެ އެތަން މިތަން ތޮރުފާފައި ވެސް ވެއެވެ. މިއީ އޭނާ އޭލިއަން އެއްގެ ސިފަ ޖެހެން ވެސް ކޮށްފައިވާހާ މަސައްކަތެވެ.

އޭނާގެ މި ސިފަ ފެނިފައި ގިނަ ބަޔަކު ހައިރާންވިޔަސް މިކަމުގައި އެންތަނީގެ މަންމަގެ ފުރިހަމަ އެހީތެރިކަން އޭނާއަށް ލިބިފައި ވެއެވެ.

ޔޫކޭގައި ފާހަގަކުރި މަންމައިންގެ ދުވަހު އެންތަނީ ވަނީ އޭނާގެ މަންމަ އާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޝާއިއުކޮށް މަންމައަށް ޚާއްސަ ކެޕްޝަނެއް އެ ފޮޓޯގައި ލިޔެފަ އެވެ.

"މަންމަ އެމީހުން ކައިރީގައި ބުނޭ އެ މީހުން އެ ބުނަނީ ތެދެއް ނޫނޭ. އެމީހުންނަކަށް އަހަރެންނަށް ބަލާފައި ބިރުވެރި ހުވަފެނެއް ނުފެންނާނޭ. މަންމަގެ މޫނަށް ހިނިތުންވުން ގެނެސްދޭ މީހަކަށް އަހަރެން ވީތީ އުފާވޭ. އަހަރެންގެ ނަޒަރުގައި އެއީ އަހަރެންގެ އެންމެ ބޮޑު ކާމިޔާބީ ވެސް މެ. މަންމައަކު ދުވަހަކުވެސް އޭނާގެ ދަރިއަކު ޖަޖެއް ނުކުރާނެ،" އެންތަނީގެ މެސެޖުގައި ލިޔެފައި ވެއެވެ.

އެންތަނީގެ މި ޕޯސްޓަށް 40 ހާސް މީހުން ލައިކް ދީފައި ވެއެވެ. އަދި ކޮމެންޓުކުރި އެކަކު ބުނެފައިވަނީ މަންމައެއްގެ ލޯތްބަށް ވުރެ ތޯހިރު ލޯތްބެއް ނެތް ކަމަށެވެ.

އެންތަނީ މިހާރު މަސައްކަތްކުރަނީ އޭނާގެ ގައިގެ ހަންގަނޑު ނޮޅާލައި މެޓަލް ހަންގަނޑެއް ލެވޭތޯ އެވެ. އަދި ކައިރި ކުރިމަގެއްގައި އޭނާ އެކަން ކުރާނެ ކަމަށް ވެއެވެ.

އެންތަނީ ބުނި ގޮތުގައި އަތާއި ފައި އަދި އިނގިލިތަކާއި ބޮލުގެ ފުއްކިބައަށް ވެސް ބަދަލުތަކެއް ގެންނަން އޭނާ އެބަ މަސައްކަތް ކުރެ އެވެ.

އެންތަނީ އަކީ ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތަށް ބަލާއިރު ވަރަށް ރީތި ފިރިހެނެކެވެ. ނަމަވެސް އަމިއްލަ ހަށިގަނޑަށް ގެންނަމުންދާ ބަދަލުތަކުން ސިފަޔަށް އަންނަ ބަދަލުތަކާމެދު އޭނާ ދެރަވެ ހިތާމައެއް ނުކުރެ އެވެ. އެންތަނީ ވަނީ އޭނާގެ މި ޓްރާންސްފޯމޭޝަން ފުރަތަމަ ދުވަހުން ފެށީގެން މިހާތަނަށް ކުރިޔަށްދާގޮތް ވީޑިއޯ އާއި ފޮޓޯގެ ޒަރިއްޔާއިން ރެކޯޑްކޮށް ރައްކާ ކުރަމުންނެވެ. މި ޓްރާންސްފޯމޭޝަނަށް އޭނާ ދީފައިވާ ނަމަކީ "ބްލެކް އޭލިއަން ޕްރޮޖެކްޓް" އެވެ. އޭނާ މިކަން ކުރާ މަންޒަރު ބަލާހިތުން އިންސްޓަގްރާމްގައި މިހާރު އޭނާ ފޮލޯކުރާ މީހުން 345،000 އަށް ވަނީއަރާފަ އެވެ.

އެންތަނީ އަކީ އިނގިރޭސިވިލާތު މީހެއް ނަމަވެސް އޭނާގެ ގައުމުގައި މި ކަހަލަ ކަންތައްތައް ކުރުމަކީ މަނާކަމަކަށް ވާތީ އޭނާ މިކަން ކުރަނީ ސްޕޭނުގެ ބާސެލޯނާއަށް ގޮސްގެންނެވެ.

މިދިޔަ މަހު އޭނާ އެއްބަސްވީ ގޮތުގައި ނޭފަތާއި މަތީ ތުންފަތް ކަނޑާލުމުގެ ސަބަބުން ވާހަކަ ދައްކާހަދަން މިހާރު ވަރަށް އުނދަގުލެވެ. އެހެން ނަމަވެސް އޭނާގެ ސިފަޔާ މެދު ފަޚުރުވެރިވާ ކަމަށް އެންތަނީ ބުންޏެވެ.