ލައިފްސްޓައިލް

110ގެ މުނިމާމައަކު ލަވަކިޔައިގެން މަޝްހޫރުވެއްޖެ

އިނގިރޭސި ވިލާތުގެ ވޭލްސްގެ 110 އަހަރުވީ މުނިމާމައަކު ލަވަ ކިޔައިގެން އިންޓަނެޓު ސެންސޭޝަން އަކަށް ވެއްޖެ އެވެ. މި މުނިމާމައަށް މިހާ ބޮޑު މަގުބޫލުކަމެއް ލިބުނީ ސޯޝަލް މިޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކްގައި އޭނާ ލަވަ ކިޔަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވައިރަލް ވެގެންނެވެ.

މުނިމާމަ އެމީ ވިނިފްރެޑް ހޯކިންސް އުފަންވީ ޖެނުއަރީ 24، 1911 ގައެވެ. އޭނާގެ 110 ވަނަ އުފަން ދުވަހު މުނިމާމަ ވަރަށް އުފަލުން ލަވައެއް ކިޔާލި އެވެ. ވައިރަލް ވެގެން އުޅެނީ އެ ދުވަހު މުނިމާމަ ކީ ލަވަ އެވެ.

ސައި ތައްޓެއް އަތުން ހިފައިގެން އިނދެ މުނި މާމަ ކިޔާފައިވަނީ އިނގިރޭސި ވިލާތުގައި އެންމެ ގަދަޔަށް ހަނގުރާމަ ހިނގި ދުވަސްވަރުގެ މަޝްހޫރު ލަވައެއް ކަމަށްވާ "އިޓްސް އަ ލޯންގް ވޭ ޓު ޓިޕަރަރީ" އެވެ.

ޓިކްޓޮކްގައި މި ލަވަ ޝެއާ ކުރީ އެމީގެ މުނިމާމަ ދަރިފުޅެއް ކަމަށްވާ 14 އަހަރުގެ ސާޗާ ފްރީމަން އެވެ.
މިހާތަނަށް މި ވީޑިއޯއަށް 45،000 އަށް ވުރެ ގިނަ ވިއުޒް ލިބިފައި ވެއެވެ.

އައިޓީވީ ނިއުސް އަށް ދިން އިންޓަވިއުއެއްގައި އެމީ ބުނީ އެއީ އޭނާ އެ ދުވަހު އުފާވެފައި ހުރި ވަރުން ކިޔާލި ލަވައެކެވެ. އެ ލަވަ ރެކޯޑު ކޮށްގެން ސޯޝަލް މީޑިއާގައި ޝެއާ ކޮށް އެހާ ބޮޑު މަގްބޫލުކަމެއް ލިބިދާނެކަމަކަށް އޭނާ އެއްގޮތަކަށް ވެސް ހިއެއް ނުކުރެ އެވެ.

މި ލަވައިގެ ފަހުން ސާޗާ އޭނާގެ މާމައާއެކު ލަވަ ކިޔާ ނަށާފައިވާ ލަވައެއްވެސް މިހާރު ވައިރަލް ވެފައި ވެއެވެ.
އެމީ ބުނި ގޮތުގައި އޭނާ އަކީ ލަވަ ކިޔާ ނެށުމުގެ މަސައްކަތް ޅައިރު ކޮށްފައިވާ މީހެކެވެ. ގްރޫޕް ހަދައިގެން އިނގިރޭސި ވިލާތުގެ އެކި ހިސާބުތަކަށް ދަތުރުކޮށް ލަވައާއި ނެށުންތައް ޕާފޯމްކޮށްދީފައިވާނެ ކަމަށާއި މިހާރު ވެސް އެކަން ވަރަށް ކުރާހިތްވާ ކަމަށް އޭނާ ބުންޏެވެ.

"މީހުންގެ މުނިފޫހި ފިލުވައިދީ ހިތްހަމަޖައްސައިދިނުމަކީ އަހަރެންގެ ލޭގައި ހުރި ކަމެއް،" އެމީ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ޅައިރު އޭނާ ވަރަށް މޮޅަށް ނަށާ ސްޕިލިޓްސް ހަދާ އުޅުނެވެ. ނަމަވެސް މިހާރު އެކަމެއް ނުކުރެވޭނެ އެވެ. ނަމަވެސް އުމުރާ ބަލާފައި މިހާރު ވެސް އެމީގެ ހެލިފެލިވުން ބަރާބަރެވެ. އެހެން މީހެއްގެ އެހީއާ ނުލައި ހިނގާ ބިނގާވެ އުޅެ އެވެ. އަދި ފައިވެސް ފުދޭ ވަރަކަށް މައްޗަށް ނެގެ އެވެ.

އެމީ އާއްމުކޮށް އުފަން ދުވަސްވެސް ފާހަގަކުރަނީ ރެސްޓޯރަންޓްތަކަށް ގޮހެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން މިހާރު އޭނާ ގެއިން ބޭރަކަށް ނުނުކުމެ އެވެ. މިހާރު އޭނާގެ ކަމަކީ ގޭގައި އާއިލާއާއެކު ލަވަކިޔާ ނަށާ މަޖާ ނެގުމެވެ.

އެމީގެ މުނިމާމަ ދަރިފުޅު ސާޗާ ބުނީ މާމައަކަށް ޓިކްޓޮކް އަކީ ކޯޗެއްކަމެއް އެއީ ކިހިނެއް މަސައްކަތްކުރާ އެއްޗެއް ކަމެއް ކުރިއަކުން ނޭނގެ އެވެ.

"އަހަރެން ބުނިން ކޮމްޕިއުޓަރުން ފެންނާނެ މާމާ ދުނިޔޭގެ ހުރިހާ ހިސާބެއްގައި އުޅޭ މީހުންނަށް. ބުނީމަ އިން ވަރަށް ހައިރާންވެފަ،" ސާޗާ ބުންޏެވެ.