އިނގިރޭސި ޝާހީ އާއިލާ އާ ދެކޮޅަށް ޕްރިންސް ހެރީ އާއި މެގަން މާކަލް ދާދިފަހުން އޮޕްރާ ވިންފްރީއަށް ދެއްވި އިންޓަވިއުގައި މެގަން ހެދީ ހުސް ދޮގު ކަމަށާއި އެ ވާހަކަތައް އެއްގޮތަކަށް ވެސް ގަބޫލު ނުކުރާ ކަމަށް ބުނެ ކުރީގެ ފިލްމީ ބަތަލާ އަދި ޓީވީ ހޯސްޓް ސިމީ ގަރެވާލް ސޯޝަލް މީޑިއާގައި ޝެއާ ކުރި ޕޯސްޓަކުން ގިނަ ބަޔަކު އޭނާއަށް ފާޑު ކިޔަމުން އެބަ ދެއެވެ.
އޭނާގެ އަމިއްލަ ހިޔާލު ފާޅުކުރަމުން ސިމީ ބުނީ މެގަން އަކީ ދޮގު ހަދާ މީހެއް ކަމަށެވެ. އަދި އެ އިންޓަވިއުގައި މެގަން ދެއްކި އެއްވެސް ވާހަކައެއް އޭނާއަށް ގަބޫލު ނުކުރެވުނު ކަމަށް ވެސް ސިމީ ބުންޏެވެ.
ސިމީގެ އޮފިޝަލް އެކައުންޓުން ކުރި ޓުވީޓްތަކެއްގައި އޭނާ ބުނީ މެގަން ބުނި އެންމެ ވާހަކައެއް ވެސް އޭނާއަކަށް ގަބޫލެއް ނުކުރޭ ކަމަށެވެ. އަދި ނަސްލީ ތަފާތު ކުރުންތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދަން މެގަން މަސައްކަތް ކުރެއްވި ކަމަށް ސިމީ ތުހުމަތު ކޮށްފައި ވެއެވެ.
"މެގަން ބުނި އެންމެ ބަހެއް ވެސް އަހަރެން ގަބޫލެއް ނުކުރަން. އޭނާ ދޮގު ހަދައިގެން މިކަމުގައި ހުރިހާ ދެރައެއް ލިބުނީ އޭނާއަކަށް ކަމަށް ހެދިގެން އުޅެނީ. އަދި ނަސްލީ ތަފާތު ކުރުންތައް ގެންގުޅެއޭ ކިޔައިގެން މީހުންގެ ހަމްދަރުދީ ހޯދަން މަސައްކަތްކުރަނީ،" ސިމީ ބުނެފައި ވެއެވެ.
މި ޓުވީޓަށް މާ ގިނައިރެއް ނުވެ މީހުންތައް ރުޅިގަދަ ވެގެން ސިމީއާ ދެކޮޅަށް ކޮމެންޓުތައް ކުރަން ފެށުމުން އޭނާ ވަނީ ފަހުން އޭނާ ބޭނުން ކުރި "އީވަލް" އަކީ ބުނަން ވާ ވަރަށްވުރެ ތަންކޮޅެއް ހަރުކަށި ބަހެއް ކަމަށާއި އެބައި އޭނާގެ ޓުވީޓުން އުނި ކޮށްފައިވާ ކަމަށް ބުނެފަ އެވެ.
ސިމީގެ ޓުވީޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި އެތައް ޒަމާނަކުއްސުރެ ބިނާ ކުރާ ގޭގެއާއި އާއިލާތައް ހަލާކު ކުރަން އުޅޭ އަންހެނުން ދެކެ އޭނާ ވަރަށް ފޫހިވެ އެވެ.
ސިމީގެ ޓުވީޓްތަކަށް ފާޑުކިޔައި އެތައް ބަޔަކު ޓުވީޓްތައް ކޮށްފައި ވެއެވެ. އެތަނުން އެކަކު ބުނީ މެގަން ހެދީ ދޮގު ނަމަ އޭނާއާ ދެކޮޅަށް ދައުވާ ކުރެވޭނެ ޖާގަ އޮތް ކަމަށެވެ. މި އިންޓަވިއުގެ ސަބަބުން ޝާހީ ތާޖަށް ހެރީ އާއި މެގަންގެ އޮތްނަމަ އޮތް އުންމީދެއް ވެސް ގެއްލިފައިވާ ކަމަށާއި ދޮގު ހަދައިގެން އެފަދަ ބޮޑު ރިސްކެއް އެމީހުން ނުނަގާނެ ކަމަށެވެ. އަދި މެގަން ދެއްކެވި ވާހަކަތައް ގަބޫލު ކުރެވޭ ކަމަށް ކޮމެންޓުކުރި މީހާ ބުންޏެވެ.
މެގަންގެ އިންޓަވިއުގައި ޝާހީ އާއިލާގެ މީހުންނާއި އެ އާއިލާގެ ކަންކަން އޮންނަ ހެރީ އާ ކައިވެނިކުރުމުގެ ކުރިން އޭނާއަށް ނޭނގޭ ކަމަށް ބުނެފައި ވެއެވެ.