ލައިފްސްޓައިލް

މި ދެމަފިރިންގެ 80 އަހަރުވީ ކައިވެނީގެ އުފާވެރިކަމުގެ ސިއްރު!

ރޮން އާއި ބެރީލް ގޮލައިޓީ އަކީ އިންގްލެންޑްގެ ނޯތު ޔޯކްޝަޔާގެ ހެރޮގޭޓްގެ ވަޒަންވެރިންނެވެ. ރޮންގެ އުމުރުން މިހާރު 100 އަހަރެވެ. ބެރީލްގެ އުމުރުން 98 އަހަރެވެ.

ކުޑައިރުއްސުރެ ލޯބީގެ ގޮތުން ގުޅިގެން އުޅެ ކައިވެނިކުރި މި ދެމަފިރިންނަކީ މި ވަގުތު އިނގިރޭސި ވިލާތުގައި ތިބި އެންމެ ގިނަ ދުވަހު ކައިވެނި ކޮށްގެން އުޅުނު ދެމަފިރިންގެ ރެކޯޑް މިހާރު އޮތް ދެމަފިރިންނެވެ. މި ދެމަފިރިން ދާދި ފަހުން ވަނީ އެމީހުންގެ ކައިވެންޏަށް 80 އަހަރު ފުރުން ފާހަގަ ކޮށްފަ އެވެ.

ދެ މީހުން ބައްދަލުވީ ޓީންއޭޖް އުމުރުގަ އެވެ. އަންހެންކުދިންގެ ގްރޫޕަކަށް ފިރިހެން ކުދިންގެ ގްރޫޕަކުން ތުނބުން ފުމެ ހަނގާ ކުރިއިރު އަންހެންކުދިންގެ ގްރޫޕްގައި ބެރީލް ހުއްޓެވެ. އަދި ފިރިހެންކުދިންގެ ގްރޫޕްގައި ރޮން ހުއްޓެވެ.

ފިރިހެން ކުދިންތަކެއް ތުބުން ފުމޭތީ ބެރީލް އެނބުރިލާފައި އެކުދިން ތަކަށް ބަލާލިއިރު އެތަނުގައި ރޮން ހުއްޓާ ފެނުނެވެ. އަދި ފުރަތަމަ ނަޒަރުން ވެސް އޭނާއަށް ހިތް ދެވުނެވެ. ރޮންގެ ބުޅި އިސްތަށިގަނޑާއި ލާނެތް ހިނިތުންވުން ފުރަތަމަ ބަލާލުމުން ވެސް ބެރީލްގެ ހިތުގައި ބިންވަޅު ނެގިގެން ދިޔަ އެވެ.

އޭރު ބެރީލްގެ އުމުރުން 14 އަހަރެވެ. ރޮންގެ އުމުރުން 16 އަހަރެވެ. ނަމަވެސް ފުރަތަމަ ފެނިލުމުން ވެސް އޭނާ ކައިވެނި ކުރަން ބޭނުންވާ ފިރިހެންކުއްޖަކީ އެއީކަން ބެރީލްގެ ހިތް ބުންޏެވެ.

ދެމީހުން ދިރި އުޅެނީ އެއް ހިސާބުގަނޑެއްގައި ކަމުން އަނެއްކާ ވެސް ދުވަސްކޮޅެއް ފަހުން ދެ މީހުން ބައްދަލުވި އެވެ. އަދި އެކުގައި ހިނގާލަން ދާން ނިންމި އެވެ. ބެރީލް ބުނާ ގޮތުން ނަމަ އެ ދުވަހުން ފެށީގެން ވެސް އެ ދެ މީހުންނަކީ ދެ ލޯބިވެރިންނޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

ދެ މީހުން ކައިވެނި ކުރީ 1941 ވަނަ އަހަރު އެވެ. އޭރު ރޮން އުޅެނީ ބްރިގޭޑިއާ ގާޑަކަށެވެ. ކައިވެނި ކުރަން އޭނާ ޗުއްޓީ ނަގަން ދެ ފަހަރަށް މަސައްކަތް ކޮށްގެން ވެސް ޗުއްޓީ ކެންސަލްވުމުން އެންމެ ފަހުން ހާއްސަ ލައިސަންސެއް ހޯދައިގެން ވަރަށް އަވަސް އަވަހަށް ދެ މީހުން ކައިވެނި ކުރި އެވެ. އެހެންވެ ކައިވެނި ކުރިއިރުގެ އެއްވެސް ފޮޓޯއެއް ވެސް އެމީހުންގެ އަތަކު ނެތެވެ. އަދި ކައިވެނީގެ ހެކިވެރިޔަކަށް ވެސް ވީ އެ ވަގުތު މަގުމަތިން ހިނގާފައި ދިޔަ މީހެކެވެ.

ބެރިލް ބުނި ގޮތުގައި ކައިވެނި ކުރިއިރު އޭނާއަށް 18 އަހަރެވެ. ރޮން ޕްރޮޕޯޒްކުރި ކަމެއް ނުވަތަ ނޫންކަމެއް ވެސް އޭނާ މިހާރު ހަނދާނެއް ނެތެވެ. ދެ މީހުން ދެއްކިހާ ވެސް ވާހަކައަކީ އެކުގައި ހަޔާތެއް ބިނާ ކުރުމުގެ ވާހަކަ އެވެ.

"ޔަގީނުން ވެސް އޭނާ ކަކޫ މައްޗަށް ތިރިވެ ޕްރޮޕޯސްއެއް ނުކުރޭ. އަހަރެމެން ކައިވެންޏެއް ޕްލޭން ކުރީ،" ބެރިލް ބުންޏެވެ.

އެމީހުންގެ 80 އަހަރުވީ ކައިވެނީގެ އުފާވެރިކަމުގެ ސިއްރެއް ކަމަށް ބެރީލް ބުނީ ދެބަސްވާ ކަންކަން މާ ގިނައިރުތަކަކަށް ނުދެންމުމެވެ.

"އަހަރެމެން ދެ މީހުން ދޭތެރޭ ޖެހޭ މައްސަލަތައް ފޮރުވައިގެން ނުތިބެން. ހިތްހަމަ ނުޖެހޭ ކަމެއް ވިއްޔާ އެކަމެއްގެ ހައްލު ފެންނަން ދެން އެކަމަކާ ވާހަކަ ދައްކާ މަޝްވަރާ ކުރަނީ. އެއީ އަހަރެމެންނަށް މިހާ ގިނަ ދުވަހު ކައިވެނި ކޮށްގެން އުޅެވުމުގެ ސިއްރަކީ. އަހަރެމެންނަށް ލޯބި ވެވުނީ ވަރަށް ޅަ އުމުރުގައި. އަދި މިހާރު ވެސް އަހަރެމެން އެކަކު އަނެކަކު ދެކެ ހަމަ އެހާ ލޯބިވޭ،" ބެރީލް ބުންޏެވެ.

އެމީހުންގެ ދިގު އުމުރުގެ ސިއްރެއް ކަމަށް ބެރީލް ބުނީ އެމީހުންގެ ލައިފްސްޓައިލެވެ.

ބެރީލް އަކީ ގިނަ ދުވަސްތަކަކު ފިހާރައެއްގައި އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. ރޮން އުޅުނީ ޑްރައިވަރަކަށެވެ. ދެމަފިރިންގެ ތިބީ ދެ އަންހެން ދަރިންނެވެ. މާގްރެޓް އާއި ސުއި އެވެ. ހަ މާމަ ދަރިންނާއި 10 މުނިމާމަ ދަރިންނާއި އެއް ހޫރުމާމަ ދަރި އެބަތިއްބެވެ.

ދޮށީ ސުއި ޖޯންސަން އަށް މިހާރު 75 އަހަރެވެ. ސުއި ބުނި ގޮތުގައި އޭނާގެ މައިންބަފައިންނަކީ ކޮންމެ ދެމަފިރިއަކު ވެސް ނަމޫނާއަކަށް ބަލަން ރަނގަޅު މިސާލެކެވެ. ކައިވެނި ކޮށްގެން އެހާ ގިނަ ދުވަސް ވީއިރުވެސް ދެ މީހުންގެ ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާންނަ ކަމަށް ސުއި ބުންޏެވެ.

"އެކަކު އަނެކަކާ އަތާ އަތްގުޅާލައިގެން ތިބެން އެމިހުން ލޯބިކުރޭ. ޑޮކްޓަރަށް ދައްކަން ދާއިރުވެސް ދެ މީހުން ތިބޭނީ އަތުގުޅާލައިގެން. އަހަރެންގެ މައިންބަފައިންގެ ފަރާތުން އަހަރެން ވެސް ކައިވެނީގެ ގުޅުން ބާއްޖަވެރިކުރަން ދަސްކުރީ،" ސުއި ބުންޏެވެ.