ލައިފްސްޓައިލް

ކައިވެންޏަށް 80 އަހަރު ފަހުން ދެމަފިރިން މަރުވީ އަތާއަތް ގުޅާލައިގެން

އުމުރުން 100 އަހަރުވީ ދެމަފިރިން އެމީހުންގެ ކައިވެންޏަށް 80 އަހަރު ފުރުނު ފަހުން އެއް ދުވަހެއްގައި މަރުވެއްޖެ އެވެ.

އެކަކު މަރުވިތާ މާގިނަ އިރެއް ނުވެ އަނެކަކު ވެސް މަރުވިއިރު ތިބީ އަތާ އަތް ގުޅާލައިގެންނެވެ.

ހުބާޓް އާއި ޖޫން މެލިކޯޓް ފުރަތަމަ ބައްދަލުވީ 1941 ވަނަ އަހަރު އޯހިއޯގެ ހަމިލްޓަނުންނެވެ. އޭގެ ދެ އަހަރު ފަހުން ދެ މީހުން ކައިވެނިކުރިއިރު އެމީހުންގެ އުމުރުން 20 އަހަރެވެ.

ކައިވެންޏަށް 80 އަހަރު ފުރުނު ފަހުން މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެކަކު މަރުވިއިރު އަނެކަކު މަރުވެފައިވަނީ އޭގެ 20 ގަޑިއިރު ފަހުންނެވެ.

ކައިވެނިކޮށްގެން ފާއިތުވީ 80 އަހަރު ދެމަފިރިން އުޅުނީ ވަރަށް އެކުގައި ލޯބިންނެވެ. އަދި ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަ ދުވަހު ވެސް އާއިލާގެ އެންމެންނަށް ޕިއްޒާ ޕާޓީއެއް ބާއްވައިގެން ދެ މީހުން ވަރަށް މަޖާ ކުރި އެވެ. ހަމަ އެރޭ ޖޫން ބަލިވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނީ ކަމަށް އެމީހުންގެ 70 އަހަރުގެ އަންހެން ދަރި ޖޯ މަލިކޯޓޭ ބުންޏެވެ.

ޖޫން ހޮސްޕިޓަލަށް ގެންދިޔަ ތަނާ ފިރިމީހާ ހުބާޓް ވެސް ބަލިވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އަދި ދެ މީހުން އެއް ކޮޓަރިއެއްގެ ދެ އެނދުގައި އެޑްމިޓްކޮށްފައި ތިއްބާ ދެ މީހުން ވެސް ހޭނެތުނީ އެވެ. އެހެންވެ ދެ އެނދު ޖައްސައި ދެ މީހުން އަތާ އަތް ގުޅާލައިގެން ތިބެވޭ ގޮތް އާއިލާއިން ހެދީ އެވެ. ހޭ ނެތަސް ދެ މީހުންނަށް އެކަކު އަނެކަކާ އެކު އޮވެވޭ ކަމުގެ އިހްސާސް ވާނެކަމުގެ އުންމީދުގަ އެވެ.

"އެތިބި ގޮތަށް ތިބެ އެމީހުން ހޭ ނާރާ މަރުވީ. ބައްޕަ (ހުބާޓް) މަރުވީ ރޭގަނޑު 9.15ގައި. މަންމަ މަރުވީ އަނެއް ދުވަހުގެ ހަވީރު 5.40ގައި،" ދެމަފިރިންގެ ފިރިހެން ދަރިފުޅު ބުންޏެވެ.