އިންސާނަކު މަރާލުމުގެ ކުށް ސާބިތުވެފައިވާ މީހަކަށް އެންމެ ދެ އަހަރު ދުވަހުގެ ހުކުމެއް އަތުވެދާނެކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ އަދި އެ ހުކުމް ވެސް ތަންފީޒުނުކޮށް އޭނާ މިނިވަން ވެދާނެކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ މިއީ އެފަދަ މީހެއްގެ ވަރަށް އަސަރުގަދަ ވާހަކަ އެކެވެ.
ކޮންމެ ފަހަރަކު ވެސް އަންހެނުން ޑައިން މެންސްފީލްޑް ގޮވައިގެން ޗުއްޓީ އަށް ފުރުމުގެ ކުރިން ގްރާމް މެންސްފީލްޑް އަބަދުވެސް އޭނާގެ ގެޔަށް ނޫހާއި ކިރު ޑެލިވަރީ ކުރާ މީހުން ކައިރީގައި ދުވަސްކޮޅަކަށް އެ އެއްޗެތި ޑެލިވަރީ ނުކުރަން އެދެ އެވެ. ފްރީޒަރުގައި ހުރި ހުރިހާ އެއްޗެއް ނަގާ އެ ސާފުކުރެ އެވެ. ދޫންޏަށް ކާން އަޅާ އެއްޗެއް ފުރެންދެން ކާއެއްޗެތި އަޅަ އެވެ. އަދި މުޅި ގެ ވަރަށް ރީއްޗަށް ސާފުކޮށް ތަރުތީބު ކުރެ އެވެ. މިފަހަރު ވެސް އޭނާ މި ހުރިހާ ކަމެއް ފުރިހަމައަށް ކުރި އެވެ.
އޭނާގެ އަންހެނުން ކޯޓު ލައިގެން އެ ގޭގެ ބަގީޗާ އާ ދިމާލަށް ހިނގައިގަތް އިރުވެސް ގްރާމް އުޅެނީ ޗެކްލިސްޓުގައިވާ ހުރިހާ ކަމެއް ފުރިހަމަ ކުރެވިއްޖެތޯ ބެލުމުގަ އެވެ. ނަމަވެސް މިފަހަރު އޭނާ އަވަސް އަރުވާލާފައި އެހުރީ ޗުއްޓީގައި ތަނަކަށް ފުރަން އެއާޕޯޓަށް ދާކަށް ނޫނެވެ. ނަމަވެސް އެ ދެމީހުން އެ އުޅެނީ ކޮންމެވެސް ތާކަށް ދާންކަން ޔަގީނެވެ.
ގޭގެ ބަގީޗާގައި އޭނާ ހައްދާފައިވާ ތަރުކާރީ ދަނޑު ކައިރީގައިވާ ގޮނޑިއަކީ އޭނާ އާއި ޑައިންގެ ހަޔާތުގެ ބޮޑު ބައެއް އެ ގޮނޑީގައި ހޭދަކޮށްފައިވާ ތާރީޚީ ގޮނޑިއެކެވެ. ރޭގަނޑުގެ އަނދިރިކަމުގައި މިއަދުވެސް އޭނާ އެ ގޮނޑި ކައިރިއަށް ދިޔަ އެވެ. އަދި ގޮނޑީގައި އިށީނދެ އިން އަންހެނުންގެ ކަރު ބުރިކޮށްލައި އޭނާ މަރާލައި އަމިއްލައަށް މަރުވާން މަސައްކަތް ކުރި އެވެ. މި ހަމަލައިން ޑައިން މަރުވި އެވެ. ނަމަވެސް ގްރާމް މަރުނުވެ ސަލާމަތްވި އެވެ.
މި ހާދިސާއަށް 16 މަސް ފަހުން ގްރާމްގެ ކުށެއްނެތް ކަމަށް ސާބިތުވެ އޭނާ ޖަލުން މިނިވަންވެ އަމިއްލަ ގެއަށް އައިސް ބަގީޗާގައި ހުރި އެ ގޮނޑީގައި އިށީނދެލި އެވެ. މިއަދު އޭނާގެ ކައިރީގައި އިނީ އޭނާއާ އިންޓަވިއުކުރަން އައިސް އިން އިނގިރޭސި ވިލާތުގެ ނޫސްވެރިއެކެވެ.
ގްރާމްގެ ހަޔާތުގެ ސަފުހާތައް ނޫސްވެރިޔާ އަށް ހުޅުވާލި އެވެ. ގްރާމް ބުނިގޮތުގައި ފުރާނައަށް ވުރެ ލޯބިވި އަނބިމީހާ މަރާލީ އޭނާ ދެކެ ވާ ލޯބީގެ ބޮޑުކަމުންނެވެ. އަދި އަނބިމީހާއަށް ވީ ވައުދެއް ފުއްދުމަށެވެ.
ޑައިން އަކީ ކެންސަރު ބަލީގެ ހަތަރު ވަނަ ސްޓޭޖުގައި އޮތް މީހެކެވެ. އިންތިހާއަށް ވޭނުގައި އުޅެމުންދިޔަ މީހެކެވެ. ކެންސަރުޖެހި ގަދަނުވާނެކަން އެނގުމުން ޑައީން އޭނާގެ ފިރިމީހާ ލައްވާ ހުވައެއް ކުރުވި އެވެ. އޭނާއަށް ވޭނަށް ކެތް ނުވާވަރު ވެގެން ބުނެފިނަމަ މަރާލަ ދިނުމަށެވެ. އެ ވަގުތު ގްރާމް އެކަމާ އެއްބަސްވި އެވެ. ނަމަވެސް ޝަރުތެއްގެ މަތިންނެވެ. ޑައިން މަރާލުމަށްފަހު ޚުދް އޭނާ ވެސް މަރުވާން އެއްބަސްވާ ނަމަ އެވެ. ސަބަބަކީ ޑައިންއާ ނުލާ ދިރިހުރުމަކީ ގްރާމް އަށް ކުޅަދާނަ ކަމަކަށް ނުވާތީ އެވެ. ނަމަވެސް ގްރާމް އަށް އަމިއްލައަށް މަރުވުމުގައި ކާމިޔާބެއް ނުހޯދުނެވެ. އެހެންވެ އޭނާއަށް އަމިއްލަ ނަފްސަށް ދިން ޒަޚަމްތައް ފަސޭހަވުމާއެކު ޖަލަށް ގެންދިޔައީ އެވެ. އަދި އޭނާގެ މައްޗަށް އަނބިމީހާ މަރާލުމުގެ ކުށުގައި ދައުވާ އުފުލުނެވެ.
ކޯޓުން މި މައްސަލައިގެ ހުކުމް ކުރި ދުވަހު ފަނޑިޔާރު ވެސް އެއްބަސްވެ ވަޑައިގެންނެވި ގޮތުގައި ގްރާމް އެކަން ކުރީ އަނބިމީހާ ދެކެވާ ލޯބީގެ ބޮޑުކަމުންނެވެ. އެހެންވެ ގްރާމަށް އައީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް އޭރު އޭނާ ޖަލުގައި ހުންނަތާ ދޮޅު އަހަރު ވެފައިވާތީ އެ ހުކުމް ވެސް ތަންފީޒުކުރާކަށް ނުޖެހުނެވެ. އޭނާ މިނިވަންވެ އަނބުރާ ގެއަށް އާދެވުނީ އެވެ.
ގެއަށް ވަނުމާއެކު އަޑުން އަޑުނަގާ ގްރާމް ރޯން ފެށީ އެވެ. އޭނާގެ މާޒީގެ ސަފުހާތައް ލޯ ކުރިމަތީގައި ހާމަވާން ފެށި އެވެ. އަންހެނުން މަރާލުމަށްފަހު ޚުދް އޭނާ މަރުވާން ކުރި މަސައްކަތް ނާކާމިޔާބުވެ ބަދިގެ ތެރޭގައި މަރަށް ތެޅިތެޅި 12 ގަޑިއިރު އޮތް ހަނދާން އާވުމުންނެވެ.
ގްރާމްގެ ވާހަކަ ކިތަންމެ އަސަރު ގަދަޔަސް އިންސާނަކު މަރާލުމުގެ ހައްގެއް އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހައްގެއް ވެސް އޭނާއަކަށް ނެތެވެ. އެހެންކަމުން މިކަމާ އެއްކޮޅަށް އަދި ދެކޮޅަށް ވެސް ގިނަ ބަޔަކު ބަހުސްކުރާ ބޮޑު މައްސަލައަކަށް މިކަންތައްވީ އެވެ. ގްރާމް އެންމެ ފަހުން ފުލުހުންނަށް ގުޅީ އޭނާ އެހާލުގައި އޮއްވާ އޭނާގެ އަންހެންކޮއްކޮ އަށް ފެނިދާނެތީ އެވެ. އެ ދުވަހު ހެނދުނު ކޮއްކޮ އެގެޔަށް ޒިޔާރަތްކުރާނެކަން ޔަގީން ވާތީ އެވެ.
ގްރާމް ބުނި ގޮތުގައި އަންހެނުންގެ ރުއިމާއި އާދޭސްތަކަށް ކެތްނުވެގެން އޭނާއަށް އެކަން ކުރެވުނުއިރު އެއަށް ވުރެ ރަނގަޅު ގޮތްތައް ވެސް އެކަންކުރަން އޮތްކަން އޭނާއަށް އޭރަކު ނުވިސްނުނެވެ. މިސާލަކަށް އަންހެނުން ގޮވައިގެން ސްވިޒަލެންޑަށް ދެވުނު ނަމައޭ މިހާރު އޭނާ ހިތަށް އަރަ އެވެ. ދިރިއުޅުމުގެ އުންމީދު ކެނޑީފައިވާ އަދި އިންތިހާއަށް ވޭނުގައި އުޅޭ މީހުން މަރާލުން އެ ގައުމުގެ ގާނޫނު ހުއްދަ ކޮށްފައި އޮތީމަ އެވެ. ނަމަވެސް އެކަން ކުރި ވަގުތު އެ ކަހަލަ އެއްވެސް ޚިޔާލެއް އޭނާގެ ހިތަކަށް ނޭރި އެވެ.
އުމުރުން 71 އަހަރުގެ ޑައިން އާއި 73 އަހަރުގެ ގްރާމް ބައްދަލުވީ 1974 ގައެވެ. އަދި ހަ އަހަރު ފަހުން ދެ މީހުން ކައިވެނި ކުރި އެވެ.
ޑައިން މަރާލުމުގެ ކުށް ސާބިތުވެ ކޯޓުގައި ޝަރީއަތް ހިނގަމުންދިޔަ ދުވަސްވަރު ގްރާމްގެ އަވަށްޓެރިންގެ ތެރެއިން ގިނަ ބަޔަކު ކޯޓުގައި ހެކިބަސް ދިން ގޮތުގައި އެ ދެމަފިރިންނަކީ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ އެކަކު އަނެކަކަށް އިންތިހާއަށް ވަފާތެރި ދެމަފިރިން ކަމަށެވެ.
ގްރާމް ބުނި ގޮތުގައި އެ ދެމަފިރިންނަށް ދަރިއަކު ލިބުމުގެ ނަސީބެއް ނުލިބުނެވެ. ނަމަވެސް ހަޔާތުގެ 40 އަހަރު ދެމަފިރިން ހޭދަކުރީ އުފަލާއި ހިތްހަމަޖެހުމާ އެކުގަ އެވެ. އަހަރު ހަތަރު ފަހަރު ޗުއްޓީގައި ތަންތަނަށް ގޮސްލަ އެވެ. ދޭތެރެއަކުން ޑީން ބޮޑު ބަލިގަނޑެއް އަޅައިގެން އެކަމުގައި އުޅެން ޖެހުން ފިޔަވައި އެމީޙުންގެ ހަޔާތުގައި ހިތާމަކުރާނެ އެއްވެސް ކަމެއް ނެތެވެ.
"ޑައިން އަބަދުވެސް ވަރަށް ބަލިކޮށް އުޅެނީ. އެގޮތުން 1999 ގައި ފުރަތަމަ ކެންސަރު ޖެހުނީ ބްލެޑާ އަށް. އަދި 2004ގައި އެއް ކިޑްނީ ނަގަން ޖެހުނު. ޑީންގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރީ ހޮސްޕިޓަލު ތަކުގައި. ނަމަވެސް އެންމެ ހިތާމަވެރި ޚަބަރެއް ލިބުނީ ސެޕްޓެމްބަރު 2020ގައި. އެއީ ޑައިންގެ ފުއްޕާމެއަށް ކެންސަރުޖެހި ލިމްފް ނޯޑްސްތަކަށް ބަލި ފެތުރިފައިވާ ކަމުގެ ހިތާމަވެރި ޚަބަރު. އަދި ބަލި ހުރީ ހަތަރު ވަނަ ސްޓޭޖްގައި ކަން އެނގުނު. އަހަރެމެންނަށް ދެން އެނގުނު ކެންސަރުގެ ފަސް ވަނަ ސްޓޭޖަށް ނޯންނަކަމާއި ދެން މާ ގިނަ ދުވަހެއް ނެތްކަން،" ގްރާމް ބުންޏެވެ.
ގްރާމް ބުނި ގޮތުގައި ވަގުތުން ކީމޯތެރަޕީ ފެށި ނަމަވެސް ޑީންގެ ސިއްހީ ހާލަތު ގޯސްވަމުން ދިޔައީ ވަރަށް ހަލުވިކޮށެވެ. އޭނާގެ ކަރުގައި ބޮޑު ޓިއުމަރެއް އުފެދި އޭގެ ސަބަބުން ކާއެއްޗެތި ދިރުވަން އުނދަގޫވި އެވެ. ވަރަށް ހާލުން ނޫނީ ކުޑަ ކުޑަ އެތިކޮޅެއް ވެސް ނުދިރޭ ވަރަށް ހާލަތު ގޯސްވި އެވެ.
އޭނާ މަރާލަދޭން ފިރިމީހާގެ ކިބައިން ޑީން އެދުނީ ހަށިގަނޑުގައި އަޅާ ވޭންތަކަށް ކެތް ނުވެގެންނެވެ.
އެ ދުވަސްވަރު ޑީންގެ ރުއިމާއި ވޭނީ އާހުގެ އަޑުން ގްރާމްގެ ހިތް ކުދިކުދިވަމުން ދިޔަ އެވެ. ޑީން އަށް ކުޑަ އެތިކޮޅެއް ވެސް ނުދިރިގެން އުޅޭތަން ފެނިފައި ޚުދު އޭނާއަށް ވެސް ކައިބޮއި އުޅެން ދަތިވި އެވެ.
ޑީންގެ ވޭންތަކަށް ނިމުމެއް ގެނެސްދޭން އެންމެ ފަހުން އޭނާ ނިންމީ މި ސަބަބާ ހެދި އެވެ. ގްރާމަށް ހުކުމް ކުރި ފަނޑިޔާރުންނަށް އޭނާގެ ވާޙަކަތައް ގަބޫލު ކުރެވުނެވެ. ނަމަވެސް މިކަމާ މެދު އެކި މީހުން ދެކޭ ގޮތް ތަފާތެވެ.
ޔަގީންވާ ކަމަކީ އެއްވެސް ހާލެއްގައި މީހަކު މަރާލުމުގެ ހައްގު އެއްވެސް މީހަކަށް ނޯންނާނެ ކަމެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހައްގު ވެސް ނޯންނާނެ އެވެ.