ބޮލީވުޑް

ކަންގަނާގެ "ތަލައިވީ" ނިމޭ މަންޒަރަށް 300 މީހުން ބޭނުންވޭ

ހިންދީ ފިލްމު އިންޑަސްޓްރީގެ މަސައްކަތްތައް އަލުން ފަށަން ތައްޔާރުވަމުންދާއިރު ބަތަލާ ކަންގަނާ ރަނާވަތު މިހާރު ކުޅެމުންދާ "ތަލައިވީ"ގެ ޝޫޓިން އެހާ އަވަހަށް ފެށޭނެ ކަމަކަށް ނުބެލެވެ އެވެ. އިންޑިޔާގެ މަޝްހޫރު ސިޔާސީ މީހެއް ކަމަށްވާ ޖަޔަލަލީތާގެ ބައޮޕިކް އަށް ކުޅޭ މި ފިލްމުގައި ޖަޔަލަލީތާގެ ރޯލު އަދާކުރަނީ ކަންގަނާ އެވެ. ފިލްމު ޑައިރެކްޓްކުރަނީ ވިޖޭ އެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފިލްމުގެ މިހާރު ޝޫޓްކުރަން އޮތީ ނިމޭ މަންޒަރެވެ. މި މަންޒަރުގައި 300 މީހުން މަދުވެގެން ބައިވެރި ކުރަން ޖެހެ އެވެ. އެއީ ގާނޫނީ ހަދާ މަޖިލީހުން ކަންގަނާގެ ކެރެކްޓާ ނުކުންނަ މަންޒަރެވެ. އެ ވަގުތު އެތަނުގައި މަރުހަބާ ކިޔުމަށް 350 ވަރަކަށް މީހުން އެއްވެ ތިބެން ޖެހެ އެވެ.

ނަމަވެސް ފިލްމުތައް ޝޫޓްކުރަން މިވަގުތު ދީފައިވާ ގައިޑްލައިންގައި ބުނާ ގޮތުގައި ފިލްމުގެ ކުރޫގެ ތެރެއިން ވެސް އެއް ވަގުތެއްގައި އެންމެ ގިނައިން ތިބެވެނީ 33 ޕަސެންޓް މީހުންނަށެވެ. އަދި ޝޫޓިންގްގައި މާ ގިނާ މީހުން ބައިވެރިކުރުން މަނަލެވެ.

އެހެންވެ މި ފިލްމު އުފައްދާ ފަރާތުން މިހާރު ވަނީ މިއަށް ވުރެ ދޫތައް ލިބެންދެން ފިލްމުގެ ޝޫޓިން އަދި ނުފަށާ ބާއްވާށެވެ.
ކަންގަނާ ދާދިފަހުން ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި މި ފިލްމުގެ ޑިޖިޓަލް ރައިޓްސް މިހާރު ވެސް ވަނީ 55 ކްރޯޑަށް ވިއްކާލާފަ އެވެ. ނަމަވެސް ސީދާ ޑިޖިޓަލް ޕްލެޓްފޯމްގައި ފުރަތަމައިނުން ފިލްމު ރިލީޒެއް ނުކުރާނެ އެވެ.

އޭނާ ބުނި ގޮތުގައި "ތަލައިވީ" ކަހަލަ ފިލްމު ތަކަކީ ހަމައެކަނި ޑިޖިޓަލް ޕްލެޓްފޯމްގައި ރިލީޒްކޮށްގެން ފަރުޖެއްސޭ ކަހަލަ ފިލްމެއް ނޫނެވެ. މި ފިލްމު ބަލަން ސިނަމާތަކަށް ދާން ގިނަ ބަޔަކު ޝައުގުވެރިވާނެ ކަމުގެ ޔަގީންކަން ކަންގަނާ އަށް އެބައޮތެވެ.
ފިލްމުތަކުގެ ޝޫޓިން ފެށުމަކީ މި އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ބަޔަކަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ސަބަބަކީ ދުވަހު މުސާރައަށް މަސައްކަތް ކުރާ ވެސް ގިނަ އަދަދެއްގެ ބަޔަކު މި އިންޑަސްޓްރީގައި އުޅޭތީ އެވެ. އަދި މިފަދަ ގިނަ ބަޔަކު މިހާރު ވަރަށް ހާލުގައި ޖެހިފައި ވާތީ އެވެ.

ފިލްމު އެސޯސިއޭޝަން ތަކުންނާއި ވަރަށް ގިނަ އަދަދެއްގެ ފަންނާނުން ވެސް މިފަދަ މީހުންނަށް ވަރަށް ބޮޑެތި އެހީތެރިކަން މިހާރު ވެސް ދަނީ ފޯރުކޮށްދެމުންނެވެ. ފިލްމުގެ މަސައްކަތްތައް ފެށެންދެން އެމީހުންނަށް ދިމާވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދެވޭތޯ އެވެ.