ދުނިޔެ

ފްލޮއިޑްގެ މަރާ ގުޅިގެން އެމެރިކާގައި މުޒާހަރާތައް ކުރިއަށް

Jun 7, 2020

ވޮޝިންގްޓަން (ޖޫން 7) - އެމެރިކާގެ މިނިއާޕޮލިސް ސިޓީގައި ފުލުހުންގެ ބެލުމުގެ ދަށަށް ކަޅު ނަސްލުގެ މީހަކު ގެންދަން އުޅުމުގެ ތެރޭގައި އޭނާ މަރުވި މައްސަލާގައި އެގައުމުގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާތަކަށް މަޑުޖެހުމެއް އަންނަ ތަނެއް ނުފެނެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އުމުރުން 46 އަހަރުގެ ޖޯޖް ފްލޮއިޑް މަރުވެފައި ވަނީ ދޮން ނަސްލުގެ ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައިގެން ހުރުމުގެ ސަބަބުން ނޭވާ ހާސް ވެގެނެވެ. އޭރު އޭނާ ދިޔައީ ނޭވާ ނުލެވޭ ކަމަށާއި މަރާ ނުލަން އެދި ގޮވަމުންނެވެ.

ފްލޮއިޑްގެ މަރާއެކު، ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މުޒާހަރާ ކުރަން ފެށިފަހުން، މިއަދަށް 12 ދުވަސް ވެފައިވާއިރު، އެތަކެއް ހާސް ބައަކު މިއަދު ވަނީ ވެރިރަށް ވޮޝިންގްޓަންގެ މަގުތަކަށް އެއްވެފަ އެވެ.

ނަމަވެސް، މުޒާހަރާގެ ބައިވެރިން ރައީސް ދިރިއުޅުއްވާ ވައިޓް ހައުސާ ދިމާއަށް މިސްރާބު ޖެހުމުން، ފުލުހުން ވަނީ މަގުތައް ބަންދުކޮށް، އެކަން ހުއްޓުވައިފަ އެވެ.

ވޮޝިންގްޓަންގެ އިތުރުން، ނިއު ޔޯކު، ޝިކާގޯ، ލޮސް އެންޖެލީސް އަދި ސެން ފްރެންސިސްކޯގައި ވެސް ވަނީ މުޒާހަރާކޮށްފަ އެވެ.

އެމެރިކާގެ އިތުރުން، ކަޅު ނަސްލުގެ މީހުނަށް ތަފާތުކުރުމުގެ ޒަމާންވީ ސަގާފަތާ ދެކޮޅަށް އިނގިރޭސި ވިލާތާއި، އޮސްޓްރޭލިއާގެ އިތުރުން ޔޫރަޕުގެ ބައެއް ގައުމުތަކުގައި މީހުން ނުކުމެ ވަނީ އިހުތިޖާޖުކޮށްފަ އެވެ.

ފްލޮއިޑް މަރުވި މައްސަލާގައި، މިހާރު ވަޒިފާއިން ވަކިކޮށްފައިވާ ހަތަރު ފުލުހަކަށް ވަނީ ދައުވާކޮށްފަ އެވެ.

ފްލޮއިޑްގެ ކަރަށް ކަކުލުން އަރައިގެން ހުރި ޑެރެކް ޗައުވިން ނަމަކަށް ކިޔާ ފުލުސް މީހާގެ މައްޗަށް އުފުލާފައިވާ މަރުގެ ދައުވާވެސް މިހާރު ވަނީ އެއް ދަރަޖަ މަތިކޮށްފައިވާއިރު، އެތަނުގައި ތިބި އަނެއް ތިން ފުލުހުންގެ މައްޗަށް ވަނީ މީހަކު މަރާލުމަށް އެހީވިކަމުގެ ދައުވާ އުފުލައިފަ އެވެ.

އެ މައްސަލާގައި އެމެރިކާގެ ގިނަ ސިޓީތަކުގައި އާއްމުން ނުކުމެ ކުރަމުންދާ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ވަނީ ހިނގައިފި އެވެ. ހަމަނުޖެހުންތަކުގެ ތެރެއިން އިމާރާތްތަކުގައި ހުޅުޖަހައި، އާއްމުންގެ މުދާ ލޫޓުވައި، ބޮޑެތި ގެއްލުންތައް ވަނީ ދީފަ އެވެ.

ނަމަވެސް، ފާއިތުވި ދުވަސްތަކުގައި، މުޒާހަރާތަކުގެ ތެރެއިން ކާފިއުއާ ހިލާފަށް މަގުތަކަށް ނުކުތުމާއި ހަމަނުޖެހުން ހިންގުން ވަނީ މަދުވެފަ އެވެ.