ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ފާތިމަތު އާމިރާ ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވައިފި އެވެ.
ސީއެސްސީގެ ފަސް މެންބަރުންގެ ތެރެއިން އާމިރާ ފިޔަވައި އެހެން މެންބަރުން ވަކި ކުރުމުގެ މަސައްކަތް ފަށަން ކުރިން ތަޅުމަށް ފޮނުވުމުން، އެ މަސައްކަތް ފެށުމުގެ ހުއްދަ ރިޔާސަތުން ވަނީ ދީފަ އެވެ. އެއީ ކޮމިޝަންގެ ރައީސް އަލީ ޝަމީމްއާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު ޒަކަރިއްޔާ މުހައްމަދު، އަދި އިބްރާހިމް ޝަހީގެވެ.
ސީއެސްސީގައި ދެން އިންނެވި މެންބަރު އާމިރާ ވަކިކުރުމުގެ މަސައްކަތް ފަށަން ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ މިދިޔަ ބުދަ ދުވަހުގަ އެވެ. ކޮމިޓީން އެ ގޮތަށް ފާސްކުރީ ކޮމިޓީގެ ހަ މެންބަރުންގެ ވޯޓުންނެވެ. ވަކި ކުރަން ނުފެންނަ ކަމަށް ފަސް މެންބަރަކު ވޯޓު ދެއްވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، އެ މައްސަލަ ތަޅުމަށް އައިސްފައިވާ ކަމަށާއި އެ ކަން އިއުލާން ކުރައްވާ ކަމަށެވެ. އަދި ސީއެސްސީން އާމިރާ ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން، ކޮމިޓީއަކުން އެއްވެސް މުއައްސަސާއެއްގެ މެންބަރެއްގެ މައްސަލައެއް ބަލަން ބޭނުންވާނަމަ، ސިޓީއެއް މެދުވެރިކޮށް އެ ކަން މަޖިލީހުގެ ރައީސަށް އަންގަން ޖެހެ އެވެ. އަދި ވަކި ކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވުމުގެ ކުރިން މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އެ ކަން އިއުލާން ކުރަން ޖެހެ އެވެ.
އާމިރާ ވަކި ކުރުމުގެ މައްސަލަ ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވިއިރު، އޭނާއަކީ މި ސަރުކާރު އައި ފަހުން 2018 ވަނަ އަހަރުގެ ފަހުކޮޅު ސީއެސްސީއަށް އައްޔަން ކުރި މެންބަރެކެވެ. އެ ކޮމިޝަންގެ ދެން ތިއްބެވި މެންބަރުންނަކީ ކުރީގެ ސަރުކާރުގައި އައްޔަން ކޮށްފައިވާ މެންބަރުންނެވެ.
ސީއެސްސީގެ މެންބަރުންގެ ފަރާތުން ސަރުކާރުގެ ވުޒާރާތަކަށް އެއްބާރުލުން ނުލިބޭ ކަމުގެ ޝަކުވާ ވަނީ މި ސަރުކާރުގެ ވަޒީރުން ކުރައްވައިފަ އެވެ. އެ މައްސަލާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުރިހާ ވަޒީރުން ހާޒިރު ވެސް ކުރި އެވެ. އެއީ މި މަޖިލީހުގައި އެއް ކޮމިޓީއަކަށް އެއް ފަހަރާ ހާޒިރު ކުރި ހަމައެކަނި ފަހަރެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހުރިހާ ވަޒީރުން ވެސް ވަނީ ސީއެސްސީގެ މަސައްކަތްތަކުގައި ލަސްތަކެއް ހުރިކަން ފާހަގަ ކުރަސްވައިފަ އެވެ. އަދި ވުޒާރާތަކަށް އެކަށީގެންވާ ވަރަށް އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ އަދި ކުރީގެ ސަރުކާރުގައި އެ މެންބަރުންގެ އަމަލުތައް ހުންނެވި ގޮތް ފާހަގަކުރައްވައި ވަަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ.