ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ޝޯޓު ލިސްޓް ކުރި ބޭފުޅުންގެ ތެރޭގައި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރެއްގެ މަސްލަހަތު ހިމެނޭ ބޭފުޅެއްގެ ނަން ހިމެނިފައިވާތީ އެކަން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަަޑައިގެންފި އެވެ.
މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނަށް ކުރިމަތިލެއްވި 41 ބޭފުޅުންގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޝޯޓްލިސްޓް ކުރި 13 ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރެއްގެ "މަސްލަހަތު ހިމެނޭ ބޭފުޅެއްގެ ނަން އެބަ އޮތް" ކަމަށެވެ.
"އަޅުގަނޑު އެ ލިސްޓް ބެލިއިރުގައި މި މަޖިލީހުގެ އިއްޒަތްތެރި މެމްބަރެއްގެ، އަދި ހާއްސަކޮށް މިނިވަން މުއައްސަސާ ކޮމިޓީގެ އިއްޒަތްތެރި މެމްބަރެއްގެ މަސްލަހަތު ހިމެނޭ ބޭފުޅެއް ކަމަށް އަޅުގަނޑުގެ ޟަމީރަށް ގަބޫލުކުރެވޭ ބޭފުޅަކު އިންނެވީތީ އަޅުގަނޑު އެދެނީ ސުލޫކާއި އިމްތިޔާޒް ކޮމިޓީން އަދި އެއް ފަހަރު މިކަން ބައްލަވައި ދެއްވުމަށް،" ނަޝީދު ވިދާޅުވި އެވެ.
މަސްލަހަތު ހިމެނޭ މެންބަރުގެ ނަން ނަޝީދު ވިދާޅުނުވި ނަމަވެސް، އެމަނިކުފާނު ފާހަގަކުރެއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފްގެ ކުރީގެ އަނބިކަނބަލުންގެ ނަން އެ ލިސްޓުގައި ހިމެނިފައިވާތީ އެވެ.