ރައްޔިތުންގެ މަޖިލިސް

ސީއެސްސީގެ ރައީސް ޝަމީމް އިސްތިއުފާ ދެއްވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް އަލީ ޝަމީމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މި މަޖިލީހުގެ އިދާރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސީއެސްސީގެ ރައީސް ޝަމީމް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސީއެސްސީގެ ހަތަރު މެންބަރަކު ވަކިކުރަން ވޯޓަށް އަހާއިރު، މަގާމުން އިސްތިއުފާ ދެއްވި ޝަމީމްގެ ނަމަށް ވޯޓަށް އަހަން ނުޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތަޅުމަށް ފޮނުވާފައި ވަނީ ޝަމީމްގެ އިތުރުން ސީއެސްސީގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި މެންބަރު ޒަކަރިއްޔާ ހުސައިން އަދި މެންބަރު އިބްރާހިމް ޝަހީގެވެ. ދެން ކޮމިޝަންގައި އިންނަވަނީ މެންބަރު ފާތިމަތު އާމިރާ އެކަންޏެވެ.

އާމިރާއަކީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ބޮޑު ދައިތަ އެވެ. އާމިރާ ވަކި ކުރަން ވެސް ކޮމިޓީގައި ވޯޓަށް އެހި އެވެ. ނަމަވެސް ވޯޓު ދެއްވި ނުވަ މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވީ އާމިރާ ވަކި ނުކުރުމަށެވެ.

އާމިރާގެ މައްސަލަ ކޮމިޓީން ދިރާސާ ކުރިއިރު ރޮޒައިނާ ކޮމިޓީގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. ކޮމިޓީގެ ރިޔާސަތުގައި ވެސް އިންނެވީ ނައިބު މުގައްރިރު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

މި ސަރުކާރުގެ ވަޒީރުން ވަނީ ސީއެސްސީގެ ފަރާތުން ސަރުކާރުގެ ވުޒާރާތަކަށް އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ. އެ މައްސަލާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުރިހާ ވަޒީރުން ހާޒިރު ވެސް ކުރި އެވެ. އެއީ މި މަޖިލީހުގައި އެއް ކޮމިޓީއަކަށް އެއް ފަހަރާ މިހާތަނަށް ހުރިހާ ވަޒީރުން ހާޒިރު ކުރި ހަމައެކަނި ފަހަރެވެ.