ސިވިލްސާވިސް ކޮމިޝަން

ސީއެސްސީ އެދެނީ ޖަވާބުދޭނެ ފުރުސަތަކަށް

ސީއެސްސީގެ މަސައްކަތްތައް ލަސް ކަމަށާ އެ ކޮމިޝަންގެ ސަބަބުން މަސައްކަތްތައް ކުރިއަށް ގެންދަން އުނދަގޫވާ ކަމަށް ވަޒީރުން ވިދާޅުވެފައި ވާތީ އެ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެ ކޮމިޝަނުން އެދިއްޖެ އެވެ.

ސިވިލްސާވިސް ކޮމިޝަނުން މިކަމަށް އެދިފައިވާއިރު އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއެކު އެ ކޮމިޝަންގައި ތިއްބަވާ ހަތަރު މެންބަރަކު ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާތަކުގެ ކޮމިޓީން ވަނީ ނިންމާފަ އެވެ.

ސީއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިމަހުގެ 10 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ސަރުކާރުގެ ބައެއް ވަޒީރުން ފާޅު ކުރެއްްވި ކަންބޮޑުވުންްތަކަށް ޖަވާބުދާރީވާން ކޮމިޝަނުން ބޭނުންވެ އެވެ. އަދި އެކަމުގެ ހަގީގަތް ދެނެގަތުމާއެކު ކޮމެޓީއަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދި މަޖިލީހުގެ ރައީސްއަށް ސިޓީ ފޮނުވާފައިވެ އެވެ.

އެ ބަޔާނުގައި ބުނަނީ ވަޒީރުންގެ ކަންބޮޑުވުންތައް ދެނެގަތުމަށާއި އެކަންކަމާ ގުޅިގެން ކޮމިޝަނުން އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް ވަޒީރުންނާ ބައްދަލު ކުރަން ބޭނުން ވޭނުންވާތީ އެކަމަށް ވަޒީރުންގެ ކިބައިން ވެސް އެދިފައިވާނެ ކަމަށެވެ.

ސިވިލްސާވިސްގެ 25،558 މުވައްޒިފުންނާއި 712 ވުރެ ގިނަ އިދާރާއިން އިންސާނީ ވަސީލަތްތައް ބެލެހެއްޓުމުގައި ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ ބަދަލުކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި، މުވައްޒިފުންނަށް ތަމްރީނުދިނުމާއި، މުވައްޒިފުންނާ ގުޅޭގޮތުންނާއި، މުވައްޒަފުން ހުށައަޅާ ޝަކުވާތައް ބެލުމަކީ ވެސް އެ ކޮމިޝަންގެ ޒިންމާއަކަށްވާއިރު އެކަންކަން އެ ކޮމިޝަނުން ކުރަމުންދަނިކޮށް ކޮމެޓީގައި ވަޒީރުން ކޮމެޓީގައި ދެއްކެވި ވާހަކަތަކާމެދު ކަންބޮޑުވާ ކަމަށާއި ހުރިހާ ވުޒާރާތަކަށްވެސް އެ ކޮމިޝަނުން ފުރިހަމަ އެއްބާރުލުން ދެމުން ގެންދާ ކަމަށް ވެސް ބުނެފައި ވެއެވެ.

ސީއެސްސީއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސަރުކާރުގެ ހުރިހާ މިނިސްޓަރުން ކޮމެޓީއަށް ހާޒިރު ކޮށްފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. ހުރިހާ މިނިސްޓަރުން ވެސް ވަނީ ސީއެސްސީގެ މަސައްކަތުގައި ލަސްތަކެއް ހުރިކަން ފާހަގަ ކުރައްވާފަ އެވެ. އަދި ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބައެއް ތުހުމަތުތައް ވެސް ކުރެއްވި އެވެ.