ރައީސް މުހައްމަދު ނަޝީދު

"ވަޒީރުން ޖަވާބުދާރީ ކުރުވަން ދަތިވަނީ ބަރުލަމާނީ ނިޒާމް ނެތީމަ"

Dec 1, 2021
2

ވަޒީރުން، މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމަށް ދަތި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީ ނިޒާމުގެ ތެރެއިން ހިންގަމުން އަންނާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ މަޖިލީހުން އިންތިޒާމުކުރާ "އާސްކް ސްޕީކާ" ޕްރަގްރާމްގައި މިރޭ ވާހަކަ ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ ވަޒީރުން މަޖިލީހަށް ހާޒިރުކުރުމާއި ދިމާވާ ކޮންމެ ކަމެއްގައި ޖަވާބުދާރީ ވުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ކަމަށެވެ.

އެހެންކަމުން އެ ސިފައިގެ އެންމެ އަސާސީ އުސޫލު ނުވަތަ ބަރުލަމާނީ ނިޒާމް ނެތި ކަންކަން ހިންގުމަށް ބޮޑެތި ދަތިތަކެއް ދިމާވަމުން އަންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މަޖިލީހުގެ ކިތަންމެ ބޮޑު އަގުލަބިއްޔަތުކަމެއް ލިބުނު ނަމަވެސް ސަރުކާރު ހިންގުމުގައި މަޖިލީހުގެ ބޭނުން ފުރިހަމައަށް ހިފޭނީ ސިފަތައް އަސްލު ހިމެނޭ ބަރުލަމާނީ ނިޒާމު ރާއްޖޭގައި އޮވެގެން ކަމަށެވެ.

"އެ އޮންނަ އުސޫލެއްގެ ދަށުން ކަންކަން ކުރީމަ ހުރިހާ އެންމެންނަށް ވެސް ފައިދާ ވާނީ. ކޮންމެ ގޮތެއް ވިޔަސް އެ ނިޒާމަކީ ރާއްޖޭއަށް އެންމެ ފައިދާހުރި އެންމެ މުހިންމު ނިޒާމް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ރާއްޖެއަށް ހުރިހާ ގޮތަކުން ވެސް އެންމެ ފައިދާ ކުރާނީ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެން ކަމަށެވެ.

ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން ޕެޓިޝަނެއްގައި ސޮއިކުރަން ވަނީ ފަށައިފަ އެވެ. އެ ޕެޓިޝަނުގައި ލައްކައަކަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.

އަދި ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ކުރީން ވަނީ އަންގަވާފަ އެވެ.

ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަޝީދުގެ މެސެޖުގައި އެދިވަޑައިގެންފައިވަނީ ސަރުކާރު އުވާލައްވާ، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށެވެ. އަދި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ. ނަމަވެސް ރައީސް ސޯލި ވިދާޅުވެފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.