ޝާހްރުކް ހާން

ފިލްމީ ކެރިއަރަށްވުރެ ޝާހްރުކަށް ގޯރީ މުހިއްމު

ޝާހްރުކް ޚާންގެ ގިނަ ފިލްމުތަކެއްގައި އޭނާ ކުޅެފައި ހުރީ ވެސް ލޯތްބަށްޓަކައި ފުރާނަ ދޭން ވެސް ތައްޔާރަށް ހުންނަ ކެރެކްޓާ ތަކެވެ. ޒާތީ ދިރިއުޅުމުގައި ވެސް ޝާހްރުކް އަކީ ހަމަ މިފަދަ މީހެކެވެ. އަންހެނުން ގޯރީ ޚާން އާ ހެދި ޝާހްރުކް ފެށުނީއްސުރެ ހުންނަނީ މޮޔަވާ ދަރަޖައިގަ އެވެ.

އިންޑިޔާގެ މަޝްހޫރު ނޫސްވެރިޔާ އަދި ހޯސްޓް އަނޫޕަމާ ޗޯޕްޅާ ލިޔެފައިވާ ޝާހްރުކްގެ ބައޮގްރަފީ "ކިންގް އޮފް ބޮލީވުޑް: ޝާހްރުކް ޚާން އެންޑް ދަ ސިޑަކްޓިވް ވޯލްޑް އޮފް އިންޑިއަން ސިނަމާ" ގައި ވަރަށް ތަފްސީލުކޮށް ޝާހްރުކްގެ ހަގީގީ ލޯބީގެ ވާހަކަތައް ގެނެސްދީފައި ވެއެވެ.

ފުރަތަމަ ފަހަރަށް އޭނާ ގޯރީ ގޮވައިގެން ބޭރަށް ދިޔަ ދުވަހު ސްވިމިން ޕޫލެއް ކައިރީ ތިބެގެން ކޮކާ ކޯލާ ބުއި ވާހަކަ އާއި ގޯރީގެ ގެޔަށް ފޯނު ކޮށްގެން އަންހެންކުއްޖަކަށް ހެދިގެން އޭނާގެ މަންމަ އާ ވާހަކަ ދައްކާ ހެދި ވާހަކަ އާއި މިފަދަ ވަރަށް ގިނަ ވާހަކަތައް އެ ފޮތުގައި ހިމެނެ އެވެ. އަދި ގޯރީ އާއި އޭނާގެ ކައިވެންޏަށް ގޯރީގެ މައިންބަފައިން އެއްބަސް ކުރުވަން ޝާހްރުކް ކުރި މިންނަތް މަސައްކަތްތައް ވެސް އޭނާގެ ބައޮގްރަފީގައި ތަފްސީލު ކޮށްދީފައި ވެއެވެ.

ގޯރީ އާއި ޝާހްރުކް ކައިވެނި ކުރީ 1991 ވަނަ އަހަރު އެވެ. އޭރު އޭނާގެ ފުރަތަމަ ފިލްމު "ދީވާނާ" އަދި ރިލީޒް ވެސް ނުވެ އެވެ. އޭރު ޝާހްރުކް ދިޔައީ ޑައިރެކްޓަރު އެފްސީ މެހެރާގެ "ޗަމަތުކާރް" ގައި މަސައްކަތް ކުރަމުންނެވެ. އެހެންވެ އެ ފިލްމު ރިލީޒް ކުރަންދެން ކައިވެނި ލަސްކޮށްލަން ޝާހްރުކްގެ ކިބައިން ޑައިރެކްޓަރު އެދުނެވެ. އެއީ އަންހެން ކުދިން ވަރަށް ހިތްކިޔާ އެކްޓަރަކަށް ޝަހްރުކް ވެފައިވާތީ ކައިވެނީގެ ސަބަބުން އަންހެން ފޭނުން މަދުވެދާނެ ކަމަށް ބެލެވިގެންނެވެ.
ނަމަވެސް ޝާހްރުކް އެކަމާ އެއްބަހެއް ނުވި އެވެ. ކައިވެނި ލަސް ކުރަން އެދޭނަމަ ފިލްމު ދޫކޮށްލާނެ ކަމަށް ޑައިރެކްޓަރަށް ޝާހްރުކް އެންގި އެވެ.

ސްޓާޑަސްޓް އަށް 1992 ގައި ދީފައިވާ އިންޓަވިއު އެއްގައި ޝާހްރުކް ބުނީ "އަންހެނުންނަށް ވުރެ ކުރިޔަށް އެއްވެސް ކަމެއް ނާންނާނެ ކަމަށެވެ. އަދި ކެރިއަރާއި އަންހެނުންނާ ކުރެން އެއް ކަމެއް ޚިޔާރު ކުރަން ޖެހިއްޖެނަމަ އޭނާ ޚިޔާރު ކުރާނީ އަންހެނުން ކަމަށެވެ.

"އަހަރެން ފިލްމު ކުޅުން ވެސް ދޫކޮށްލަފާނަން. އެކަމު ގޯރީއެއް ދޫކޮށެއް ނުލާނަން. އަހަރެން މިހިރީ އޭނާއާ ހެދި މޮޔަވެފައި. އަހަންނަށް އޭނާއާ ނުލައެއް ނޫޅެވޭނެ،" ޝާހްރުކްގެ އިންޓަވިއުގައި ބުނެފައި ވެއެވެ.

"ރެންޑަވޫ ވިތު ސިމީ ގަރެވާލް" ޝޯގައި 1997 ގައި ޝާހްރުކް އާއި ގޯރީ އެކުގައި ބައިވެރިވި އެވެ. ސިމީ މި ޝޯގައި ގޯރީ ކުރި އެއް ސުވާލަކީ އޭނާއާ ހެދި ޝާހްރުކް މޮޔަވެފައި ހުންނަ ވާހަކައަކީ ތެދެއްތޯ އެވެ.

ސުވާލުގެ ޖަވާބުގައި ގޯރީ ބުނީ ހަގީގަތުގައި ވެސް އޭނާ ބޯހަލާކުވާ ދަރަޖައަށް ޝާހްރުކް އޭނާއާ ހެދި މޮޔަވެފައި ހުންނަ ކަމަށެވެ. އަދި ގައި އެނގިދާނެތީ ހުދު ހެދުމެއް ވެސް ލިޔަ ނުދޭ ކަމަށާއި ޝާހްރުކް އުޅޭ ގޮތުން އޭނާ ބައެއް ފަހަރަށް ލަދުގަންނަ ކަމަށް ވެސް ގޯރީ ބުންޏެވެ. ޚުދް ޝާހްރުކް ވެސް ގޯރީގެ ވާހަކަތަކާ އެއްބަސްވި އެވެ.

މިހާރު މި ދެމަފިރިންގެ ކައިވެންޏަށް 28 އަހަރު ފުރި ތިން ދަރިން ވަނީ ލިބިފަ އެވެ. އާރްޔަން، ސުހާނާ އަދި އަބްރާމް އެވެ. މިހާ ދުވަސްވީއިރު ވެސް ބޮލީވުޑްގެ ރަސްގެފާނާއި ރާނީއަކީ މި ދެމަފިރިން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރަނީ އެމީހުންގެ މެދުގައި އޮތް ލޯތްބަށް ފަނޑުވުމެއް ނާންނާތީ އެވެ.