ލައިފްސްޓައިލް

ވަޅަކަށް ވެއްޓިފައި އޮތް މީހަކު ހަ ދުވަސް ފަހުން ސަލާމަތްކޮށްފި

އިންޑޮނީޝިޔާގެ ބާލީގެ ރިސޯޓް ރަށެއްގައި ހުރި ވަޅަކަށް ވެއްޓިފައި އޮތް އިނގިރޭސި ވިލާތުގެ މީހަކު އެ ވަޅުގައި އޮންނަތާ ހަ ދުވަސް ފަހުން ސަލާމަތް ކޮށްފި އެވެ. މި މީހާ ވަޅަށް ވެއްޓުނީ އޭނާ ފަހަތުން ކުއްތާ އެއް އަންނާތީ އެ ސޮރަށް އަތު ނުވާން ވެގެން ދުވަނިކޮށެވެ. މިދިޔަ އާދީއްތަ ދުވަހު އެމީހާ ވަޅުން ނެގިއިރު ވަޅުގައި އޮންނަތާ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އޭނާގެ ހާލު ވަނީ ވަރަށް ދެރަވެފަ އެވެ.

ޖޭކަބް ރޮބާޓްސް ކިޔާ 29 އަހަރުގެ މި މީހާ ވެއްޓުނު ވަޅު ހުރީ މީހުން އާއްމުކޮށް ގޮސް ނޫޅޭ ހިސާބެއްގައި ކަމަށް ވާތީ ވަޅުގައި އޮންނަތާ ހަ ދުވަސް ވީއިރުވެސް އެއްވެސް މީހަކަށް އޭނާ އެ ވަޅުގައި އޮތް ކަމެއް ނޭނގެ އެވެ.

އޭނާ އެހީއަށް އެހި ގޮވާ އަޑު އިވުނީ ގެރި ހުއިހައްޕަން އުޅުނު މީހަކަށެވެ. ޖޭކަބް ވެއްޓިފައި އޮތް ވަޅުގެ ފުންކަމުން އަމިއްލައަށް ސަލާމަތް ކުރެވޭނެ ގޮތެއް ނެތިގެން އޭނާ ގޮސް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓް ކުރީ އެވެ. އެހިސާބުން އޭނާ ނެގުމަށް ރެސްކިއު ޓީމުތަކުން މަސައްކަތް ފަށައި އިސާހިތަކު އޭނާ ވަނީ ވަޅުން ނަގާފަ އެވެ.

ވަޅަށް ވެއްޓުނު ވަގުތު ތަނެއްގައި ޖެހި ޖޭކަބްގެ ފައި ވެސް އޮތީ ބިންދައިގެން ގޮސްފައި ވެއެވެ. ކަމާ ބެހޭ ފަރާތްތަކުގައި ޖޭކަބް ބުނީ އަވަށު ތެރޭން އޭނާ ހިނގާފައި ދަނިކޮށް ކުއްލިއަކަށް ވަލުކުއްތާއެއް އޭނާ ފަހަތުން އަޅުވާލައިގެން ހަމަލަދޭން ފެށީ ކަމަށެވެ. އަދި އެ އެސޮރުގެ އަތު ނުޖެހެން ވެގެން ދުވަނިކޮށް ތަނެއްގައި އަޅައިގަނެ ވަޅުތެރެއަށް ވެއްޓުނީ ކަމަށެވެ.

"ވަޅުން ނެގިއިރު އޭނާ ހުރީ ވަރަށް ބޮޑަށް ހިކި އަނަރޫފަވެ އަދި ވަރަށް އަނިޔާވެސް ވެފަ،" އެ ސަރަހައްދުގެ ފުލުހުންގެ އިސް ވެރިޔާ ވިދާޅުވި އެވެ.

މިހާރު ޖޭކަބް އަށް ދަނީ އެ ހިސާބުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް އިންޑޮނޭޝިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.