ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މައްސަލައެއްގެ އަޑުއެހުމެއް މިއަދު ބާއްވައިފިއެވެ.
ކޮވިޑް19 ގެ ސަބަބުން ރާއްޖޭގައި އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ވިޑިއޯ ކޮންފަރެންސް މެދުވެރިކޮށް މައްސަލަތައް ބެލޭނެ އިންތިޒާމެއް ގާއިމްކޮށްފައެވެ.
އެ އިދާރާއިން ބުނީ ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މައްސަލައެއްގެ އަޑުއެހުމެއް މިއަދު ބާއްވާފައިވަ ކަމަށާ މިއަދު ބާއްވާފައިވަނީ ޓްރައިބިއުނަލުގެ ރައީސް އަމްޖަދު މުސްޠަފާ ބައްލަވަމުންގެންދަވާ މައްސަލައެއްގެ އަޑު އެހުމެއް ކަމަށެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އޭޕްރީލް މަހުގެ ތެރޭގައި ވަނީ ކުއްލި ހާލަތުގައި އެ އިދާރާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތުގެ ހާއްސަ އުސޫލެއް އެކުލަވާލާ އާންމުކޮށްފައެވެ.
އެގޮތުން ޓްރައިބިއުނަލްއަށް އީމެއިލް މެދުވެރިކޮށް މައްސަލަ ހުށައެޅުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އަދި މައްސަލަ ބެލޭނެކަން ނުވަތަ ނޫންކަން ނުވަތަ މައްސަލަ އަނބުރާ ގެންދިއުމަށް އެދެވޭނެ ފުރުސަތުވެސް އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް އަޑުއެހުންތައް ބޭއްވޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވެއެވެ. އަދި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި މައްސަލަތަކުގެ އަޑުއެހުންތައް އެގޮތަށް ބާއްވަން އިސްކަންދޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުުރުން މައްސަލައަށް ޖަވާބުދާރީވާނެ ގޮތްތަކާއި، ހާޒިރުވުމުގެ އަމުރު ރައްދު ކުރެވޭނެ ގޮތްތަކާއި، މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށްދާނެ ގޮތާއި، އެނޫންވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ދޭ ހިދުމަތްތައް ހޯދޭނެ ހުރިހާ ގޮތްތަކެއް ވަރަށް ތަފްސީލްކޮށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.