"ބްލެކް ލިވްސް މެޓާސް" މުޒާހަރާއަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ބޮލީވުޑް ތަރިން ތަފާތު މެސެޖުތައް ލިޔުމުން ވަރަށް ގިނަ ބަޔަކު އެ ތަރިންނަށް ދަނީ މަލާމާތް ކުރަމުންނެވެ. ސަބަބަކީ އެމީހުންނަކީ ދޮން ހަންގަނޑެއް ބޭނުން ވެގެން އުޅޭ މީހުންނަށް ވާތީ އެވެ. އަދި ދޮންވާން ބޭނުންކުރާ ތަފާތު ޕްރޮޑަކްޓްތައް އެންމެ ގިނައިން އިޝްތިހާރު ކުރަނީ ވެސް ބޮލީވުޑް ތަރިންނަށް ވާތީ އެވެ. މިފަހަރު ފެށިގެން އުޅޭ ހަރަކާތުގައި އެންމެ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވަމުން ދާ ތަރިއަކީ ޕްރިޔަންކާ ޗޯޕްޅާ އެވެ.
އިންސާނާ އުފަންވާއިރު އެމީހާގެ ގައިގައި ހުންނަ ކުލައިގެ ސަބަބުން ގެންގުޅޭ ތަފާތު ކުރުންތަކާ ދެކޮޅަށް ޕްރިޔަންކާ އޭނާގެ ޝުއޫރުތައް ސޯޝަލް މީޑީއާގައި ފާޅު ކުރަމުން ދޮންވާން ބޭނުން ކުރާ ކްރީމްތަކާއި ލޯޝަންތައް ވެސް އިޝްތިހާރު ކުރުމަކީ މީހުންނަށް އެހާ ބަލައިގަނެވޭނެ ކަމަކަށް ނުވީ އެވެ.
ނަމަވެސް 2015 އިން ފެށިގެން ޕްރިޔަންކާ ވަނީ ފެއާނެސް ޕްރޮޑަކްޓްތައް އިޝްތިހާރު ކުރުން ހުއްޓާލާފައި ކަމަށް އޭނާއަށް މަލާމާތްކުރާ ގިނަ މީހުންނަކަށް ނޭނގެ އެވެ. އެހެންވެ ޕްރިޔަންކާގެ ބައެއް ފޭނުން ވަނީ 2015 ގައި އޭނާ ދީފައިވާ އިންޓަވިއުއެއް އަލުން އަނބުރާ ސޯޝަލް މީޑިއާގައި ވައިރަލް ކޮށްފަ އެވެ.
މި އިންޓަވިއުގައި ޕްރިޔަންކާ ބުނެފައިވަނީ ފެއާނެސް ކްރީމް އިޝްތިހާރު ކުރެވުނީތީ ހިތާމަ ކުރާ ކަމަށާއި އެކަން މުޅިން ހުއްޓާލާފައިވާ ކަމަށެވެ.
މި އިންޓަވިއުގައި ޕްރިޔަންކާ ބުނި ގޮތުގައި އޭނާގެ އާއިލާގެ ކުދިން ތަކުގެ ތެރެއިން ކުޑައިރު އެންމެ ކަޅުކޮށް ހުންނަނީ އޭނާ ކަމުން އާއިލާގެ އެންމެން ކަހަލަ ގޮތަކަށް އޭނާއަށް 'ކަޅޭ ކަޅޭ" މުޚާތަބު ކުރެ އެވެ. ފެއާނެސް ކްރީމް ބޭނުން ކުރަން ފެށީ މިފަދަ މަލާމާތްތަކުން ސަލާމަތްވުމަށް ހަންގަނޑު ދޮންކުރަން ބޭނުން ވެގެނެވެ.
ފިލްމު ކުޅެން ފެށީފަހުން ލިބުނު ފެއާނެސް ކްރީމް އިޝްތިހާރުތައް އަހަރެއްހާ ދުވަސް ވަންދެން ކުޅުނު ކަމަށާއި ފަހުން އެއީ ރަނގަޅު ކަމެއް ނޫންކަން އެނގިގެން އެފަދަ އިޝްތިހާރުތައް ކުރުން ހުއްޓާލީ ކަމަށް ޕްރިޔަންކާ ބުނެފައި ވެއެވެ.