ބޮލީވުޑް

މަހީމާގެ ކެރިއަރު ނިމުނީ ސިފަ ގެއްލިގެން

މަހީމާ ޗައުދަރީ އަކީ ނުވަދިހައިގެ އަހަރު ތަކުގައި ވަރަށް މަގްބޫލު ވެގެން ދިޔަ ބަތަލާ އެކެވެ. މަހީމާ ބޮލީވުޑަށް ތައާރަފްވީ 1997 ގައި ޝާހްރުކް ޚާނާއެކު "ޕަރްދޭސް" އިންނެވެ. އޭގެ ފަހުން ދެ ތިން އަހަރު މަހީމާ ތަފާތު ފިލްމުތަކުން ފެނުމަށް ފަހު ކުއްލިއަކަށް ގެއްލުނީ އެވެ. އޭނާއަށް ވީގޮތެއް ގިނަ މީހުންނަކަށް ނޭނގެ އެވެ.

އޭނާއަށް ވީގޮތް އެނގުނީ ވަރަށް ފަހުން އިންޑިޔާގެ އޮންލައިން ނޫހަކަށް އޭނާ ދިން އިންޓަވިއު އެއްގައި މި ހާދިސާގެ ވާހަކަތައް ކިޔައިދިނީމަ އެވެ. މަހީމާ ބުނި ގޮތުގައި އޭނާ ކުއްލިއަކަށް ގެއްލެން މެދުވެރިވީ ކުރިމަތިވި ވަރަށް ވަރުގަދަ އެކްސިޑެންޓެއްގެ ސަބަބުންނެވެ.

އެކްސިޑެންޓް ކުރިމަތިވީ 1999 ގައެވެ. އޭރު އޭނާ ދިޔައީ އަޖޭ ދޭވްގަން އާއި ކާޖޮލްއާއެކު "ދިލް ކިޔާ ކަރޭ" ގައި މަސައްކަތް ކުރަމުންނެވެ.

އެކްސިޑެންޓް ހިނގީ ބެންގަލޫރޫގަ އެވެ. މަހީމާ ދުއްވި ކާރާއި ޓްރަކެއް އެކްސިޑެންޓްވެ ކާރުގެ ހުރިހާ ބިއްލޫރިތައް ބުރައިގެން ގޮސް ވަނީ މަހީމާގެ މޫނަށެވެ.

"އަހަރެން ހީކުރީ މަރުވަނީ ކަމަށް. އެކްސިޑެންޓަށް ފަހު އެއްވެސް މީހަކު އަހަރެން ހޮސްޕިޓަލަށް ގެންދަން ވެސް އެހީތެރިކަމެއް ނުދިން. މަންމައަށް ވެސް އާދެވުނީ ހޮސްޕިޓަލަށް ދިޔަ ފަހުން. އަދި އަޖޭ ވެސް އެ ވަގުތު ހޮސްޕިޓަލަށް އައި. އަހަރެންގެ މޫނަށް ވެފައިވާވަރު ލޯގަނޑުން ފެނިފައި އަހަރެން ބިރުން ގޮސް ކިރިޔާ ހަލާކު ނުވީ. ސާޖަރީ ހަދައިގެން އަހަރެންގެ މޫނުން 67 ބިއްލޫރިކޮޅު ޑޮކްޓަރުން ނެގި،" މަހީމާ އޭނާގެ އެކްސިޑެންޓްގެ ހާދިސާ ކިޔައިދެމުން ބުންޏެވެ.
މި އެކްސިޑެންޓުން ލިބުނު ޒަޚަމްތައް ފަސޭހަވާން ގިނަ ދުވަސްތަކެއް މަހީމާއަށް ނެގި އެވެ. މި މުއްދަތުގައި އޭނާއަށް ގެއިން ބޭރަށް ނުކުތުމާއި އަވީގައި ޖެހުން އަދި ލޯގަނޑުން މޫނުބެލުން ވެސް މަނަލެވެ.

އެކްސިޑެންޓްގެ ސަބަބުން މޫނުމައްޗަށް އައި ބޮޑު ބަދަލާއެކު އެއްވެސް މީހަކު އޭނާއަށް ދެން ފިލްމެއް ކުޅެން ދީފާނެ ކަމާ މެދު ވެސް މަހީމާ އަށް ޝައްކުވި އެވެ.

"އެކްސިޑެންޓް ވީއިރު އަހަރެންނަށް ވަރަށް ގިނަ ފިލްމުތައް ކުޅެން ލިބިފައި ހުރި. ނަމަވެސް ހުރިހާ ފިލްމެއް އަހަރެންނަށް ޖެހުނީ ދޫކޮށްލަން. އަހަރެން އެއްވެސް މީހަކަށް މި އެކްސިޑެންޓްގެ ވާހަކަ އަންގަން ބޭނުން ނުވީ އެ ދުވަސްވަރު އެހާ ބޮޑަށް ފިލްމު އިންޑަސްޓްރީގެ މީހުންގެ އެހީތެރިކަން އެކަކު އަނެކަކަށް ދެމުން ނުދާތީ. އަހަރެން އޭރު އެ ވާހަކަ ދެއްކިނަމަ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ބުނާނެ އޭނާގެ މޫނުގެ ދުވަސް ހިނގައްޖޭ. ހިނގާށޭ އެހެން ބަތަލާއެއް އޭނާގެ ބަދަލުގައި ހޯދަމާ،" މަހީމާ ބުންޏެވެ.

އޭގެ ފަހުން ގިނަ ބަޔަކު ވަރަށް ހިތްވަރު ދީގެން މަހީމާ ވަނީ "ޕިޔާރް ކޮއި ކޭލް ނެހީ" ގެ ލަވައެއް ސަނީ ޑެއޯލް އާއެކު ކުޅެފަ އެވެ. އަދި އެކްޝޭ ކުމާރު ވެސް އޭނާ ލައްވާ "ދަޅްކަން" ގެ ޚާއްސަ ރޯލެއް ކުޅުވި އެވެ. ނަމަވެސް ކުރިން އޭނާގެ ހުރި އިތުބާރާއި ޔަގީންކަމެއް އޭރަކު މަހީމާގެ ނެތެވެ. ކުރީގެ މޫނު އޭނާގެ ނެތްކަމުގެ އިހްސާސް އަމިއްލައަށް ކުރެވޭތީ އެވެ.

"އަބަދު ހިތަށް އަރަނީ ކޮބާބާއޭ އޭރު ފިލްމުތަކުން ފެނުނު ރީތިކަން. އެހެންވެ އަހަރެން ބޭނުންވަނީ ފިލަން. އަހަރެންނަށް މިކަމުން އަރައިގަނެވުނީ އާއިލާގެ މީހުން ދިން ލޯބީގެ ސަބަބުން،" މަހީމާ ބުންޏެވެ.

ސާޖަރީއަށް ފަހު ރަނގަޅުވެގެން ފިލްމު ކުޅުމުގެ ބަދަލުގައި މަހީމާ އިސްކަން ދިނީ ކައިވެންޏަށެވެ. އެގޮތުން 2006 ގައި އޭނާ ވަނީ ބޮބީ މުކަރުޖީ ކިޔާ މީހަކާ ކައިވެނިކޮށްފަ އެވެ. ނަމަވެސް ކައިވެންޏަށް ހަތް އަހަރު ފަހުން އޭނާ ވަނީ ބޮބީ ކައިރިން ވަރިވެފަ އެވެ. އަދި އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު އަރްޔާނާ ބެލުމުގެ މަސައްކަތް މިހާރު ކުރަނީ މަހީމާ އެކަންޏެވެ.