ހަބަރު

ބަންގްލަދޭޝްގެ 200 މީހަކު ފޮނުވާލައިފި

ގަވައިދާހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ ބަންގްލަދޭޝްގެ 200 މީހަކު އަނބުރާ އެ ގައުމަށް ފޮނުވާލައިފި އެވެ.

މޯލްޑިވިއަން އެއާލައިންސް އިން މިއަދު ބުނީ ބަންގްލަދޭޝްގެ 200 މީހުން ގޮވައިގެން އެ އެއާލައިންސްގެ ފްލައިޓެއް ޑާކާއަށް ފުރާފައިވާ ކަމަށެވެ. މިހާތަނަށް ބަންގްލަދޭޝްގެ 1000 އެއްހާ މީހުން ވަނީ ފުރުވާލައިފަ އެވެ. ބަންގްލަދޭޝް މީހުން ފޮނުވާލުމުގެ މަސައްކަތް ކުރަނީ އިކޮނޮމިކް މިނިސްޓްރީއާ ފޮރިން މިނިސްޓްރީން ގުޅިގެންނެވެ.

ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތި އުޅޭ ބިދޭސީން އެނބުރި ގައުމަށް ފޮނުވާލުމަށް ސަރުކާރުން ދަނީ ރިޕެޓްރިއޭޝަން ފްލައިޓުތައް ބާއްވަމުންނެވެ. މިއަދު ބަންގްލަދޭޝްގެ ރައްޔިތުންނާއެކު ޑާކާ އަށް ދިޔައީ މޯލްޑިވިިއަންގެ 10 ވަނަ ރިޕެޓްރިއޭޝަން ފްލައިޓެވެ.

ގަވާއިދާ ހިލާފަަށް، ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 60،000 އަށް ވުރެ ގިނަ ކަމަށް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަންްގްލަދޭޝް ގައުމުގެ މީހުންނެވެ. ސަރުކާރުން ބިދޭސީން ފުރުވާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި އިންޑިޔާ، އިންޑޮނޭޝިއާ ތައިލެންޑު އަދި ސްރީ ލަންކާގެ ގިނަ ބަޔަކު ވެސް ދާދި ފަހުން ވަނީ ފުރުވާލައިފަ އެވެ.


ރާއްޖެއިން މިހާތަނަށް 1916 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގައުމުގެ 1027 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ރާއްޖެއިން ބަލީގައި މަރުވި އަށް މީހުންގެ ތެރޭގައި އެ ގައުމުގެ ހަތަރު މީހުން ހިމެނެ އެވެ.