މޯލްޑިވިއަން

މޯލްޑިވިއަންގެ އޮފީހެއް ބަންގްލަދޭޝްގައި ހުޅުވައިފި

Feb 28, 2022

ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ސޭލްސް އޮފީހެއް ބަންގްލަދޭޝްގައި ހުޅުވައިފި އެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިދިޔަ ހޮނިހިރު ދުވަހު އޮތް ރަސްމިއްޔާތެއްގައި އޮފީސް ހުޅުއްވައިދެއްވީ ރާއްޖެ އިން ބަންގްލަދޭޝް އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިރުޒިމަތު ސަމީރު އެވެ.

މިރަސްމިއްޔާތުގައި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މޯލްޑިވިއަން އިން ބަންގްލަދޭޝް އަށް ދަތުރުކުރަނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ އަންގާރަ އަދި ހުކުރު ދުވަހު އެވެ.

އެއްކޮޅަށް ޓިކެޓް ވިއްކަނީ 225 ޑޮލަރަށެވެ. އަދި ދެކޮޅު ޓިކެޓެއްގެ އަގު އުޅެނީ 406 ޑޮލަރުގަ އެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އަލުން ހުޅުވާލުމާ އެކު މޯލްޑިވިއަންގެ ދަތުރުތައް އެންމެ ފުރަތަމަ ފެށީވެސް ބަންގްލަދޭޝް އަށެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ނިސްބަތްވަނީ ބަންގްލަދޭޝް އަށެވެ. އެހެންވެ ބަންގްލަދޭޝް އަކީ ރާއްޖެ އަށް މުހިއްމު ގައުމެކެވެ.