ރާއްޖޭގެ ގައުމީ އެއާލައިނުން ބަންގްލަދޭޝްއަށް ކުރަމުން އައި ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
މޯލްޑިވިއަނުން ބުނީ ބަންގްލަދޭޝްގެ ހާލަތަށް ރިއާޔަތްކޮށް، ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާއަށް މިއަދު ދަތުރުކުރަން އޮތް ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށެވެ.
ގައުމީ އެއާލައިނުން ބުނީ ބަންގްލަދޭޝްގެ މިހާރުގެ ހާލަތު ވަރަށް ގާތުން ބަަލަމުންދާ ކަމަށާއި ޕަސިންޖަރުންނަށް ދޭންޖެހޭ އެހީތެރިކަން ދެމުންދާނެ ކަމަށެވެ.
މޯލްޑިވިއަނުން އިތުރަށް ބުނީ އެންމެ މުހިއްމު އިސްކަމެއް ދޭނީ ފަސިންޖަރުންގެ ރައްކާތެރި ކަމަށް ކަމަށެވެ.
ބަންގްލަދޭޝްގައި ޖުލައި ކުރީކޮޅު އެންމެ ފުރަތަމަ ހަމަނުޖެހުން އުފެދުނީ ސިވިލް ސާވިސް ވަޒީފާ ދިނުމުގައި ސަރުކާރުން ވަކި ބަޔަކަށް ބައިއަޅާ ކަމަށް ބުނެ ދަރިވަރުން ފެށި މަދަނީ ބަސްނޭހުމަކުންނެވެ.
މި ހަމަނުޖެހުންތަކުގެ ރާގު ފަހުން ބަދަލުކޮށް ބޮޑުވަޒީރު ޝައިޚް ހަސީނާ އިސްތިއުފާއަށް ގޮވަން ފެށީ އެވެ.
ރައްޔިތުންގެ ޕްރެޝަރު ބޮޑުވެ ހަސީނާ އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ބަންގްލަދޭޝް ދޫކޮށް ފިއްލަވާފަ އެވެ.