މޯލްޑިވިއަން

މޯލްޑިވިއަން، ޑާކާ ފްލައިޓްތައް އަލުން ފަށަނީ

ބަންގްލަދޭޝްގެ ވެރި ރަށް ޑާކާ އާއި ރާއްޖެއާ ދެމެދު ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ބާއްވަމުން އައި ފްލައިޓްތައް މެދުކެނޑިފައި އޮތުމަށް ފަހު އަލުން ފަށަން ނިންމައިފި އެވެ.

މޯލްޑިވިއަނުން ބުނީ އަންނަ ބުދަ ދުވަހުން ފެށިގެން ޑާކާއަށް ދަތުރު ފަށާނެ ކަމަށެވެ. އަލުން ފަށާއިރު ހަފުތާއެކު ތިން ދުވަހު އެ މަންޒިލަށް ފްލައިޓްތައް ބާއްވާނެ އެވެ.

މޯލްޑިވިއަންއިން ބަންގްލަދޭޝްއަށް ބާއްވަމުން އައި ފްލައިޓްތައް މެދު ކަނޑާލީ ދެ ހަފުތާ ކުރިންނެވެ. ބަންގްލަދޭޝްގައި ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން އިންޓަނޭޝަނަލް ފްލައިޓްތައް މެދުކަނޑާލީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު ބައެއް ގައުމުތަކަަށް އަލުން ފްލައިޓްތައް ވަނީ ފަށާފަ އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމުގެ ގޮތުން ބަންގަލްދޭޝްއިން އެޅި ފިޔަވަޅުތަކާއެކު އެ ގައުމަށް ދަތުރުކުރާ މީހުން 14 ދުވަހު ކަރަންޓީނު ވާން ޖެހެއެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގަލްދޭޝް ލޭބަރުން މަސައްކަތް ކުރަމުންދާއިރު މޯލްޑިވިއަން ފްލައިޓްތަކުން ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން ދަތުރު ކުރެއެވެ.