ލައިފްސްޓައިލް

ފްލޯކެއް ނޫން: މާކުންބެގެ ބަނޑެއް ނުފެޅޭ!

ބޮނޑިބަތް ކައިގެން މާކުންބެގެ ބަނޑުފަޅައިގެން ނުދާކަމަށް ބުނަނީ ސުޖާތާ އާއި ނަރުމީން އަދި ޖުމާނީ އެވެ. މިއީ ސަރުކާރު ކުންފުންޏެއްގެ މާކެޓިން ސެކްޝަނުގައި ގިނަ ދުވަހު އެއްކޮށް މަސައްކަތްކޮށް ގާތް ރަހުމަތްތެރި ކަމުގެ ގުޅުމެއް އުފެދުނު ތިން ޒުވާނުންނެވެ. ގިނަ ދުވަސްވީ އެ ރަހުމަތްތެރި ކަމުގައި ލަންޗް ގަޑީ އެކުގައި އެއް ސުފުރާގައި ގިނަ ކެއުންތައް ވެސް ކައިފަވާ ތިން މީހުނެވެ. މޮޅު ހިޔާލުތައް ބަދަލުކޮށް ޕްލޭންތަކެއް މި ތިން ރަހުމަތްތެރިން ހެދި އެވެ.

ލޮކްޑައުންގައި މި ތިން ރަހުމަތްތެރިން ވެގެން އެއިން އެއް ޕްލޭން ހަގީގަތަކަށް ހެދި އެވެ. އެ މީހުން ލަންޗު ސުފުރާގައި ބަދަލު ކުރި މޮޅު އެއް ހިޔާލު، ކުޑަކުދިންގެ ވާހަކަ ފޮތެއް ލިޔެ ފަރުމާކޮށް ޝާއިއު ވެސް ކުރީ އެވެ.

ފުލޯކު ނަމުގައި މި ތިން ރަހުމަތްތެރިންގެ އަމިއްލަ ކުންފުންޏެއް އުފެއްދީ އެވެ. ކުންފުނީގެ ކްރިއޭޓިވް ހެޑަކީ ސުޖާތާ އެވެ. އޭނާއަކީ ހަ އަހަރުން ދަށުގެ ތިން ކުދިންގެ މަންމައެކެވެ. ޖުމާނީއަކީ ފުލޯކު ކުންފުނީގެ މާކެޓިން ހެޑެވެ. އޭނާއަކީ ވެސް ހަތް މަހުގެ ތުއްތު ކުއްޖެއްގެ މަންމަ އެކެވެ. ދެން، ނަރުމީނެވެ. އޭނާއަކީ ފުލޯކް ކުންފުނީގެ ބްރޭނޑް ޑައިރެކްޓަރެވެ.

"މާކުންބެގެ މޮޅު ސުފުރާމަތި" ގެ ނަމުން ނަން ދީ ޒަމާނުއްސުރެ އަހަރުމެންނަށް އިނގޭ ފުލޯކް ވާހަކަ މި ގެނައީ ޓުވިސްޓަކާއި އެކުއެވެ. މުޅީން ތަފާތު ގޮތަކަށް ގެނެސްދީނެވެ. ފެށުނީއްސުރެ ބޮނޑިބަތްކާ ހިތްވާ ކަމަށް އަހަރުމެންނަށް އެނގިފައިވާ މާކުންބެގެ ބަނޑު މި ފޮތުގައި ފަޅައިގަނެއް ނުދެއެވެ. މާކުންބެއަށް ހެޔޮ ވިސްނި ސުފުރާ މޮޅު ކޮށްލަ އެވެ. އަދި ދުޅަހެޔޮ ކާނައަށް ބަދަލު ކޮށްލަ އެވެ.

"ކުޑައިރު އަހަރުމެންނަށް އިވިފައި ހުންނަ ވާހަކަތަކުގައި އަބަަދުވެސް އިވިފައި ހުންނަނީ ކެރެކްޓާސްއަށް ކޮންމެވެސް ދެރަ ގޮތެއް ވެގެން ވާހަކަ ނިމެނީ. މިފަހަރު ބޭނުންވީ މި ވާހަކަތަށް ތަފާތުކޮށް ގެންނަން. މާކުންބެ އަށްވެސް ހެޔޮ ވިސްނިގެން ވާހަކަ ފޮތް ނިންމާލަން" މާކުންބެ މި ގެނައި މޮޅު ސުފުރާއާ ގުޅޭ ގޮތުން ސުޖާތާ ބުންޏެވެ.

ނަރުމީން ބުނިގޮތުގައި އެ މީހުންގެ ފޮތުގެ ޓާގެޓަކީ ތުއްތު ކުދިންނެވެ.

"މާކުންބެގެ މޮޅު ސުފުރާމަތި ގައި އެކުލެވިފައިވާނީ ވަަރަށް ތުއްތުކުދިންނާއި ގުޅޭ އިލަސްޓްރޭޝަންތަކެއް. ކިޔަން ފަށައިގަންނަ އުމުރު ފުރައިގެ ކުދިންނަށް ދިވެހި ކިޔަން ފަރިތަކުރަން ވަރަށް ފަސޭހަވާނެ. އަދި ފޮތުން ދޭނީ ވަރަށް މުހިއްމު މެސެޖެއް،"

މި ޒުވާނުންގެ ފޮތުގައި ކިޔައި ދެނީ މާކުންބެ ކެއުމުގެ އާދަތަކަށް ވަރަށް ރަނގަޅު ބަދަލުތަކެއް ގެނައި ވާހަކަ އެވެ. ދުޅަހެޔޮ ކާނާ ކެއުމަށް މާކުންބޭ ޝެޑިއުލް ކުރެ އެވެ. އަދި މާކުންބެ ކާން ހިޔާރު ކުރާ ކާނާއަކީ ކާބޯތަކެތީގެ ހުރިހާ ގުރޫޕެއް އެކުލެވިގެންވާ އެއްޗަކަށް ހަދައި ބެލެންސް ޑައެޓަަކަށް ބަދަލުކޮށްލަ އެވެ. ފޮތުގައި ކުދިންނަށް މައިންބަފައިންގެ އެހީތެރިކަމުގައި ހަދާލެވޭނެ ތިން އެކްޓިވިޓީއެއް ވެސް ހިމަނާފައި ވެއެވެ.

ތިން ޕާޓްނަރުން އެކުގައި ލިޔެފައިވާ މި ފޮތް ފަރުމާކުރީ އަނެއް ދެބައިވެރިންގެ އެހީއާއެކު ސުޖާތާ އެވެ.

"ފުރަތަމަ ގަސްދުކުރީ އިލަސްޓްރޭޓް ކުރަން ޕްރޮފެޝަނަލް މީހަކު ހޯދަން. އެކަމަކު ކޮންމެވެސް ވަރަކަށް ޑިޒައިން އިނގޭތީ ހިތަށް އެރީ އަމިއްލައަށް ޓްރައި ކޮށްލާނީ އޭ. [އަޅުގަނޑުމެން] ތިން މީހުނަކީ ވެސް މާކެޓިންގައި އުޅޭ މީހުން ކަމުން ސްޓޯރީޓެލިން އަކީ އަހަރުމެންގެ ޕްރޮފެޝަން. ތިން މީހުން ހިޔާލުތައް ޑިސްކަސް ކޮށްގެން މަސައްކަތް ކުރީ،" ސުޖާތާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި މަސައްކަތް ކުރަން ފެށިއިރު އޭނާގެ އެއްމާބަނޑު ދެބެން ވަރަށް ކުޑަ އެވެ. އެކަމަކު ވެސް ކޮންމެ ދުވަހަކު ވެސް ޓާގެޓެއް ކަނޑައަޅަައިގެން މާކުންބެ "އިސްލާހު ކުރަން" މަސައްކަތް ކުރީ އެވެ.

"ފޮތް ނިންމަން މަސައްކަތް ކުރީ ކޮންމެ ދުވަހަކުވެސް ވަކި ވަރަކަށް ލިޔަން ނިންމައިގެން. އެގޮތަށް ޑެޑްލައިންތަކެއް ސެޓްކުރީ، އިލަސްޓްރޭޓް ކުރަން މާ ފަރިތަ ނޫންވީވާމާ ކޮންމެވެސް ވަރަކަށް އުދަނގޫވީ. މާކުންބެ ކެރެކްޓާ ފުރަތަމަ ކުރެހުނު ގޮތް ކަމު ނުގޮސްގެން އަލުން ކުރަހާ ހެދިން... ޕްރޮފެޝަނަލް ޑިޒައިނަރުނަށް ނުވީމަ ފޮތުގެ ކަވަރު ޕޭޖު ހަދަން ވަރަށް ގިނަ ވަގުތު ދިޔަ."

މި ހުރިހާ ކަމަކާއި އެކުވެސް މާކުންބެ ބަދަލުކޮށް އޭނާގެ ސުފުރާމަތިގެ މޮޅު ކޮށްލުމުގެ މަސައްކަތް ތިން މަހުން ނިންމާލި އެވެ. ނަމަވެސް ފޮތް ފާސް ކުރުމާއި ކުންފުންޏެއް ރެޖިސްޓާ ކުރުމާއި އެހެން ގޮސް އެތަކެއް ކަމެއް ފައިނަލްވެ ދެ އަހަރާއި ގާތްވެ ޗާޕާ ހިސާބަށް ދިޔަ އިރު ރާއްޖެ އޮތީ ކޮވިޑް ލޮކްޑައުންގެ ތެރެެއަށް ވަދެ އެވެ. ކޮވިޑް ބަންދާ ހެދި ކޮންމެވެސް ވަރަކަށް އިތުރު ލަސްތަކެއްވެސް ވިއެވެ. އަދި ލޮކްޑައުންގެ ސަބަބުން "ފްލޯކަ" ށް އިތުރު ތަރުހީބެއް ވެސް ލިބުނެވެ.

"ލޮކްޑައުން ގައި ގިނައިން ފޮތް ކިޔާތީ އަދި ގޭގައި ތިބޭތީ ފޮތަށް ވަރަށް ތަރުހީބު ބޮޑު. ފޮތް ނެރުނުތާ މާ ގިނަ ދުވަސް ނުވަނީސް މީހުން ފޮތް ގަނެ ރިކޮމެންޑް ކުރަން ފަށައިފި. އެހެންވެ އަޅުގަނޑުމެންގެ މި މަސައްކަތް އާއްމުން ބަލައިގަނެފިއޭ ބުނެވޭނީ" ނަރުމީން ބުންޏެވެ.

"ކުޑަކުދިންގެ ފޮތް ލިޔާ އެހެން ފަރާތްތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ފޮތް ނެރުމަށް. ފޮތް ގަންނަން ޝައުގުވެރިވާ މީހުންނަށް ހާއްސަކޮށް އުފެއްދި ވައިބާ ޕްލެޓްފޯމަށް ދައުވަތު ލިބުނު އަަހަރުމެންނަށް ވެސް. ޕްރޮސީޖާ ކިޔައިދީ ކަންކަން ކުރަންވީ ގޮތް ކިޔައިދިން. މިއީ އަލަށް ނުކުންނަ ބަޔަކަށް ލިބޭނެ އެންމެ ބޮޑު އެހީތެރިކަން." ކަމުގައި ޖުމާނީ ބުންޏެވެ.

ފްލޯކްގެ ދެވަނަ ފޮތެއްގެ މަސައްކަތް ވެސް މިހާރު ވަަނީ ނިމި ޗާޕުގަ އެވެ. މި ތިން ޒުވާނުންގެ އުއްމީދަކީ ފްލޯކް ވާހަކައިގެ އިތުރުން އެހެން ޖޯންރާގެ ފޮތްތައް ވެސް ކުޑަކުދިން ފޫހި ނުވާނެ ގޮތަކަށް ގެނެސްދިނުމެވެ.