ޖާންވީ ކަޕޫރު

ޖާންވީގެ "ގުންޖަން ސަކްސޭނާ" ސީދާ ނެޓްފްލިކްސް އަށް

ދަރްމާ ޕްރޮޑަކްޝަން އިން ޕްރޮޑިއުސްކުރާ ޖާންވީ ކަޕޫރު ބަތަލާގެ ބައި ކުޅޭ "ގުންޖަން ސަކްސޭނާ – ދަ ކާރްގިލް ގާލް" ސީދާ ނެޓްފްލިކްސްގައި ރިލީޒް ކުރަން ހަމަޖެހިފައިވާކަން އިއުލާން ކޮށްފި އެވެ. އަންގާރަ ދުވަހު ކަރަން ޖޯހަރް ވަނީ މި ފިލްމު އޯޓީޓީ ޕްލެޓްފޯމްގައި ރިލީޒް ކުރަން ހަމަޖެހިފައި ވާކަން ޔަގީން ކޮށްދީފަ އެވެ.

"މިއީ ޒުވާން އަންހެންކުއްޖަކު ދެކެމުން އައި ހުވަފެންތަކާއި އޭނާގެ އާދަޔާހިލާފު ހަގީގީ ވާހަކަތަކެއް ފެނިގެން ދާނެ ފިލްމެއް. 'ދަ ކާރްގިލް ގާލް' ވަރަށް އަވަހަށް ނެޓްފްލިކްސް އަށް އަންނަނީ،" ފިލްމުގެ އިޝްތިހާރު ވީޑިއޯ އަކާއެކު ކަރަން ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.

ކަރަންގެ ޓުވީޓާއެކު ވާ ވީޑިއޯގައި ގުންޖަން ސަކްސޭނާގެ ހަނދާންތައް އާކޮށް އޭނާގެ ވާހަކަ ޖާންވީ ކިޔައިދީފައި ވެއެވެ.
ގުންޖަން ސަކްސޭނާއަކީ ފްލައިޓް ލެފްޓިނެންޓެކެވެ. ގުންޖަން ވަނީ ހަނގުރާމައެއްގައި ބައިވެރިވި އިންޑިއާގެ އެއާ ފޯސްގެ ފުރަތަމަ އަންހެން އޮފިސަރަށްވެ އިންޑިއާގެ ތާރީހު ބަދަލު ކޮށްލާފަ އެވެ. މިއަދު އިންޑިއަން އެއާފޯސްގައި މަތިންދާބޯޓު ޕައިލެޓް ގޮތުގައި 1600 އަށް ވުރެ ގިނަ އަންހެން ޕައިލޮޓް މަސައްކަތް ކުރެ އެވެ. މި އެންމެންނަށް ހިތްވަރު ލިބުނީ ގުންޖަންގެ ކުޅަދާނަކަމުގެ ސަބަބުންނެވެ.

ކާރްގިލްގައި 1999 ގައި ކުރި ހަނގުރާމައިގައި ގުންޖަން ވީ ޗީތާ އެއާކްރާފްޓެއްގެ ޕައިލެޓެއްގެ ގޮތުގައި އެ އެއާކްރާފްޓް ދުއްވާފަ އެވެ. އަދި ހަނގުރާމައިގެ މައިދާނުގައި އުޅެނިކޮށް އަނިޔާވި އެތައް ސިފައިންނެއް ސަލާމަތް ކުރުމުގެ ނުރައްކާތެރި މަސައްކަތް ގުންޖަން ކޮށްފައި ވެއެވެ.