ވިޔަފާރި

އެމެރިކާ ބައްރުގެ މާކެޓްތައް "އަތުލުމަށް" ރާއްޖެ މަސައްކަތް ފަށައިފި

Sep 26, 2015

އެމެރިކާ ސަރަހައްދުން އަންނަ ޓޫރިސްޓުން އިތުރު ކުރުމުގެ ގޮތުން، އެ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް ޓްރެވަލް ފެއާ އޭބީއޭވީ އިންޓަނޭޝަނަލް ޓޫރިޒަމް އެކްސްޕޯ ގައި އެމްއެމްޕީއާރުސީ އާއި ގިނަ ޓްރެވަލް އެޖެންޓުން ބައިވެރިވެއްޖެ އެވެ.

ބްރެޒިލްގެ ސައޯ ޕޯލޯ ގައި އިއްޔެ ފެށި މި ފެއާގައި ރާއްޖެ ފުރަތަމަ ފަހަރަށް ބައިވެރިވާ އިރު އެމްއެމްޕީއާރުސީ އިން ބުނީ ރާއްޖޭގެ ޓޫރިޒަމްގައި ނަގާ ކިޔާ 13 ކުންފުންޏަކުން 20 މަންދޫބަކު ބައިވެރިވަމުން އަންނަ ކަމަށެވެ. އަދި 60 ގައުމެއްގެ ޓޫރިޒަމާ ގުޅުން ހުރި 40،000 ފަރާތަކުން އެ ފެއާގައި އަންނަނީ ބައިވެރިވަމުންނެވެ.

އެމްއެމްޕީއާރުސީގެ އެންމެ އިސް ވަފުދެއް ވެސް އެ ފެއާގައި ބައިވެރިވާ އިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޒިޔަތު ވިދާޅުވީ، ބްރެޒިލް އާއި އެމެރިކާ ބައްރުގެ މާކެޓްތަކަކީ ވަރަށް އުންމީދީ މާކެޓްތަކެއް ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އެ މާކެޓްތަކަށް ރާއްޖެއަށް އެންމެ ރަނގަޅަށް ސަމާލުކަން ދެވިފައި ނެތުމުން އެ މަންޒިލްތަކުން އަންނަ ޓޫރިސްޓުން މަދު ކަމަށް ޒިޔަތު ވިދާޅުވި އެވެ. މި ފެއާގެ ސަބަބުން ލިބޭނެ އެންމެ ބޮޑު ކުރިއެރުމަކީ އެމެރިކާ ބައްރުގެ ގައުމުތަކަށް ރާއްޖެ ހުޅުވުންކަން ޒިޔަތު ފާހަގަ ކުރެއްވި އެވެ.

"މީގައި އެބަ ބައިވެރިވޭ މި ސަރަހައްދުގެ ބޮޑެތި ޓްރެވަލް އެޖެންސީތަކާއި ޓޫރިޒަމް ކުންފުނިތައް. މީގެ ސަބަބުން ދެ ގައުމުގެ ޓްރެވަލް އެޖެންޓްގެ މެދުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް އެއްބަސްވުންތަކަކަށް އާދެވި، ރާއްޖެ އެމެރިކާ ބައްރުގެ މާކެޓްތަކަށް ހުޅުވިގެން ދާނެ،" ޒިޔަތު ވިދާޅުވި އެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ފެއާ ބާއްވާ ބްރެޒިލުން އެކަނި ވެސް 4321 ޓޫރިސްޓަކު ރާއްޖެ އައިސްފައިވެ އެވެ. އެއީ ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ 0.4 ޕަސެންޓެވެ. ޒިޔަތު ވިދާޅުވީ އެ މާކެޓްތަކަށް ރާއްޖެ މާ ބޮޑު އިޝްތިހާރެއް ނުކޮށް އެ އަދަދަށް ޓޫރިސްޓުން އައުމުން ދޭހަކޮށްދެނީ، އިތުރަށް އިޝްތިހާރުކޮށްފި ނަމަ ޓޫރިސްޓުން އިތުރު ކުރުމަށް ޖާގަ އޮތް މިންވަރު ކަމަށެވެ.

"މީގެން މި ހުޅުވެނީ މުޅިން ހަމަ އާ މެކެޓެއް،" ޒިޔަތު ވިދާޅުވި އެވެ.

ޔޫރަޕާއި ރަޝިޔާއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކުގެ ސަބަބުން އެ ބައްރުން އަންނަ ޓޫރިސްޓުންގެ އަދަދަށް ހީނަރުކަން ލިބިފައިވެ އެވެ. އެއާ އެކު ރާއްޖެއިން އަންނަނީ މަދުއިރުމަތީގެ މާކެޓާއި އެހެން ވެސް މުޅިން އާ މާކެޓްތަކުން ޓޫރިސްޓުން ގެނެސް އެބައި ފޫބެއްދުމަށް މަސައްކަތް ކުރަމުންނެވެ.