ހަބަރު

ސޮފްޓް ޑްރިންކާއި ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑު ކުރަނީ

ރާއްޖެ އެތެރެ ކުރާ ދުންފަތުގެ ބާވަތްތަކުންނާއި ކެއިންބުމަށް ބޭނުން ކުރާ ތަކެތީގެ ތެރެއިން ސިއްހަތަށް ގެއްލުންވާ ކަމަށް ބަލެވޭ ބައެއް ތަކެތިން ޑިއުޓީ ބޮޑު ކުރާ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި ބިލުގައި ވަނީ ސޮފްޓް ޑްރިންކްސްއާއި ހަކުރު އެކުލެވޭ ބުއިންތަކުގެ ޑިއުޓީ ރޭޓް ބޮޑު ކުރުމަށެވެ. އަދި ސޮސެޖާއި އެފަދަ ޕްރޮސެސްކޮށްފައި ހުންނަ ބާވަތްތަކުން ޑިއުޓީ ނެގުމަށް ވެސް ހުށަހަޅާފައިވެ އެވެ.

ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުން ޑިއުޓީ ބޮޑު ކުރުމަށް ހުށަހަޅާފައިވެ އެވެ. ސިނގިރޭޓާއި ބިޑި ހެދުމަށް ބޭންކުރާ ކަރުދާހާއި އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކުގެ ޑިއުޓީ ބޮޑު ކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.

މި ގޮތުން ސިނގިރޭޓާއި ބިޑި ހެދުމަށް ބޭނުންކުރާ ކަރުދާހުން 200 ޕަސެންޓުގެ ޑިއުޓީއެއް ނަގާއިރު، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކުން 200 ޕަސެންޓު ޑިއުޓީއެއް ނަގަން ބިލުގައިވެ އެވެ.

އިމްޕޯޓް ކުރުން ކޮންޓްރޯލް ކޮށްފައިވާ ތަކެތީގެ ތެރެއިން، ބަނގުރާ އެކުލެވޭ ބައެއް ބުއިންތަކަކީ އިމްޕޯޓް ކުރާ މިންވަރަށް ރިޢާޔަތްކޮށްގެން ސްޕެސިފިކް ޑިއުޓީއެއް ނަގާ ބާވަތްތަކުގެ ގޮތުގައި ކަނޑައެޅުމަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.