ރާއްޖެއަށް އެތެރެ ކުރާ މުދާތަކުން ނަގާ އިމްޕޯޓް ޑިއުޓީތަކަށް ބަދަލުތަކެއް ގެންނަ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އިމްޕޯޓް އެކްސްޕޯޓް ގާނޫނުގެ އިސްލާހުތަކުގެ ސަބަބުން އިގްތިސާދީ ހަރަކާތްތައް ފުޅާވެގެންދާނެ ކަމަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.
އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސްޕޮންސާކޮށްދެއްވި މެންބަރު ވިސާމް ތަޅުމަށް ބިލް ހުށަހަޅުއްވަމުން ވިދާޅުވީ، ގާނޫނަށް އިސްލާހު ގެނައުމުގައި ސަރުކާރުން އެންމެ ބޮޑަށް އިސްކަމެއް ދީފައިވަނީ އެކިއެކި ސިނާއަތްތަކުގެ އިގްތިސާދީ ހަރަކާތް ހިންގުމުގައި ބޭނުންވާ މުދަލުން ޑިއުޓީ ކުޑަކުރަން ނޫނީ ކަނޑާލުމަށެވެ.
މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ ގިނަ ތަކެތިންނާއި އޮޑިދޯނިފަހަރު ބަނުމަށް ބޭނުންވާ މުދަލުން ޑިއުޓީ ކަނޑާލަން ބިލުގައި ހިމަނާފައިވާއިރު އިމާރާތް ކުރުމަށް ބޭނުންވާ ގިނަ މުދަލުންނާއި އަންނައުނު އުފެއްދުމަށް ބޭނުންވާ ތަކެތިން ޑިއުޓީ ކަނޑާލަން ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ
މެންބަރު ވިސާމް ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން އާންމު ފަންތީގެ ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވެ، އިގްތިސާދު ހުއްޓިފައިވާ މި ދަނޑިވަޅުގައި ސިނާއަތްތަކަށް ބޭނުންވާ ތަކެތިން ޑިއުޓީ ކަނޑާލުމުން އިގްތިސާދީ ހަރަކާތްތައް ފުޅާވެގެންދާނެ ކަމަށެވެ.
"މި ކަމުގެ ސަބަބުން ވެސް އިގްތިސާދުގެ ހަރަކާތްތައް ވަރުގަދަވެގެންދާނެ ކަމަށް އަޅުގަނޑަށް ފެންނަނީ. ޑިއުޓީ ކަނޑާލުމުން އެ ތަކެތީގެ އަގަށް އެ އަންނަ ބަދަލާއެކު ހަމަ ގައިމު ވެސް ސިނާއަތްތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ލުއިތަކެއް ލިބިގެން ދާނެ،" ވިސާމް ވިދާޅުވި އެވެ.
ދިރިއުޅުމުގައި ބޭނުން ކުރާ ބައެއް އާންމު ސާމާނުތަކުން ޑިއުޓީ ކަނޑާލަން އޮތުމުން އޭގެ ސަބަބުން އެފަދަ ތަކެތީގެ އަގަށް ވެސް ހެޔޮ ބަދަލުތަކެއް އައިސް، އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި ކުރަން ޖެހޭ ހޭދަ ކުޑަވެގެން ދާނެ ކަން ވިސާމް ފާހަގަ ކުރެއްވި އެވެ.
އިގްތިސާދީ ހަރަކާތްތައް ފުޅާވުމުގެ އިތުރުން އާން ސިއްހަތަށް ގެއްލުންވާ ތަކެތިންނާއި ތިމާވެއްޓަށް ގެއްލުންވާ ތަކެތި އެތެރެކުރެވޭ މިންވަރު ކުޑަކުރުމަށް ވެސް ސަަރުކާރުން އިސްކަން ދީފައިވާ ކަން ވިސާމް ފާހަގަ ކުރެއްވި އެވެ. އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް އެތެރެކުރުން މަނާވާނެ ކަމަށެވެ.
ވިސާމް ވިދާޅުވީ ސްކޫލްތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުން މަޖިލީހަށް ހުށަހެޅި އިލްތިމާސްއާއި ތިމާވެ ހިޔާމަތް ކުރުމަށް ވަކާލާތު ކުރާ ޖަމިއްޔާ ޖަމާއަތްތަކުން މަޖިލީހަށް ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ދާނެ ބިންގަލެއްގެ ގޮތުގައި ބިލު ފަރުމާ ކުރެވިފައިވާ ކަމަށެވެ.