ރާއްޖެއަށް އެތެރެ ކުރާ މުދާތަކުން ނަގާ އިމްޕޯޓް ޑިއުޓީތަކަށް ބަދަލުތަކެއް ގެންނަ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި ބިލު ތަޅުމަށް ބަލައިގަންނަން ފާސްކުރީ 62 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ބިލު ދިރާސާ ކުރާނީ މުޅި މަޖިލީހުގެ ކޮމިޓީން ކަމަށެވެ. މުޅި މަޖިލީހުގެ ކޮމިޓީގެ މަސައްކަތް މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ކުރައްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ތަޅުމަށް ބިލު ހުށަހަޅުއްވަމުން މެންބަރު ވިސާމް ވިދާޅުވެފައިވަނީ އެ ބިލަކީ އިގްތިސާދީ ހަރަކާތްތައް އިތުރު ކުރުމަށާއި، ސިއްހަތަށާއި ތިމާވެއްޓަށް ގެއްލުން ލިބޭ ތަކެތި އެތެރެ ކުރުން މަދު ކުރުމުގެ އިތުރުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތި ލިބުމުގައި ފަސޭހަ ވުމަށް ހުށަހެޅުއްވި ބިލެކެވެ.
މަސްވެރިކަމާއި ކޮންސްޓްރަކްޝަނަށް ބޭނުންވާ ގިނަ ތަކެތީގެ ޑިއުޓީ ކަނޑާލަނީ
މަސްވެރިކަން ކުރުމަށާއި އޮޑިދޯނި ފަހަރާއި ބޯޓު ބަނުމަށް ބޭނުން ކުރާ ތަކެތީންނާއި، އިމާރާތް ކުރުމަށް ބޭނުންވާ ތަކެތީންނާއި، އަންނައުނު އުފެއްދުމަށް ބޭނުންކުރާ ގިނަ ތަކެތިން ޑިއުޓީ ކަނޑާލުމަށް ހިމަނާފައިވެ އެވެ. ރާއްޖޭގައި އޮޑިދޯނި ފަހަރު ބަނުމަށާއި ބޯޓު ފަހަރު ބަނެ ބޭނުން ކުރުމަށް ބާރު އެޅުމުގެ ގޮތުން ރާއްޖެއަށް ގެންނަ ބޯޓު ފަހަރާއި ފްލޯޓިން ސްޓްރަކްޗާތަކަށް ޑިއުޓީ ނެގުމަށް ވެސް ބިލުގައިވެ އެވެ.
މީގެ އިތުރުން މާލެ ސިޓީ ފިޔަވައި އެހެން ރަށްތަކުގައި ބޭނުން ކުރުމަށް ގެންނަ އެއްގަމު އުޅަނދު ފަހަރުތަކުން ޑިއުޓީ މައާފު ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް އިސްލާހު ހުށަހަޅާފައިވެ އެވެ. އެ ގޮތަށް ކަނޑައަޅާނީ ރަށުގެ ބޮޑުމިނާއި ދަތުރުފަތުރުގެ ވަސީލަތްތަކުގެ މުހިއްމު ކަމަށް ބެލުމަށް ފަހުގަ އެވެ.
އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ ތަކެތީގެ ޑިއުޓީ ކަނޑާލަނީ
އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ތަކެތީގެ ތެރެއިން ޑޮމެސްޓިކް ދޮންނަ މެޝިނާއި، ފެން ފިލްޓާ ކުރުމަށް ބޭނުންކުރާ ގެވެހި ސާމާނާއި، އިންވާޓާ އެއާ ކޯންޑިޝަނާ ފަދަ ތަކެތިން ޑިއުޓީ ކަނޑާލަން ވެސް ބިލުގައިވެ އެވެ. އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ވުމަށް ބޭނުން ކުރާ ތަކެތިން ވެސް ޑިއުޓީ ކަނޑާލަން ބިލުގައި ހިމަނާފައިވެ އެވެ.
މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ ބައެއް ތަކެތިން ވެސް ޑިއުޓީ ކަނޑާލަން ބިލުގައި ހިމެނިފައިވެ އެވެ. އޭގެ ތެރޭގައި އިންޖީނުލީ ދުވާ އެއްޗެއްސާއި އިންޖީނު ނުލާ ދުއްވާ އެއްޗެހީގެ އިތުރުން އެފަދަ ތަކެތީގެ ބައިތަކާއި އެފަދަ ތަކެތީގެ އިންޖީނު ވެސް ހިމެނެ އެވެ.
ސޮފްޓް ޑްރިންކާއި ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑު ކުރަނީ
ބިލުގައި ވަނީ ސޮފްޓް ޑްރިންކްސްއާއި ހަކުރު އެކުލެވޭ ބުއިންތަކުގެ ޑިއުޓީ ރޭޓް ބޮޑު ކުރުމަށެވެ. އަދި ސޮސެޖާއި އެފަދަ ޕްރޮސެސްކޮށްފައި ހުންނަ ބާވަތްތަކުން ޑިއުޓީ ނެގުމަށް ވެސް ހުށަހަޅާފައިވެ އެވެ.
ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުން ޑިއުޓީ ބޮޑު ކުރުމަށް ހުށަހަޅާފައިވެ އެވެ. ސިނގިރޭޓާއި ބިޑި ހެދުމަށް ބޭންކުރާ ކަރުދާހާއި އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކުގެ ޑިއުޓީ ބޮޑު ކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.