ހަބަރު

އަންނަ އަހަރުން ފެށިގެން ސިންގަލް ޔޫޒް ޕްލާސްޓިކް މަނާކުރަނީ

Jun 11, 2020

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކް ރާއްޖެ އެތެރެކުރުން މަނާ ކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާން ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން، މި އަހަރުގެ ތެރޭގައި އިމްޕޯޓް ކުރާ ބަޔޯޑީގްރޭޑެބަލް ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ގޯނިން 400 ޕަސެންޓްގެ އިމްޕޯޓް ޑިއުޓީއެއް ނަގާނެ އެވެ. އަދި ޕްލާސްޓިކް ފިލްމާއި ޝީޓާއި ހޮޅިއާއި ތަށި ފަދަ ތަކެތިން 200 ޕަސެންޓްގެ ޑިއުޓީއެއް ނަގާނެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިއުން އިއްވާފައިވާ އެ ބިލުގައި ބުނާ ގޮތުން އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލެވޭ އެފަދަ ޕްލާސްޓިކްގެ ބާވަތްތައް އަންނަ އަހަރުން ފެށިގެން އެތެރެ ކުރުން މުޅިން އެއްކޮށް މަނާ ކުރެވޭނެ އެވެ.

އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް އެތެރެކުރުން މަނާ ކުރުމަށް މަޖިލީހުން މީގެ ކުރިން ގަރާރެއް ވެސް ފާސްކުރި އެވެ. މަޖިލީހުން ފާސްކުރި ކްލައިމެޓް އެމަޖެންސީގެ އެ ގަރާރުގައި ބުނާ ގޮތުން 2025 ވަނަ އަހަރުން ފެށިގެން އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލެވޭ ޕްލާސްޓިކް އެތެރެ ނުކުރެވޭނެ އެވެ. އެ ގަރާާރަކީ ރާއްޖޭގެ 17 ސްކޫލެއްގެ ދަރިވަރުން މަޖިލީހަށް ހުށަހެޅި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށް ފަހު ފާސްކުރި ގަރާރެކެވެ.