ހަބަރު

ސިންގަލް ޔޫޒް ޕްލާސްޓިކް އެތެރެކުރުން މަނާކުރަން ފާސްކޮށްފި

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލެވޭ ޕްލާސްޓިކް ރާއްޖެ އެތެރެ ކުރުން މަނާ ކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާން ހުށަހެޅުއްވި އެ ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

އެ ބިލުގައިވާ ގޮތުން، މި އަހަރުގެ ތެރޭގައި އިމްޕޯޓް ކުރާ ބަޔޯޑީގްރޭޑެބަލް ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ގޯނިން 400 ޕަސެންޓްގެ އިމްޕޯޓް ޑިއުޓީއެއް ނަގާނެ އެވެ. އަދި ޕްލާސްޓިކް ފިލްމާއި ޝީޓާއި ހޮޅިއާއި ތަށި ފަދަ ތަކެތިން 200 ޕަސެންޓްގެ ޑިއުޓީއެއް ނަގާނެ އެވެ.

ރާއްޖެއަށް އެތެރެކުރެވޭ ގިނަ ބާވަތްތަކެއްގެ އިމްޕޯޓް ޑިއުޓީއަށް ބަދަލު ގެންނަ ގޮތަށް ހުށަހަޅާފައިވާ އެ ބިލުގައި ބުނަނީ އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލެވޭ އެފަދަ ޕްލާސްޓިކްގެ ބާވަތްތައް އަންނަ އަހަރުން ފެށިގެން އެތެރެ ކުރުން މުޅިން އެއްކޮށް މަނާ ކުރެވޭނެ ކަމަށެވެ.

އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލެވޭ ޕްލާސްޓިކް އެތެރެކުރުން މަނާ ކުރުމަށް މަޖިލީހުން މީގެ ކުރިން ކްލައިމެޓް އެމަޖެންސީއެއް ރާއްޖޭގައި އިއުލާން ކުރާ ގޮތަށް ގަރާރެއް ވެސް ފާސްކުރި އެވެ. އެ ގަރާރުގައިވަނީ 2015 ވަނަ އަހަރުން ފެށިގެން އެ ބާވަތްތައް އެތެރެކުރުން މަނާކުރުމަށެވެ. އެ ގަރާރަކީ ރާއްޖޭގެ 17 ސްކޫލެއްގެ ދަރިވަރުން މަޖިލީހަށް ހުށަހެޅި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށް ފަހު ފާސްކުރި ގަރާރެކެވެ.