މަސްވެރިންނަށް ޕެންޝަނާއެކު ޑިސްއެބިލިޓީ އިންޝުއަރެންސް ލިބިދޭ ގޮތަށް 80 މާއްދާގެ މައްޗަށް އެކުލެވޭ މަސްވެރިކަމުގެ އާ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލް ކޮމިޓީ މަރުހަލާގައި ގެނެސްފައިވާ ބޮޑެތި ބަދަލުތަކާއެކު މަޖިލީހުން ފާސް ކުރީ މިއަދުގެ ޖަލްސާގައި ނެގި ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ ވޯޓުންނެވެ.
މަސްވެރިކަމުގެ ބިލް އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅިއިރު އެ ބިލްގައި މަސްވެރިންނަށް އެއްވެސް ޕެންޝަނެއް އަދި އިންޝުއަރެންސެއްވެސް ކަނޑައަޅާފައެއް ނެތެވެ. ނަމަވެސް ބިލް ދިރާސާ ކުރި އިގްތިސޯދީ ކޮމިޓީން ވަނީ މަސްވެރިންނަށް ޕްންޝަން ސްކީމަކާއި ޑިސްއެބިލިޓީ އިންޝުއަރެންސް ސްކީމެއް ލިބިދޭ ގޮތަށް ބަދަލު ގެނެސްފަ އެވެ.
މަސްވެރިންގެ ދަފުތަރެއް އެކުލަވާލައި، އެ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދީ އެމީހުންގެ އިޖުތިމާއީ ރައްކާތެރި ކަމާއި ޕެންޝަން ކަށަވަރު ކުރަން ވާނެ ކަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ. އަދި މަސްވެރިކަމުގެ ކޮލެޖެއް ގާއިމު ކުރުމުގެ މަސައްކަތްތައް ވެސް ބިލުގައި ހިމަނާފައިވެ އެވެ.
މިއަދު މަޖިލީހުން ފާސްކުރި މަސްވެރިކަމުގެ ބިލަކީ 80 މާއްދާގެ މައްޗަށް އެކުލެވޭ ގޮތަށް ފިޝަރީޒް މިނިސްޓްރީން އެކުލަވައިލި ބިލެކެވެ. ބިލުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކާއި ބިލު ހުށަހެޅުމުގެ ކުރިން އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހުށަހެޅުއްވި މަސްވެރިކަމުގެ ގަރާރުތަކުގައިވާ ކަންކަން ބިލުގައި ވަނީ ހިމަނައިފަ އެވެ.
އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ބޭރުގެ ބޯޓު ފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމަށް ހުއްދަ ދިނުމެވެ. އަދި ރަށްރަށުގައި ގޭދޮށު މަސް ފެކްޓްރީ ގާއިމު ކުރުމާއި މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުތަކެއްގައި ކަންނެލި ޖަގަހަތައް ގާއިމު ކުރުން ވެސް ބިލްގައިވެ އެވެ.
ސީދާ ބޭރު ގައުމުތަކަށް މަސް ވިއްކުމުގެ ހުއްދަ ދޫކުރުމަށް އެކަމާ ބެހޭ އިޖުރާއަތްތައް ގަވައިދަކުން ބަޔާން ކުރަން ވާނެ ކަމަށް ބިލުގައިވެ އެވެ. ބޭރު ގައުމުތަކަށް ސީދާ ވިއްކޭނީ ދިވެހި ސަރުކާރާ ދެމެދު ކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ގައުމުތަކަށް ކަމަށް ވެސް ބިލުގައިވެ އެވެ.
މަސްވެރިކަމުގެ ބިލްގައި ހަތް ބާވަތެއްގެ މަސްވެރިކަން ކުރުން މަނާވެ އެވެ. އެއީ ބޮޑުދަލުގެ މަސްވެރިކަމާއި، އޮޔާދާ ދަލުގެ މަސްވެރިކަމާއި، ދަމާ ދަލުގެ މަސްވެރިކަމާއި، އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި، އެންވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން ކުރާ މަސްވެރިކަމާއި، ބަޑި ޖަހައިގެން ކުރާ މަސްވެރިކަމުގެ އިތުރުން، ގޮވާ އެއްޗެއް ނުވަތަ ވިހައެއް ނުވަތަ އެފަދަ އެހެން ކެމިކަލެއް ބޭނުން ކޮށްގެން ކުރާ ކޮންމެ މަސްވެރިކަމެވެ.
މަސްވެރިކަމުގެ ބިލްގައި މަސްވެރިކަމުގެ ގިނަ ބާވަތްތަކެއް މަނާކުރާތީ ބައެއް މަސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގޮތުން ބިލުގައި މަނާކޮށްފައިވާ ބަޑިޖަހައިގެން ކުރާ މަސްވެރި ކަމަކީ ރިސޯޓުތަކުން އަންނަ އޯޑަރުތަކަށް މަސް ސަޕްލައި ކުރުމުގައި ޒުވާނުންގެ ގިނަ ބަޔަކު ކުރަމުންދާ މަސްވެރިކަމަކަށް ވާތީ، ދިވެހި މަސްވެރިންގެ ޖަމިއްޔާއިން އެ ކަން ބަދަލު ކުރުމަށް ވެސް މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ހުށަހެޅި އެވެ. ނަމަވެސް ބިލަށް އެ ބަދަލެއް ނުގެނަ އެވެ.