ހަބަރު

އާންމު ގިނަ ތަކެތިން ޑިއުޓީ ކަނޑާލަނީ

އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ ތަކެތިންނާއި އިހްތިސާދީ ހަރަކާތްތައް އިތުރު ކުރުމަށް ބޭނުންވާ ގިނަ ތަކެތިން ޑިއުޓާ ކަނޑާލާ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވިސާމް ހުށަހަޅުއްވާފައިވާ ބިލުގައިވާ ގޮތުން، މަސްވެރިކަން ކުރުމަށާއި އޮޑިދޯނި ފަހަރާއި ބޯޓު ބަނުމަށް ބޭނުން ކުރާ ތަކެތީންނާއި، ޢިމާރާތްކުރުމަށް ބޭނުންވާ ތަކެތީންނާއި، އަންނައުނު އުފެއްދުމަށް ބޭނުންކުރާ ގިނަ ތަކެތިން ޑިއުޓީ ކަނޑާލުމަށް ހިމަނާފައިވެ އެވެ.

އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ތަކެތީގެ ތެރެއިން ޑޮމެސްޓިކް ދޮންނަ މެޝިނާއި، ފެން ފިލްޓާ ކުރުމަށް ބޭނުންކުރާ ގެވެހި ސާމާނާއި، އިންވާޓާ އެއާ ކޯންޑިޝަނާ ފަދަ ތަކެތިން ޑިއުޓީ ކަނޑާލަން ވެސް ބިލުގައިވެ އެވެ. އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ވުމަށް ބޭނުން ކުރާ ތަކެތިން ވެސް ޑިއުޓީ ކަނޑާލަން ބިލުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ ބައެއް ތަކެތިން ވެސް ޑިއުޓީ ކަނޑާލަން ބިލުގައި ހިމެނިފައިވެ އެވެ. އޭގެ ތެރޭގައި އިންޖީނުލީ ދުވާ އެއްޗެއްސާއި އިންޖީނު ނުލާ ދުއްވާ އެއްޗެހީގެ އިތުރުން އެފަދަ ތަކެތީގެ ބައިތަކާއި އެފަދަ ތަކެތީގެ އިންޖީނު ވެސް ހިމެނެ އެވެ.

ރާައްޖޭގައި އޮޑިދޯނި ފަހަރު ބަނުމަށާއި ބޯޓު ފަހަރު ބަނެ ބޭނުން ކުރުމަށް ބާރު އެޅުމުގެ ގޮތުން ރާއްޖެއަށް ގެންނަ ބޯޓު ފަހަރާއި ފްލޯޓިން ސްޓްރަކްޗާތަކަށް ޑިއުޓީ ނެގުމަށް ވެސް ބިލުގައިވެ އެވެ. ފަސިންޖަރުން އުފުލުމަށް ބޭނުންކޮށްފައި ނުވާ، ކާރު، ޖިޕް، ވޭން ފަދަ ތަކެތީގެ ޑިއުޓީ 100 ޕަސެންޓަށް ކުޑަ ކުރަން ވެސް ބިލުގައިވެ އެވެ. އެފަދަ ތަކެތީގެ ތެރެއިން ބޭނުންކޮށްފައި ހުންނަ ތަކެތީގެ ޑިއުޓީ 300 ޕަސެންޓަށް ބޮޑު ކުރަން ވެސް ހިމަނާފައިވެ އެވެ.

މީގެ އިތުރުން މާލެ ސިޓީ ފިޔަވައި އެހެން ރަށްތަކުގައި ބޭނުން ކުރުމަށް ގެންނަ އެއްގަމު އުޅަނދު ފަހަރުތަކުން ޑިއުޓީ މައާފު ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް އިސްލާހު ހުށަހަޅާފައިވެ އެވެ. އެ ގޮތަށް ކަނޑައަޅާނީ ރަށުގެ ބޮޑުމިނާއި ދަތުރުފަތުރުގެ ވަސީލަތްތަކުގެ މުހިއްމު ކަމަށް ބެލުމަށް ފަހުގަ އެވެ.