ބޮލީވުޑް

ހުޝީ ބޮލީވުޑަށް ތައާރަފްވާން ބޭނުމީ ކާކާއެކު؟

ޖާންވީ ކަޕޫރު ބޮލީވުޑަށް ތައާރަފްވި ފިލްމު އިންޑަސްޓްރީގައި ކުރިއަރަން ފަށާފައިވާއިރު އޭނާގެ ކޮއްކޮ ހުޝީގެ ވެސް އުންމީދަކީ ފިލްމުތަކުން ޖާގަ ހޯދައި އިންޑަސްޓްރީން ރަނގަޅު މަގާމެއް ހޯދުމެވެ.

ޖާންވީގެ ދެ ވަނަ ފިލްމު "ގުންޖަން ސަކްސޭނާ – ދަ ކާރްގިލް ގާލް" ނެޓްފްލިކްސްގައި ރިލީޒްކުރަން ތައްޔާރުވަމުންދާއިރު ފިލްމު ޕްރޮމޯޓްކުރުމުގެ ގޮތުން ޖާންވީ ދާދިފަހުން ވަނީ އިންޑީޔާގެ ނޫހަކަށް ވީޑިއޯ އިންޓަވިއު އެއް ދީފަ އެވެ. ދިހަ މިނިޓުގެ މި އިންޓަވިއުގައި ވާހަކަ ދައްކަމުން ޖާންވީ ބުނީ އޭނާއަށް ވުރެ ކޮއްކޮ ޚުޝީ ސޯޝަލް މީޑިއާ އާ ވެސް މާ ރައްޓެހި ކަމަށެވެ. އަދި މުނިފޫހިފިލުވުމުގެ ދުނިޔެއަށް ކޮއްކޮ މާ ފަރިތަ ވެފައި ކުޅަދާނަވާނެ ކަމަށެވެ.

ފިލްމު އުފެއްދުމުގެ ކަންކަން ހިނގާ ގޮތް ދަސްކުރުމަށް އެ ރޮނގުން ޚުޝީ ގެންދަނީ އެމެރިކާގައި ޑިގްރީ އަށް ކިޔަވަމުންނެވެ. އެހެންކަމުން އޭނާ އަދި ފިލްމީ ދުނިޔެއަށް ތައާރަފްވާތަން އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ.

ޚުޝީ ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއު އެއްގައި އޭނާ ތައާރަފްވާ ފިލްމުގެ ބަތަލާ އަކަށް ބޭނުންވަނީ ކޮން އެކްޓަރެއްތޯ ނޫސްވެރިއަކު ސުވާލު ކުރި އެވެ. އެއީ ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ތޯ ނުވަތަ ޗަންކީ ޕާންޑޭގެ ދަރިފުޅު އަހާން ޕާންޑޭ ތޯ ނުވަތަ ޖާވީދު ޖެފްރީގެ ދަރިފުޅު މީޒާން ޖެފްރީ ތޯ ސުވާލު ކުރުމުން ޚުޝީ ޚިޔާރު ކުރީ މުޅިން އެހެން ފިރިހެން ކުއްޖެކެވެ.

ޚުޝީ ބުނީ ފުރަތަމަ ފިލްމު ކުޅެން އޭނާ ބޭނުންވަނީ އަނަންޔާ ޕާންޑޭގެ ދެބެންގެ ދެދަރި ކުއްޖެއް ކަމަށްވާ އަހާން އާއެކު ކަމަށެވެ.

އަހާން އެކްޓްކުރާ މަންޒަރު އޭނާއަށް ހަމަ ލޮލުން ފެނުމުގެ ނަސީބު ލިބިފައިވާ ކަމަށާއި ފުރަތަމަ ފިލްމުގައި އޭނާއާއެކު އަހާން ބައިވެރިވާން ބޭނުންވަނީ އޭނާގެ ހުނަރު ފެނިފައިވާތީ ކަމަށް ޚުޝީ ބުންޏެވެ.

ޚުޝީ އަކީ ކުރީގެ މަޝްހޫރު ބަތަލާ ޝްރީދޭވީ އާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ދެ ދަރިންގެ ތެރެއިން ހަގު ދަރި އެވެ. ވީމާ ހިންދީ ފިލްމު އިންޑަސްޓްރީއަށް ވަންނާކަށް އޭނާއަށް މާ ބޮޑު ދަތިކަމެއް އޮންނާނެ ކަމަކަށް ނުބެލެވެ އެވެ.