ސީޒަންގެ ކުރިއަށް އޮތް ބައިގައި ރެއާލް މެޑްރިޑްގެ ހޯމް މެޗުތައް ކުޅެން، އެތުލެޓިކޯ މެޑްރިޑްގެ ސްޓޭޑިއަމް ބޭނުން ކުރުމުގެ ފުރުސަތު އެތުލެޓިކޯއިން ދިނުމުން ރެއާލުން އެކަން ގަބޫލު ނުކޮށް އެ ހުށަހެޅުން އަނބުރާ ރައްދު ކޮށްފި އެވެ.
ކޮރޯނާ ވައިރަސް އާ ގުޅިގެން ސްޕެނިޝް ލީގް ސަސްޕެންޑް ކުރުމުން ރެއާލުން ފެށީ އެ ޓީމުގެ ހޯމް ސްޓޭޑިއަމް ސެންތިއާގޯ ބާނެބުއި އިމާރާތް ކުރުމުގެ މަސައްކަތެވެ. އާ ސްޓޭޑިއަމް 2022 ގައި ނިންމަން ހަމަޖެހިފައި ވުމުން ސްޓޭޑިއަމް ވަނީ ވަރަށް ބޮޑަށް ރޫޅާލާފަ އެވެ. ކޮންސްޓްރަކްޝަން ސައިޓަކަށް ބާނެބެއު ބަދަލު ވެފައި ވުމުން ރެއާލްގެ ހޯމް މެޗުތަކަށް އެތުލެޓިކޯގެ ވަންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމް ދޭން އެތުލެޓިކޯގެ ރައީސް އެންރީކޭ ކެރޭސޯގެ ފަރާތުން ހުށަހެޅި އެވެ.
ކެރޭސޯ ވިދާޅުވީ މެޓްރޯޕޮލިޓާނޯ ރެއާލްއަށް ދޫކުރަނީ ކުއްޔަށް ނޫން ކަމަށެވެ. އެތުލެޓިކޯ މެޑްރިޑްގެ ކުރީ ހޯމް ސްޓޭޑިއަމް ވިސެންޓޭ ކެލްޑްރޯން އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ދިޔައިރު 1996-97 ގެ ސީޒަންގައި އެތުލެޓިކޯގެ ހޯމް މެޗުތައް ކުޅުނީ މިހާރު ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި ފެންނަ ރެއާލްގެ ބާނެބެއު ސްޓޭޑިއަމްގަ އެވެ.
މެޑްރިޑްގެ މޭޔަރު ހޯޒޭ ލުއިސް މާޓިނޭޒް އަލްމީޑިއާ ވަނީ އެ ފުރުސަތު ބޭނުން ކުރުމަށް ރެއާލްއަށް ގޮވާލާފަ އެވެ.
"މިއީ ހަމަ ކުރިން ވެސް ވެފައިވާ ކަމެއް، އަނެއް ޓީމުގެ ސްޓޭޑިއަމް ބޭނުން ކުރުމުގައި ޓީމުގެ މައްސަލައެއް ނެތް ކަމުގައި ވާނަމަ އެ ޓީމުގެ ސަޕޯޓަރުންގެ ވެސް އެކަމުގައި މައްސަލައެއް ނޯންނާނެ." އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރެއްގެ ގޮތުގައި ހުންނެވި މެޑްރިޑްގެ މޭޔަރު މާޓިނޭޒް ވިދާޅުވި އެވެ.
ނަމަވެސް، އެ ފުރުސަތު ގަބޫލު ކުރަން ރެއާލް މެޑްރިޑުން ބޭނުމެއް ނުވި އެވެ. ސްޕެއިންގެ މާކާއިން ބުނީ، އެތުލެޓިކޯގެ ރައީސް ކެރޭސޯ ހުށަހެޅި ފުރުސަތަށް ރެއާލްއިން ޝުކުރު އަދާ ކުރި ކަމަށާއި ނަމަވެސް ސްޓޭޑިއަމް ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.
ވާދަވެރި ޓީމެއްގެ ދަނޑުގައި ހޯމް މެޗުތައް ކުޅެން ރެއާލް ބޭނުމެއް ނުވެ އެވެ. އެ ޓީމުން ހޯމް މެޗުތައް ކުޅެން އިހްތިޔާރު ކުރީ އެ ކުލަބުގެ ބީ ޓީމުގެ ދަނޑު އަލްފްރެޑޯ ޑި ސްޓެފާނޯ ދަނޑެވެ. ދަށް ޑިވިޝަންތަކުގެ ސީޒަން ކުރިއަށް ނުގެންދަން ސްޕެއިންގެ އެފްއޭއިން ނިންމާފައި ވުމުން، ރެއާލްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް ކޯޗް ކޮށްދޭ ރެއާލްގެ ބީ ޓީމަށް ވަނީ ސީޒަން ނިމިފަ އެވެ.