ވާހަކަ

ލޯބިން ބުނެލަން

(9 ޖޫން 2020 އާ ގުޅޭ)

"ކިހިނެއްވެފަ ތިހުރީ؟" އިސްއޮބާލައިގެން ކޮޓަރިއަށް ވަންނަން ދާން ބޭނުންވި ލައިތު ހުއްޓުވީ ސެހްރާނެވެ. އޭނާގެ ގާތުގައި ދިގު ސޯފާގައި މެގަޒިންއެއް ހިފައިގެން އޮށޯވެލައިގެން ލައިރާ ވެސް އޮތެވެ. ލައިތަށް ޗޮކެއް ކަނޑާލެވުނީ ސެހްރާނުގެ ބަސްތަކުން ލައިރާ ސަމާލުކަން އައީމައެވެ.

"ގޯޑް. ވަޓް ހެޕެން ޓު ޔޯ ލިޕްސް" ލައިރާއަށް ބުނެވުނީ ހާސްކަމާއެކުއެވެ.

"ނަތިން." އަނގަމަތި ނިވާވާނޭހެން ވައަތްތިލައިން ތުނބުޅީގައި އަތްހާކާލަމުން ލައިތު ބުންޏެވެ. އަދި ހަލުވިކޮށް އޭނާގެ ކޮޓަރިއަށް އައިސް ވަނެވެ. ސެހްރާނު ތެދުވިގޮތަށް ލައިތުގެ ފަހަތުން އައިސް އެ ކޮޓަރިއަށް ވަދެއްޖެއެވެ.

"ލައިތު... ދައްކަބަލަ." ސެހްރާނު ހިފީ ލައިތުގެ މުލައްދަޑީގައެވެ.

"ސެހެރް، އިޓްސް ނަތިން" ނުދައްކަންވެގެން ލައިތު އުޅުނެވެ.

"ކޮންތާކުން ތިއައީ، މިރޭ ނުވެސް ކަމެއްނު... ފޯނަކަށް ވެސް ނުގުޅޭ" ލައިތުގެ އަތުން ދޫކޮށްލައި އޭނާގެ އެނދުގައި ސެހްރާނު އައިސް އިށީނެވެ. އެވަގުތު އެ ކޮޓަރީގައި ޓަކިދޭ އަޑު އިވުނެވެ. ސެހްރާނު ނޫނީ އަންނަގޮތަށް ޓަކި ވެސް ޖަހާލުމެއްނެތި ލައިތުގެ ކޮޓަރިއަށް ވަންނަ ދެވަނަ މީހަކު އެގޭގައި ނޫޅެއެވެ.

"ދޮން ކަންނޭނގެ... އަހަރެން ފާޚާނާއަށް ވަންނަން މިދަނީ" ލައިރާއަށް ވެދާނޭތީ އޭނާއާ ކުރިމަތިނުލާން ލައިތު ބުނެލިއެވެ.

"އަހަރެން އެއްޗެކޭ ނުބުނިއްޔާ، ސުވާލެއްނުކޮށް ހުރެދާނެތަ؟" ސެހްރާނުގެ ވާހަކައިން އޭނާ ބުނެދޭން ބޭނުންވީ ލައިރާ ހުއްޓުވުމުގެ ބާރު އޭނާއަށް ވެސް ލިބިފައިނުވާ ކަމެވެ. ލައިތު އަނގަޔަކުން ނުބުންޏެވެ. އޭނާ ބުނިހެން އެ ދިޔަގޮތަށް ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. ސެހްރާނު އައިސް ދޮރުހުޅުވީ ދެނެވެ.

"ކޮބާ އޭނަ؟" ލައިރާ އެއްސެވެ. މަޑުކުރުމެއްނެތި އޭނާ އެތެރެއަށް ވަނެވެ.

"ކިހިނެއްވެފައޭ ބުނިތަ؟. ކޮންތާކުން އެއައީ؟. މީހަކާ ފައިޓެއް ހިންގީތަ؟" ކޮޓަރިތެރެއަށް ހިންގާލި ނަޒަރުގައި ލައިތު އަޅައިނުގަތުމުން ލައިރާ ވާހަކަދެއްކީ ސެހްރާނާއެވެ.

"ފައިޓެއްނޫން. އެކަހަލަ ކަމެއް ލައިތު ނުކުރާނެ، ކޮންމެވެސް އެހެންކަމެއް" ސެހްރާނު ބުނެލިއެވެ. ފާޚާނާއަށް އިޝާރާތްކޮށްލުމާއެކު އެތަނުގައިތޯ ލައިތުވީ ލައިރާ އެއްސެވެ. އެއާއެކު ސެހްރާނު ބޯޖަހާލިއެވެ.

"އަހަންނަށް ފިލަން ދޯ އެވަނީ؟" ލައިރާ ބުނީ އޭނާއަށް ލައިތުގެ ގޮތް އެނގިގެންނެވެ. އޭނާގެ ސުވާލުތައް މާގިނަވެއްޖެއްޔާ ލައިތު ބަލާނީ އަވަހަށް އޭނާގެ ގާތުން ދުރަށް ދެވޭތޯއެވެ. އޭނާގެ އެ އާދަ ނަގައިގަންނަން ލައިރާއަށް އުނދަގުލެއްނުވިއެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކީ ނަމަވެސް ލައިރާގެ ހިތުގައި ލައިތުގެ މައްޗަށް ހިތް ސާފެވެ. ޚާއްޞަކޮށް އޭނާގެ ދަރިފުޅުދެކެ ލައިތުވާ ލޯތްބަކީ ސާފު ތެދުވެރި ހިތެއްގެ ފުށުން މެނުވީ ނުފެންނާނޭ ފަދަ ގާތްކަމެކެވެ. ގޭގެ އެހެން މެންބަރުންނާއި އޮންނަ ގާތްކަމަށްވުރެ ލައިތުއާއި އިލިޔާނާއާ ދެމެދު އޮންނަ ގާތްކަން އެ ކުއްޖާއަށް ޚާއްޞަކަން އެނގެއެވެ.

"ދުޅަވާގޮތްވެފަ ހުރިހެން ހީވަނީ. އައިސް އަޅަން ބުނާތި. އަހަރެން ހުއްޓާ ހިޔެއްނުވޭ ނުކުންނާނެހެން" ސެހްރާނު ނޭނގޭކަމަށް ހަދައި ދެކޮނޑުއަރުވާލުމުން ލައިރާ ބުންޏެވެ. އަދި އެ ކޮޓަރިން ނުކުންނަން އޭނާ ހިނގައިގަތެވެ. ލައިރާގެ ބަސް ތެދުވީ އޭނާ ނުކުމެ ކޮޓަރީގެ ދޮރު ލައްޕާލުމާއެކު ލައިތު ފާޚާނާގެ ދޮރު ހުޅުވާލުމުންނެވެ. ސެހްރާނު ޖަހާލީ ހިނިގަނޑެކެވެ.

"ކާކު ތުންފަތް ކާލަން އުޅުނީ" ތަފާތު ވިސްނުމަކަށް ސެހްރާނު ދިޔައެވެ. މީހެއްގެ އިރުޝާދާ ނުލާ އެވަގުތު ކޮޓަރީގައި ހުންނަ މިނީބާގެ ތެރެއިން ލައިތު އައިސްޕެކު ނެގިއެވެ. ތުންފަތުގައި ހުރި ތަދާއި ދުޅައަށް ފަރުވާއަކަށް އެ އައިސްޕެކު އޭނާ ޚިޔާރުކުރީއެވެ.

"މީހެއްނޫން" އައިސްޕެކު ޖައްސައިގެން އިނދެ ލައިތު ބުންޏެވެ. އޭނާ އިށީނީ އެނދުގައި އިން ސެހްރާނަށް ފުރަގަސް ދެމުން އެނދުގެ ފައިލާކޮޅުގައި ހުރި ބެންޗު ސީޓުގައެވެ.

"އަހަރެން އެހާ ވެސް ގަމާރު މީހަކަށްތަ ތިހަދަނީ. ތުންފަތުގައި ތިވަނީ އާދައިގެ ހަމާލާއެއްނޫން، ތިހާ ގާތް ވެވޭނީ ލައިތު ހުއްދަ ދިނީމަ. ލައިތު ބޭނުންނުވި ކަމެއް މީހަކަށް ލައިތު ލައްވާ މިހާ ދުވަސްވީއިރު ކުރެވިފައެއްނެތް. ހަމައެގޮތަށް މަންމައާއި ދެން އުޅޭ މީހުންނަށް ސިއްރުވެފައި އޮތަސް ލައިތު އަންހެންކުއްޖަކު ގެންގުޅޭކަން އަހަރެން ދެނަހުރީމޭ. އަދިވެސް ނޭނގެނީ އެއީ ކޮންއަންހެންކުއްޖެއްކަން. އެކަމަކު ލަހެއްނުވެ އެކަން ވެސް އެނގިދާނެހެން ހީވޭ" ސެހްރާނު އިނީ ޒާތެއްގެ ހިންޏެއް އައިސްފައެވެ. ހަމައެގޮތަށް ލައިތުގެ ތުންފަތުގައި ވެސް ވީ ހިނިތުންވުމެކެވެ.

"ބައިދަވޭ... މަންމަ ބުނި ލައިތު އަތުވެއްޖެއްޔާ ގޮވާލަން" ހަނދާންވުމުން ސެހްރާނު އިތުރުކޮށްލިއެވެ. ލައިތު ލައްވާލީ ހޫންއެކެވެ.

* * * * *

ހަތަރުފާރުގެތެރެއިން އެހެންޏާ އިވޭ ފަންކާގެ ވައިގެ އަޑާއެކު ރީތި ލަވައެއްގެ ރާގު އިވިއިވި ހުއްޓެވެ. އެނދުގައި ކެންޒާ އޮތީ އުއްޑުން ބާއްވާފައި އޮތް ބުދެއްހެންނެވެ. ނަމަވެސް ބުދަކާ ހުރި ތަފާތަކީ އޭނާގެ ތުންފަތުގައިވި ހިނިތުންވުމެވެ. ދޭތެރެއަކުން އެ ތުންފަތް ވަކިން ބޮޑަށް ދެމިލައެވެ. ދެއަތުން ކޮތަޅުގައި ބާރަށް ހިފަހައްޓާލައިގެން އޭނާ އޮތެވެ. އެއީ ލައިތު އޭނާއަށް ދިން ޗޮކުލެޓު ކޮތަޅެވެ. ފޯނުން އިވެމުންދިޔަ ލަވަޔާ އެއްވަރަށް ހޫންއެއް އަޅުވާލާފައި ހުރެފައި ލަވައިން ތަންކޮޅެއް ކިޔާލައިފިއެވެ. ހަމައެއާއެކު ކުރެވުނު ލަދުވެތިކަމުގެ އިޙްސާސުން ތުންފަތުގައި ބާރަށް ދައިގަތެވެ. ކޮތަޅާއެކު ގެނެސް ދެއަތް މޫނުގައި އެޅިއެވެ.

"މައި ފަސްޓް ކިސް... އެނގޭތަ!. އޭނާއަށް ފަހު އަހަރެންގެ ފޭވަރިޓް ޗޮކުލެޓު ގެނެސްދިން މީހަކީ އެއީ" ކެންޒާ އަމިއްލަ ނަފްސަށް ބުނެދިން ކަހަލައެވެ.

ފޮނިފޮނި އެހާމެ ލަދުވެތި ޚިޔާލުތައް ވިއްސި ވިހާލިކޮށްލީ ފޯނަށް އައި ނޮޓިފިކޭޝަންއާއެކު ލަވައިގެ އަޑު މަޑުވެލުމުންނެވެ. މޫނުން އަތްނަގައި ކެންޒާގެ ބަނޑުމަތީ ކޮތަޅު ބާއްވާލުމާއެކު ފޯނު ބަލާލިއެވެ. ނަންބަރު ދިގުވެފައި ކޯޑު އަރާފައި ހުރުމުން އެއީ ރާއްޖޭގެ ނަންބަރެއް ނޫންކަން ކެންޒާއަށް އެނގުނެވެ. ލިބުނު މެސެޖު ކިޔާލުމަށް ހުޅުވާލިއެވެ. މީހަކު މާލެ އަންނަން އުޅޭކަމުގެ ޚަބަރު ލިޔެފައި އޮތެވެ. ކެންޒާ ދުށުމަށް ކެތްމަދުވެފައިވާކަމާއި އޭނާ ޚިޔާރުކުރީ ކެންޒާ ކަމާއި މަޢާފުކޮށްދިނުމަށް ބުނެފައި އޮތެވެ. އަދި އެ ނަންބަރަށް މެސެޖުކުރީ ޔަގީންނުވެ ހުރެކަމާއި، ނަންބަރުގެ ވެރިފަރާތަކީ ކެންޒާނަމަ އެ މެސެޖަކީ އޭނާއަށް ލިބުމަށް ގަސްދުކޮށް ފޮނުވި މެސެޖެއްކަން ލިޔެފައި އޮތެވެ. އެ މެސެޖު ކިޔަނީ ކެންޒާއަށް ނުވާނަމަ ނިހާޔަތަށް މަޢާފުކުރުމަށް އެދިފައި އޮތެވެ. ހައިރާންކަމާއެކު ދެފަހަރަށް އެ މެސެޖު ކެންޒާ ކިޔާލިއެވެ. މެސެޖުގައި ބުނެފައިވާ އެއްޗަކާ މެދު އޭނާ ވިސްނާލިއެވެ.

މިފްރާހުގެ ސޫރަ ސިފަވި ހިނދު ކެންޒާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ކުއްލިއަކަށް ސިކުނޑި ހިސާރުކުރި ޚިޔާލުތަކާއެކު އޭނާގެ ކަރުގައި އަތްޖައްސާލެވުނެވެ. މިފްރާހު ފުރައިގެންދިޔައީ ކެންޒާ ގާތު ބުނެފައެވެ. ހަމައެއާއެކު އޭނާ ވަކިވެގެން ދަމުން ކެންޒާއާމެދު ކަންތައްކުރީ ކިހިނެއްކަން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.

"ކިހިނެއް މި ނަންބަރު ހޯދީ" ކެންޒާއަށް ކޮށްލެވުނީ ސުވާލެވެ. މިފްރާހު އޭނާގެ ނަންބަރު ބޭނުންވެގެން އުޅުނެވެ. އެހެންނަމަވެސް ކެންޒާ އޭނާގެ ނަންބަރެއް ނުދެއެވެ. ފޯނުނަންބަރުގައިވި ކޯޑު ޖަހައި އެއީ ކޮން ހިސާބަކުން އައި ކޯލެއްތޯ ކެންޒާ ބެލިއެވެ.

"ލަންޑަން... ލަންޑަނުގަތަ މިފްރާހު ހުރީ" ކެންޒާއަށް ލިބުނު ހައިރާންކަމާއެކު ދެ ލޯ ބޮޑުވެލިއެވެ.

"އޭނާއަކީ ބޭރުމީހެއްގެ ދަރިއެއްތަ؟ ބޭރުގެ ގޮތްގަނޑު ހުންނަނީ ވެސް" ސުވާލުގެ ބޮޅުތަކަށް ކެންޒާއަށް އިތުރުކޮށްލެވުނެވެ. އޭނާ ކިތަންމެ ވަރަކަށް ވިސްނިޔަސް މިފްރާހާ ބެހޭ ގޮތުން އެނގޭނޭ ގޮތެއް ނެތެވެ. ތިންމަސް ނުވަނީސް މިފްރާހު އެނބުރި އަންނަނީބާއޭ ކެންޒާގެ ހިތަށް އެރިއެވެ. އޭނާ ކެންޒާ ޚިޔާރުކުރީއޭ އެބުނަނީ ކޮންގޮތަކުންބާއޭ ވެސް ކެންޒާ ސުވާލުއުފެދުނެވެ. އެ ޚިޔާލާއެކު އުނދަގޫ އިޙްސާސެއް ނަފްސަށް ވެރިވިއެވެ. ދިރިއުޅުމާމެދު ފުރަތަމަ ފަހަރަށް ހިތްހަމަޖެހިފައި ކެންޒާ ހުރި ވަގުތެއްގައި، މިފްރާހު އައުންވެގެން ދާނީ އުނދަގޫ ބޮޑު އާފާތަކަށްކަން ކެންޒާ ޤަބޫލުކުރެއެވެ.

"ދުވަހަކުވެސް ދެން އެނބުރި ނާންނާނެނަމައޭ ބުނެވީތީ، ދުލުގެ ވިހަ އެ ޖެހުނީ... ހީވެއެއްނު ކަމެއްހެން، އެހެންބުނީ ކީއްވެތަ؟. އޭނާގެ ނަން ވެސް ދުލުން ނުކީނަމަ. ވަރަށް ފޫހިވޭ. ދެން އައިސް ނޭނގެ ކުރާނެކަމެއް ވެސް... ދެން އަޅެ ވަރަށް ފޫހިވޭ. ކީއްކުރަންތަ އެ އަންނަނީ" ކުސްތަޅާލުމާއެކު ލިބުނު ނުތަނަވަސްކަމުގެ އަސަރު ކެންޒާ ބޭރުކޮށްލީ އަމިއްލަ ނަފްސަށެވެ.

* * * * *

ފޯނަށް ބަލަން ހުރެފައި ލައިތު ނަންބަރަށް ފިތާލާ ޑަޔަލް ކޮށްލިއެވެ. ނުރުހުންވެފައި ހުރި ވަރުން އޭނާގެ ދެބުމަ ވެސް ގުޅިފައި ހުރި ކަހަލައެވެ. އަނެއްކޮޅުން ފޯނު ނެގި މީހާއަށް އަނގައިން ނުބުނެވެނީސް ލައިތުގެ ހަރުކަށި ބަސްތައް އިއްވާލިއެވެ.

"ފޮޓޯ ފޮނުވަން އަހަންނަށް ބުނެވުނުތަ؟" ލައިތުގެ އަޑު ބާރެވެ.

"އެ ފޮޓޯ ފޮނުވީތީ ގައިމު ވެސް ލައިތު އަހަންނަށް ގުޅައިފިކަން އެނގެނީ" އިވުނީ ހިރާގެ އަޑެވެ.

"ކޮންވައްތަރަކައްތަ ތިއުޅެނީ؟" ލައިތަށް ބުނެލެވުނެވެ.

"ކީއްވެތަ އަހަންނާ މީޓުނުކުރަނީ. ވާހަކަނުދައްކަނީ. ކޮންކަމަކަށް ރުޅިއައީމަ ލައިތު ހީކުރަނީ އެއީ ހައްލުކަމަށްތަ؟. އޮފީހުގައި ވެސް ވާހަކަދައްކަނީއެއްނޫން. ކޮބާތަ މައްސަލައަކީ؟. މިހާރު ދެމީހުން އެޕާޓްމެންޓަށް ނުދާތާ ވެސް ކޮންދުވަހެއް. ލައިތު މިސްއެއްނުވޭ ދޯ" ހިރާ ބުންޏެވެ. އެންމެފަހުން އެދެމެދުގައި ވާހަކައެއް ދެކެވުނު ފަހުންގެ ފަސްދުވަސް ފާއިތުވެއްޖެއެވެ. އޮފީހުގައި ފެށުނު ވާހަކަ ވަކިކޮޅެއް ނުޖެހުނުތާ، ލައިތުގެ ޢަމަލުތައް ހުރިގޮތުން ކަމެއްވީހެން ވެސް ހީނުވެއެވެ. ހިރާއަށް އެގޮތް ބަލައިގަންނަން ދަތިވެއްޖެއެވެ.

"އަހަންނަށް ހީވަނީ ހިރާއަށް އަރާފައި އޮތް އޮޅުން އަދިވެސް ސާފު ނުވަނީހެން" ލައިތުގެ އަޑުގައިވީ ފޫހިކަމެވެ.

"ކުއްލިއަކަށް ލައިތު ޗޭންޖުވެއްޖެ. ކީއްވެތަ؟" ހިރާ އަހާލިއެވެ.

ލައިތު ވަގުތުން ކޯލު ކަނޑާލީއެވެ. ޗަސްޖަހާލައި ނިތްކުރިން ފެށިގެން އިސްތަށިގަނޑުގައި އޭނާ އަތްފުނާއަޅާލިއެވެ. ހެނދުނު ހޭލެވުނު ގޮތަށް ފޯނު ބަލާލެވުނީތީ އޭނާގެ ޠަބީޢަތް ގޯސްވެއްޖެއެވެ. ބޮލުގައި މަޑު ރިހުމެއް އުފެދިއްޖެއެވެ. ސަބަބަކީ ދުވަހުގެ ފުރަތަމަ ކަމަކަށް އެހިތް ދުށުމަށް އެދޭ އިންސާނާގެ ސޫރައަށްވުރެ ކުރިން އެހެން އަންހެނެއްގެ ސޫރަ އެ ލޯ ދުށީތީއެވެ. އަދި ފެނުނީ އެވެސް ނިވާކަމެއްނެތް ހަށިގަނޑަކަށްވީމައެވެ. ދަތްކުނޑިވިކާލެވުމާއެކު ނިކަން އަވަހަށް ފޯނުގައިވި ފޮޓޯ ލައިތު ފުހެލައިފިއެވެ.

"ވާހަކަދައްކައިގެން ހިރާއަށް ވިސްނިދާނެތަ؟" ލައިތަށް އެ ސުވާލު ކޮށްލެވުނީ އަމިއްލަ ޟަމީރާއެވެ.

"ތީ އަމިއްލައަށް ކުރިކަމެއް. ފުރަތަމަ ވެސް އެ އަންހެންކުއްޖާ ގާތްނުވިނަމަ" ލައިތުގެ ޟަމީރުގެ އަޑު އިވިލިއެވެ. އެ އަޑަށް ރައްދުދޭން އޭނާ އަވަސްވެލިއެވެ.

"އަހަރެން އުޅުނިންތަ އޭނާއާ ހެދި" ލައިތަށް ބުނެލެވުނެވެ.

"އަމިއްލައަށް އައިސް އުނގަށްވެއްޓިގަތީމަ ދުރުކޮށްލަމުގެ ބަދަލުގައި ގެނެސް އުނގުގައި ބޭންދީ ކާކު؟. އަނެއްކޮޅުން އޭނާ އިސްނެގީ. އެހެންނޭ ކިޔާފަ އެކަމުގައި ބައިވެރި ނުވަންތަ؟. އެ ހުރިހާ ވަގުތަކު ނޫނެކޭ ނުބުނެ، މިހާރު ރުޅިތިއަންނަނީ އޭނާދެކެ. އަމިއްލަ މީހާ ރަނގަޅުކޮށްފަ، އިލްޒާމު އަޅުވާނޭ ފަރާތެއް ހޯދަނީތަ؟. ކެންޒާގެ ކުރިމަތީ އަބުރުވެރިއަކަށްވާންތަ؟" އޭނާގެ ޟަމީރު ފާހަގަކުރިއެވެ. އެ ހުރިހާ ވާހަކައަކީ ތެދު ހަޤީޤަތަށް ވާއިރު އަމިއްލަ ޟަމީރާ ދެކޮޅަށް ލައިތަށް ވާހަކައެއްނުދެއްކުނެވެ. ހިރާއާ ދެމެދު އޮތް ގުޅުން ހުއްޓާލަން ލައިތު ބޭނުންވެއެވެ. ރީތި ގޮތުގައި އެގުޅުމަށް ނިމުމެއް ގެންނާނޭ ގޮތަކާމެދު ލައިތު ވިސްނިއެވެ. ސިކުނޑީގެ ހާސްކަމާހުރެ ކެންޒާއާ ކުރިމަތިލާން ފަސްޖެހެވި ކޮޓަރީގައި ލައިތު އިނެވެ.

* * * * *

ޕޯޓިކޯއިން ނުކުމެގެން އައިސް ގޭގެ ބިއްދޮށް ފަރާތުން ވަންނަން ޔާދިން ދިމާކުރިއެވެ. އޭރު އޭނާގެ ނަޒަރު ބަދިގެ ތެރެއިން ހުޅުވާފައި ހުރި ކުޑަދޮރުތަކަށް ހުއްޓިފައިވިއެވެ. ކެންޒާ އުޅޭކަން އޭނާ ޔަގީންކުރީ ކަހަލައެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި ފުންނޭވާއެއް އޭނާ ލިއެވެ. ދެއަތްތިލަ ޖޮގިންޕޭންޓްސްގެ ދެއަރިމަތި ހާކާލީ ނަފްސަށް ވެރިވެފައިވާ ހާސްކަން ކުޑަކުރުމަށް ކަހަލައެވެ. ދުރުދުރުގައި ފައިއަޅާލުމާއެކު ވަދެގެން އައިސް ބަދިގޭ ދޮރުމަތިން ފިޔަވަޅު މަޑުޖައްސާލިއެވެ. އާދަވެފައި ހުރި ކަމަކަށްވާތީ މޫނުގައި އަތްޖައްސާލެވުނީ އައިނު ރަނގަޅު ކޮށްލާށެވެ. އައިނު ނަގައި އޭނާ ލެންސުލެއްވި ހަނދާންވީ މޫނުގައި އަތްލެވުނު ފަހުންނެވެ.

ބަދިގެއަށް މީހަކު ވަނުމުން ކެންޒާ ބަލާލީ އުންމީދާއެކުއެވެ. އޭނާ އެ ހުރީ ލައިތުގެ އިންތިޒާރުގައެވެ. އެހެންޏާ ނުފެންނަ މޫނެއް ފެނުމުން ކަންތައްކުރަންވީ ގޮތެއް ކެންޒާއަކަށް ނޭނގުނެވެ. ނަމަވެސް އެތެރެއަށް ވަދެގެން އައި ޔާދިން ނިތްހިއްލާލަފައި ހާއިއެއް ކިޔާލިއެވެ. އިތުރަށް ކެންޒާ އަޖައިބުވިއެވެ. އެކުވެރިކަމާއި ގާތްކަން ޔާދިންގެ އަޑުގައިވިއެވެ. ފުސްމޫނުގެ ކުލަވަރު ޔާދިންގެ މޫނާ ވަކިވީ ކޮންއިރަކުބާއޭ ކެންޒާގެ ހިތަށް އެރިއެވެ. އައިނު ނާޅާ ހުންނައިރު ޔާދިންއާ ލައިތުއާ ދެމީހުންގެ ވައްތަރުގޮތެއް ހުރިކަން ކެންޒާއަށް ފާހަގަވިއެވެ. އެކަމަކު ޖިނާންއާއި ޔާދިން މާބޮޑަށް ވައްތަރުވިއެވެ.

"ކަމެއްކޮށްދޭންވީތަ؟" ކެންޒާ އަހާލިއެވެ.

"ކެން... އޯކޭތަ ކެން ކިޔަސް" ވާހަކައެއް ދައްކަން އުޅެފައި ކުއްލިއަކަށް ޔާދިން އަހާލިއެވެ. ކެންޒާ ބޯޖަހާލީއެވެ.

"ސޮރީ އިނގޭ" ޔާދިން ބުނެލިއެވެ.

"ކޮންކަމަކަށް" ކެންޒާއަށް އަހާލެވުނީ ހަޤީޤަތުގައި ވެސް ނޭނގޭތީއެވެ.

"ކުރިން ޑައުޓް ކުރެވުނީމަ. ޕްރޮފެޝަނަލް ނޫންކަމުގައި ހީކުރެވުނީމަ... ވަރަށް މީރު ކެން ތައްޔާރުކުރާ ޑިޝްތައް." ހަފްތާއެއް ވަންދެން ފަރިތަމަކުރި ނަމަވެސް އަދިވެސް އޭނާ އެ އިނީ ހިސާބަކަށް ޖެހިލުންވެފައެވެ. އެކަމަކު އެކަން ކެންޒާއަށް ފާހަގަނުވާކަން އެނގެއެވެ. ޔާދިންގެ އެ ގާތްކަމަކީ ކޮންމެހެން އޭނާ ކެންޒާގެ އެކުވެރިކަން ބޭނުންވެގެން ބާއްވާ ގާތްކަމެއްނޫނެވެ. އޭނާގެ ގަސްދަކީ މުޅިން އެހެންކަމެކެވެ.

"ތޭންކްސް" ކެންޒާ ބުނެލީ ހިތްހެޔޮ ގޮތަކަށެވެ.

"އެހެންވެތަ އެހާ ރޫޑް އިމްޕްރެޝަންއެއް ދިނީ" ކެންޒާ އަހާލިއެވެ. ޔާދިން ހިނިތުންވެލިއެވެ. މަޑުމަޑުން ބޯޖަހާލިއެވެ. ލައިތު ވަދެގެން އައީ އެވަގުތެވެ.

"މީހުންގެ ގޮތް އެނގެން ވަގުތު ނަގާނެ ދޯ" ޔާދިން ބުނެލީ ނުހަނު އާދައިގެ ގޮތަކަށެވެ.

ޔާދިން ހުރީ ބަދިގޭގައި ކެންޒާ ހަރަކާތްތެރިވަމުންދިޔަ ދިމާގެ އަރިމަތިން ކަބަޑުސެޓުގައި ޖެހިލައިގެންނެވެ. ބަދިގެއަށް ވަން ލައިތުގެ މޫނުގެ ކުލަވަރު އެކީ ބަދަލުވިއެވެ. އިހު ހުރި ބޮލުމުގެ ރިހުމަށްވުރެ އެތައްގުނައެއް އޭނާގެ ބޮލަށް ބަރުވި ކަހަލައެވެ. ޔާދިން ހީނލާ ކެންޒާއަށް ބަލާލި ގޮތާއި އެ ދެމެދުގައި ކެންޒާ ބަދަލުކޮށްލު ލުއި ހިނިތުންވުން ލައިތުގެ ލޭ ހޫނުކުރުވީ އެއްވެސް އިޚްތިޔާރަކާނުލައެވެ. ލައިތު ފެނުމާއެކު ޔާދިން އަވަސްވެލީ އެތަނުން ނުކުތުމަށެވެ.

"ސީ ޔޫ..." މަޑުމަޑުން ޔާދިން ބުނެލިއެވެ. އެ އަޑު ވެސް ދޮރުމަތީ ހުރި ލައިތަށް އިވުނެވެ. އޭނާއަށް ބަލާލުމެއްނެތި އޭނާގެ ކައިރިން އަޅާފައި ބަދިގެއިން ނުކުމެގެން ޔާދިން ދިޔައީއެވެ.

"މޯނިންގް" ތަފާތު ރާގެއްގައި ހިނިތުންވުމަކާއެކު ކެންޒާ ބުނެލީ ލައިތަށެވެ.

(ނުނިމޭ)