ސިކުނޑީގެ އޮޕަރޭޝަންތައް ކުރާއިރު ބަލިމީހާ ހޭ ނުނަތާ އޭނާ ލައްވާ ކޮންމެވެސް ކަމެއް ކުރުވުމަކީ މިހާރު ބައެއް ގައުމުތަކުގެ ޑޮކްޓަރުން ކުރާ ކަމެކެވެ. އެގޮތުން ބައެއް މީހުން ލައްވާ ވައޮލިން ނުވަތަ ގިޓާ ވެސް ކުޅުވާ ހަދަ އެވެ. ނަމަވެސް އޮޕަރޭޝަންކުރާ މޭޒުގައި އޮވެގެން މީހަކު ކާ އެއްޗެއް ތައްޔާރުކުރި ވާހަކައެއް ދުވަހަކު ވެސް އަޑުއެހިން ހެއްޔެވެ؟
އިޓަލީގެ 60 އަހަރުގެ އަންހެނެއްގެ ސިކުނޑީގައި އިން ޓިއުމަރެއް ނަގަން ސާޖަރީ ހަދަމުން ދިޔައިރު އެމީހާ އޮތީ ޒައިތޫނިން ތައްޔާރުކުރާ ކާ އެއްޗެއް (ސްޓަފްޑް އޮލިވްސް) ތައްޔާރުކުރުމުގެ މަސައްކަތް ކުރާށެވެ.
އެންކޯނާގެ ރިޔުނިޓީ ހޮސްޕިޓަލުގެ ނިއުރޯސާޖަން ބުނި ގޮތުގައި ދެ ގަޑިއިރާއި ބަޔަށް ދެމިގެން ދިޔަ މި ޕްރޮސީޖާ ދިޔައީ ވަރަށް ބަރާބަރަށެވެ.
ސިކުނޑީގެ ބައެއް ކަހަލަ ސާޖަރީތައް ހަދާއިރު ޑޮކްޓަރުން ބޭނުންވަނީ ބަލިމީހާ ހޭ ނުނައްތާ ބާއްވާށެވެ. ޚާއްސަކޮށް ލޮލުގެ ފެނުމާއި ވާހަކަ ދެއްކުމުގެ ކޮންޓްރޯލް އޮންނަ ސިކުނޑީގެ ބައިތަކުގައި އުފެދިފައި ހުންނަ ޓިއުމަރުތައް ނަގަން ހަދާ ސާޖަރީތަކުގައި ބަލި މީހާ ހޭ ނުނައްތާ އޮތުމުން ސާޖަރީ ހަދަމުންދާއިރު ބަލި މީހާ އާ ސުވާލު ކޮށްގެން ކިރިޔާ ވެސް ކަމެއް ގޯސްކޮށް ދާނަމަ ފަސޭހައިން އެކަމެއް އެނގި އަދި ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ އެކަން ފަސޭހައިން ރަނގަޅު ކޮށްލެވޭނެތީ އެގޮތަށް ސާޖަރީ ކުރިޔަށް ގެންދަން ޑޮކްޓަރުން ބޭނުންވަނީ އެވެ.
މި ސާޖަރީ ހެދި ނިއުރޯސާޖަން ޑރ. ރޮބާޓޯ ޓްރިގްނާނީ ވިދާޅުވީ އޭނާއާއެކު މި ސާޖަރީގައި 11 މެޑިކަލް ސްޓާފުން ހަރަކާތްތެރިވީ ކަމަށެވެ. މި މެތަޑް ބޭނުންކުރަނީ ބަލި މީހާގެ ހާލަތު މޮނިޓާ ކުރަން ފަސޭހަ ވެފައި ސިކުނޑީ ބައިތަކާ ކުޅެމުންދާއިރު އޭގެ އެއްވެސް ފަންކްޝަނަކަށް ކުޑަވެސް ގެއްލުމެއް ލިބޭނަމަ ފަސޭހައިން ދެނެގަނެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާއިތުވީ އަހަރުތަކުގައި ޑރ. ޓްރިގްނާނީ ވަނީ މިގޮތަށް ބަލިމީހާ ހޭލައްވާފައި ބާއްވައިގެން 60 ވަރަކަށް އޮޕަރޭޝަން ކޮށްފަ އެވެ. އަންކޯނާގައި މިގޮތަށް ސާޖަރީ ހެދި އެހެން މީހަކު ސާޖަރީ ހަދަމުންދިޔަ ވަގުތު އޮތީ ކާޓޫނު ފިލްމެއް ބަލާށެވެ.
ނަމަވެސް އަސްކޯލީ އޮލިވްސް ކިޔާ މި ކާ އެތި ތައްޔާރުކުރުން ތަންކޮޅެއް އުނދަގޫ ކަމަކަށް ވާނެކަން ޔަގީނެވެ. ނަމަވެސް އިޓަލީ މީޑިއާއިން ބުނި ގޮތުގައި މި ސާޖަރި ހަދަމުންދިޔައިރު އޮޕަރޭޝަން ތިއޭޓަރުވެސް ސިފަވީ ބަދިގެއެއް ގޮތަށެވެ.
އަސްކޯލީ އޮލިވްސް އަކީ އިޓަލީގެ މާޗޭ ރީޖަންގައި ޚާއްސަކޮށް ތައްޔާރުކުރާ ކާއެއްޗެކެވެ. މި ތައްޔާރުކުރަނީ ޒައިތޫނީގެ އޮށް ނަގާފައި މޮޑެފައިވާ މަސްގަނޑެއް އޭގެ ވަށައިގެން ތަތްކޮށްފައި ފުށާއި ބިހާއި ފާރޮށިކުނޑި އަށް ލާފަ ތެތްލައިގެންނެވެ.