ބޮލީވުޑް

ތަމަޅަ އެކްޓަރެއްގެ ލޯބީގެ ވާހަކައަށް އަސަރުގަދަ ނިމުމެއް

ޗިރަންޖީވީ ސާރްޖާއަކީ ކަންނާޑާ ފިލްމް އިންޑަސްޓްރީގެ "ސްވީޓްހާޓް" ނުވަތަ އެންމެ ލޯބިވާ މީހާ އެވެ. އުމުރުން އެންމެ 39 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެން މިދިޔަ ހަފުތާގައި ޗިރަންޖީވީ ވަނީ މި ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ.

އާދަޔާ ޚިލާފު ހުނަރުވެރި އެކްޓަރެއްގެ ހަޔާތުގައި ކުއްލިއަކަށް ނިމުން އައިއިރު އޭނާ އިންތިހާއަށް ލޯބިވީ އަންހެނުން މެގްނާ އިނީ އެމީހުންގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިނދެ ވިހަން ތައްޔާރުވެފަ އެވެ. ނަމަވެސް އަލަތު ދަރިފުޅު ދުށުމުގެ ނަސީބުވެސް ޗިރަންޖީވީ އަކަށް ނުލިބުނެވެ.

ޗިރަންޖީވްގެ ޖަނާޒާގައި އޭނާގެ މަރުވެފައިވާ މަސްގަނޑުގައި ބޯއަޅާލައިގެން ހިތް ހަލާކުވެފައިވާ ހާލުގައި އޮތް މެގްނާ ފެނިފައި އެތަނުގައި ތިބި އެންމެންނަށް ވެސް ބޭއިޚްތިޔާރުގައި ފެންކަޅި ވެވުނެވެ.

ޗިރަންޖީވީ އާއި މެގްނާގެ ހަގީގީ ލޯބީގެ ވާހަކަ ވަރަށް ރީއްޗެވެ. ނަމަވެސް ގިނަ ބަޔަކަށް މި ވާހަކައެއް ނޭނގެ އެވެ. މި ދެމަފިރިން 2018 ގައި މޭ މަހު ކައިވެނިކުރީ ލޯބިވެގެން އުޅޭތާ 10 ވަރަކަށް އަހަރު ފަހުންނެވެ. އޭގެ ކުރިން ވެސް އެމީހުންނަކީ ގާތް ދެ އެކުވެރިންނެވެ. އެހެންކަމުން ޗިރަންޖީވީގެ ހަޔާތުގެ ބޮޑު ބައެއް އޭނާ ހޭދަކޮށްފައިވަނީ މެގްނާއާ އެކުގައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ވަރަށް ރީތި މި ޖޯޑު ގިނަ ބަޔަކު ސިފަ ކުރަނި އެކަކު އަނެކަކަށްޓަކައި ލޯބިން ފިދާވެފައިވާ ދެ ލޯބިވެރިންގެ ގޮތުގަ އެވެ. އެމީހުން އުޅޭ މީހުން އެކަކު އަނެކަކު ދެކެ ވާ ލޯބި ހާމަ ވެ އެވެ. އަދި ދުވަހަކުވެސް މީހުންނަށް އެ ލޯބި ސިއްރުކުރާކަށް ވެސް އެމީހުން މަސައްކަތެއް ނުކުރެ އެވެ. ސޯޝަލް މީޑިއާ ފުރާލާފައި އެމީހުން އެކުގައި ނަގާފައިވާ ފޮޓޯތަކުން ވެސް އެކަކު އަނެކަކަށް އޮތް ލޯބި ވަރަށް ބޮޑަށް ހާމަވެ އެވެ. ޚާއްސަކޮށް މެގްނާގެ އިންސްޓަގްރާމް އެކައުންޓް ހާވާލުމުން ފިރިމީހާއަށްޓަކައި އޭނާގެ ހިތުގައި އޮތް ލޯބި ވަރަށް ބޮޑަށް ހާމަވެގެން ދެއެވެ.

"ބައެއް ފަހަރަށް އަހަރެން ހިތަށް އަރާ ކީއްވެބާއޭ މި މީހާ (ފިރިމީހާ) އެހާ ފުރިހަމަ މީހަކަށްވީ. އެހާވެސް އޭނާ ފުރިހަމަ،" ފިރިމީހާއަށް ތައުރީފުކުރަމުން މެގްނާ ފޮޓޯއެއްގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.

ނަމަވެސް ޗިރަންޖީވީ ވަނީ ކުއްލިއަކަށް މެގްނާއަށް އަލްވަދާއު ކިޔާ މި ދުނިޔެ ދޫކޮށް ގޮއްސަ އެވެ. އޭނާގެ ދުވަހަކުވެސް ފަނޑުނުވާނެ ހަނދާނެއް ހަދިޔާއެއްގެ ގޮތުގައި ދީފަ އެވެ. އެއީ އެމީހުންގެ އަލަތު ދަރިފުޅެވެ. ފިރިމީހާގެ ހަޔާތުގެ 39 އަހަރުގެ ތެރެއިން މަދުވެގެން 15 އަހަރަށް ހަމައެކަނި އޭނާއަށް ޓަކައި ވަގުފުކުރިކަން މިއީ މެގްނާއަށް މިވަގުތު ލިބޭނެ ހަމައެކަނި ހިތްހަމަޖެހުމެވެ.